ޚަބަރު
މަސްވެރިކަމުގެ ސިނާޢަތަށް ރައީސް ވެވަޑައިގެންނެވި ހުރިހާ ވަޢުދެއްވެސް ފުއްދޭނެ: ވަޒީރު ޝިޔާމް
މަސްވެރިކަމާ ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް
މަސްވެރިކަމުގެ ސިނާޢަތަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުތައް ދައުރުގެ ކުރީކޮޅު ފުއްދޭނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މަސްވެރިންގެ ދުވަހުގެ މުނާސަބާގައި ބެއްވި މަސްވެރިންގެ ގުންޒަރު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ބާއްވާ މި ގުންޒަރަކީ، މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ އެކި ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދައި، ސިނާޢަތް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތް ހިއްސާކުރުމަށް ބާއްވާ މުހިންމު ފޯރަމެކެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ވަޒީރު ޝިޔާމް ވަނީ މަސްވެރިންގެ ދުވަހުގެ ތަހުނިޔާ، މި ސިނާޢަތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް އަރިސްކުރައްވާފައެވެ.
ވަޒީރު ޝިޔާމް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރު ހަވާލުވިއިރު މަސްވެރިކަމުގެ ސިނާޢަތަށް ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވެފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ މި ސިނާޢަތަށް ގިނަ ވަޢުދުތަކެއް ވެވަޑައިގެންނެވީވެސް، ސިނާޢަތުގެ ހާލަތު އޮތް ގޮތުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންނަމަވެސް، އެ ވަޢުދުތައް ފުއްދުމަށް ސަރުކާރުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. ވަޒީރު ވިދާޅުވީ، ބައެއް ވަޢުދުތަކަކީ މާލީ ގޮތުން އިންތިޒާމުތަކެއް ހަމަޖައްސަންޖެހޭ ކަންތައްތަކަށްވާތީ ކުޑަކޮށް ދުވަސް ނަގާނެ ކަންކަން ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންވި ގާތްގަނޑަކަށް ހުރިހާ ވަޢުދެއްވެސް ފުއްދޭނެ ގޮތަށް ކަންކަން ތަރުތީބު ކުރެވެމުން އެބަދޭ" ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، މި ސިނާޢަތަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް މަސްވެރިންގެ އަޑު އަހައިގެން މަސައްކަތް ކުރުމަކީ ސަރުކާރުން އިސްކަމެއް ދޭ ކަމެއް ކަމަށެވެ. އެގޮތުން، މިހާތަނަށް ގިނަ ބައްދަލުވުންތަކެއް ބާއްވައި މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މަޝްވަރާ ހޯދާފައިވާ ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ޝިޔާމް ވިދާޅުވީ، ލިބޭ ޚިޔާލުތަކާއި މަޝްވަރާތަކުގެ ތެރެއިން ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ތަންފީޒުކުރެވޭ ކަންކަން ތަންފީޒު ކުރަމުންދާ ކަމަށާއި، މި ސިނާޢަތުގައި ހުރި ގޮންޖެހުންތަކަކީ ޒަމާންވީ ގޮންޖެހުންތަކަށްވުމާއެކު، ހައްލުކުރުމަށް ވަގުތު ނަގާނެ ކަމަށެވެ.
ދުވާފަރުގައި ކުރިއަށް ގެންދާ މަސްވެރިންގެ ގުންޒަރުގައި ރާއްޖޭގެ 9 އަތޮޅަކުން 40 މަސްވެރިން ބައިވެރިވެފައިވެއެވެ. މި ގުންޒަރުގައި މަސްވެރިންގެ ކަންބޮޑުވުންތައް ހުށަހެޅުމުގެ ފުރުސަތު ދެވިގެންދާއިރު، މަސްވެރިކަމުގެ ސިނާޢަތުގެ ކުރިއެރުމަށް ކުރަމުންދާ މަސައްކަތްތައް މަސްވެރިންނާއި ހިއްސާކޮށް، ބޭނުންވާ މަޢުލޫމާތު ސެޝަންތަކެއް ކުރިއަށް ގެންދެވޭނެއެވެ.