ދުނިޔެ

ކުޑަކުދިންގެ ރައްކާތެރިކަމަށް މީސްމީޑިޔާ މަނާކުރި ފުރަތަމަ ޤައުމަކަށް އޮސްޓްރޭލިޔާ

ކުޑަކުދިންގެ ރައްކާތެރިކަމަށް މީސްމީޑިޔާ މަނާކުރި ފުރަތަމަ ޤައުމަކަށް އޮސްޓްރޭލިޔާ

ކުޑަކުއްޖެއް މީސް މީޑިއާގައި ފޮޓޯ ހިއްސާ ކުރަން ފޮޓޯ ނަގަނީ ފޮޓޯ: އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

10 ޑިސެމްބަރު 2025، 10:17

10 ޑިސެމްބަރު 2025، 10:17

އޮސްޓްރޭލިޔާގައި ޢުމުރުން 16 އަހަރުން ދަށުގެ ކުޑަކުދިން މީސްމީޑިޔާ ބޭނުންކުރުން މަނާކުރުމަށް ކުރިން ނިންމި ނިންމުން މިހާރު ވަނީ ތަންފީޒުކޮށްފައެވެ. މި ފިޔަވަޅަކީ އިންޓަނެޓުގެ ޒަރީޢާއިން ކުޑަކުދިންނަށް ކުރިމަތިވެދާނެ ނުރައްކާތަކުން އެ ކުދިން ރައްކާތެރިކުރުމަށް އެ ޤައުމުގެ ސަރުކާރުން އެޅި މުހިންމު ފިޔަވަޅެކެވެ.

މި ނިންމުމުގެ ދަށުން، ޓިކްޓޮކާއި ޔޫޓިއުބާއި އިންސްޓަގްރާމްއާއި ފޭސްބުކް ހިމެނޭ ގޮތަށް، ޢާންމުންގެ މެދުގައި އެންމެ މަޤުބޫލު މީސްމީޑިޔާގެ ދިހަ މަންސަ ކުޑަކުދިންނަށް ބޭނުން ނުކުރެވޭ ގޮތް ހެދުމަށް އޮސްޓްރޭލިޔާ ސަރުކާރުން ވަނީ އެ ކުންފުނިތަކަށް އަންގައިފައެވެ. އެ ގޮތަށް ޢަމަލުނުކޮށްފި ނަމަ، 33 މިލިޔަން އެމެރިކާ ޑޮލަރާ ހަމައަށް ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރު ސަރުކާރުން ވަނީ ދީފައެވެ. މީސްމީޑިޔާ މަންސަތައް ބޭނުންކުރާ ފަރާތްތަކުގެ ޢުމުރު ޔަޤީން ކުރުމަށް ތަފާތު އުކުޅުތައް ބޭނުންކުރަން ވެސް އެ ކުންފުނިތަކަށް ވަނީ އަންގާފައެވެ.

އޮސްޓްރޭލިޔާގެ ސަރުކާރުން ބުނީ، ކުޑަކުދިން މީސްމީޑިޔާ ބޭނުންކުރުން މަނާކުރުމަށް ނިންމީ އިންޓަނެޓުގެ ޒަރީޢާއިން ކުރިމަތިވާ ނުރައްކާތަކުން އެ ކުދިން ރައްކާތެރިކުރުމަށް ކަމަށެވެ. އެ ޤައުމުގެ ބެލެނިވެރިންނާއި ކުޑަކުދިންގެ ހައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުން ވަނީ ސަރުކާރުގެ މި ނިންމުން ބަލައިގަނެ، އެ ކަމަށް މަރުޙަބާ ކިޔައިފައެވެ. ނަމަވެސް، ޓެކްނޮލޮޖީ ކުންފުނިތަކާއި ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް ވަކާލާތުކުރާ ޖަމްޢިއްޔާތަކުން ދަނީ މި ނިންމުމާ ދެކޮޅަށް އަޑުއުފުލަމުންނެވެ.

އޮސްޓްރޭލިޔާގެ މި ނިންމުން ތަންފީޒުކުރުމުގައި ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ބެލެވެއެވެ. އެ ގޮތުން، ޢުމުރު ޔަޤީންކުރުމަކީ ފަސޭހަ ކަމަށް ނުވާނެ ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. ފޭކު އައިޑީއާއި ވީޕީއެން ބޭނުންކޮށްގެން އުމުރު އޮޅުވާލުމަކީ އުނދަގޫ ކަމަށް ނުވާނެ ކަމަށާއި، މީސްމީޑިޔާގެ ތަފާތު އެހެން ވަސީލަތްތައް ބޭނުންކޮށްގެން ކުޑަކުދިންނަށް އަދިވެސް މީސްމީޑިޔާ ބޭނުންކުރެވިދާނެ ކަމަށް ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.

އޮސްޓްރޭލިޔާގެ މި ނިންމުމާއެކު އެ ޤައުމުން ކުރާ ތަޖުރިބާއާއި ހޯދާ ކާމިޔާބީގެ މައްޗަށް ބަލައި، އެހެން ޤައުމުތަކުން ވެސް މި ފަދަ ފިޔަވަޅެއް އެޅުން އެކަށީގެންވެއެވެ. އެ ގޮތުން ޑެންމާކްއާއި ނިއުޒީލެންޑާއި މެލޭޝިޔާއިން މި ފަދަ ފިޔަވަޅެއް އެޅުމަށް ޝައުޤުވެރިވާ ކަމަށް އެނގިފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން