ދުނިޔެ

ޞުލްޙައިގެ މުޢާހަދާއަށްފަހު މިހާތަނަށް އިޒްރާއިލުން 738 ފަހަރު މުޢާހަދާއާއި ޚިލާފުވެއްޖެ

ޞުލްޙައިގެ މުޢާހަދާއަށްފަހު މިހާތަނަށް އިޒްރާއިލުން 738 ފަހަރު މުޢާހަދާއާއި ޚިލާފުވެއްޖެ

އިޒްރާއިލުން ޣައްޒާގެ ރައްޔިތުން ދިރިއުޅޭ ފޭލިގެތަކަށް ހަމަލާދީފައި

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

10 ޑިސެމްބަރު 2025، 11:07

10 ޑިސެމްބަރު 2025، 11:07

ޣައްޒާއަށް އިޒްރާއިލުން ދެމުންދާ ހަމަލާ ހުއްޓާލުމަށް ވެވުނު މުޢާހަދާއަށް 60 ދުވަސްވެފައިވާއިރު މިހާތަނަށް އިޒްރޭލުން 738 ފަހަރު މުޢާހަދާއާ ޚިލާފުވެފައިވާކަމަށް ޣައްޒާގެ މީޑިއާ އޮފީހުން ބުނެފިއެވެ.

ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން އަންގާރަ ދުވަހު ބުނި ގޮތުގައި، އޮކްޓޯބަރު 10 ގައި ހަމަލާ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، 60 ދުވަހުގެ ތެރޭގައި އިޒްރޭލުން ވަނީ އެއްވެސް ޝަރުތަކާ ނުލައި ހަމަލާގެ މުޢާހަދާގެ ޚިލާފަށް 738 ފަހަރު އަމަލުކޮށް، ސަތޭކަޔަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ޝަހީދުކޮށްފައެވެ.

ޣައްޒާގެ މީޑިއާ އޮފީހުން ބުނި ގޮތުގައި މި ޚިލާފުވުންތަކުގައި 386 އާންމު ރައްޔިތުން ޝަހީދުކޮށްލައިފައިވެއެވެ. 980 މީހުންނަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާތަކުގައި އަނިޔާވެ ގިނައިން ޝަހީދުވެފައިވަނީ ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިންނެވެ. އެއޮފީހުން ވަނީ އިޒްރޭލުން ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް ސިލްސިލާކޮށް ހިންގާ މި ހަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އެއީ ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނާއި އެއްބަސްވުމުގެ އިންސާނީ ޕްރޮޓޮކޯލާ ޚިލާފު ބޮޑު ކަމެއް ކަމުގައި ވެސް އެ އޮފީހުން ބުނެއެވެ.

އެއޮފީހުން އިތުރަށް ބުނި ގޮތުގައި އިޒްރޭލުން ވަނީ 205 ފަހަރު އާންމުންނަށް ބަޑިޖަހާފައި، 'ޔެލޯ ލައިން' އަށްވުރެ ބޭރުގެ ރަށުތަކަށް 37 ފަހަރު އަރާފައި، ޣައްޒާއަށް 358 ފަހަރު ބޮން އަޅައި ހަމަލާދީފައި އަދި 138 ފަހަރު މީހުންގެ މުދަލަށް ގެއްލުންދީފައިވެއެވެ.  މީގެ އިތުރުން 50 ދުވަހުގެ ތެރޭގައި 38 ފަލަސްތީނުގެ ރައްޔިތުން ޣައްޒާއިން ވަނީ ރަހީނުކޮށްފައެވެ. ފަލަސްތީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ނަސްލު ނައްތާލުމުގެ ހަނގުރާމަ ފެށުނު ފަހުން 70,100 އަށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ވަނީ ޝަހީދުކޮށްލައިފައިވެއެވެ.

ޢައްޒާގެ މީޑިއާ އޮފީހުން ބުނި ގޮތުގައި އިޒްރޭލުން ވަނީ މުހިންމު އިންސާނީ އެހީގެ ސާމާނު އެތެރެކުރުން ހުއްޓާލައި، ޣައްޒާގެ އަސާސީ ޚިދުމަތްތަކުގެ ޢުމްރާނީ ވަޞީލަތްތައް ހަލާކުކޮށްލާފައެވެ. އެ އޮފީހުގެ ޑިރެކްޓަރ އިސްމާއިލް އަލް-ޘަވާބްތާ ވިދާޅުވީ، “ޣައްޒާގެ އިންސާނީ ޙާލަތު ދަނީ ކޮންމެ ދުވަހަކު ވެސް އިތުރަށް ގޯސްވަމުން، އަދި އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ޢުމްރާނީ ތަރައްޤީ އާއި އަސާސީ ޚިދުމަތްތައް ވަނީ ހަލާކުވެފަ.”ކަމަށެވެ.

އެއޮފީހުން ފާހަގަކުރި ގޮތުގައި، ހަމަލާ ހުއްޓާލުމަށް އެއްބަސްވި 60 ދުވަހުގެ ތެރޭގައި ޣައްޒާއަށް އެތެރެކުރަން އެއްބަސްވި 36,000 ޓްރަކުގެ ތެރެއިން އެންމެ 13,511 ޓްރަކު އެކަނި ވަނީ އެތެރެކުރެވިފައެވެ. މިއީ ދުވާލަކަށް 600 ޓްރަކު އެތެރެކުރަން ހަމަޖެހިފައިވާއިރު، ދުވާލަކަށް އެވްރެޖްކޮށް އެތެރެކުރެވުނީ އެންމެ 226 ޓްރަކެވެ.

“މި ކަމުގެ ސަބަބުން ވަނީ ކާނާއާއި ބޭހާއި ފެނާއި ތެލުގެ ދަތިކަން އިތުރުކޮށް، ޣައްޒާގެ އިންސާނީ ކާރިސާ އިތުރަށް ބޮޑުވެފަ.” އިސްމާއިލް ވިދާޅުވިއެވެ.

މި މުއްދަތުގެ ތެރޭގައި، އެއްބަސްވުމުގައި ކަނޑައަޅާފައިވާ 3,000 ތެޔޮ ޓްރަކުގެ ތެރެއިން ޣައްޒާއަށް އެތެރެކުރެވުނީ އެންމެ 315 ތެޔޮ ޓްރަކެވެ. މިއީ ދުވާލަކަށް 50 ޓްރަކު އެތެރެކުރަން ހަމަޖެހިފައިވާއިރު، ދުވާލަކަށް އެވްރެޖްކޮށް އެތެރެކުރެވުނީ އެންމެ 5 ޓްރަކެވެ.

“މާނައަކީ އެއްބަސްވި ތެލުގެ 10 އިންސައްތަ އެކަނި އިޒްރޭލުން ވަނީ ފޯރުކޮށްދީފައި. މީގެ ސަބަބުން ހޮސްޕިޓަލްތަކާއި ފިހާރަތަކާއި ފެނާއި ނަރުދަމާގެ ޚިދުމަތްތައް ހުއްޓުމަކާ ގާތަށް ގޮސް، އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ދަތިކަން ވަނީ އިތުރުވެފަ.” އިސްމާއިލް އިތުރަށް ވިދާޅުވިއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން