ދުނިޔެ

ޔަމަނުގެ ޞުލްޙައަށް އެހީތެރިވުމަށް ސަޢުދީ، އީރާން އަދި ޗައިނާއިން ގޮވާލައިފި

ޔަމަނުގެ ޞުލްޙައަށް އެހީތެރިވުމަށް ސަޢުދީ، އީރާން އަދި ޗައިނާއިން ގޮވާލައިފި

ހޫތީންގެ ސިފައިންގެ މީހެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

10 ޑިސެމްބަރު 2025، 01:35

10 ޑިސެމްބަރު 2025، 01:35

ސަޢުދީ ޢަރަބިއްޔާ، އީރާން އަދި ޗައިނާއިން އ.ދ. ގެ ބެލެނިވެރިކަމުގެ ދަށުން ޔަމަނުގެ މައްސަލައަށް ފުޅާ ސިޔާސީ ހައްލެއް ހޯދުމަށް މި ހަފްތާގެ ތެރޭގައި ގޮވާލައިފިއެވެ.

މި ގޮވާލުމަކީ އެ ޤައުމުގައި ހިނގަމުންދާ ހަނގުރާމަ ނިންމާލުމަށް ބައިނަލްއަޤްވާމީ ގޮތުން ޤަބޫލުކުރެވޭ ރޯޑްމެޕަށް އެ ތިން ޤައުމުން ދެމުންދާ ތާއީދު އާކުރުމެކެވެ.

މިކަން ހާމަވެގެން ދިޔައީ އީރާނުގައި ބޭއްވި ސަޢުދީ-ޗައިނާ-އީރާން ތިން ޤައުމުގެ ކޮމިޓީގެ ތިންވަނަ ބައްދަލުވުމުގައެވެ. މި ބައްދަލުވުން ބޭއްވީ ބެއިޖިން އެގްރީމަންޓަށް ފޮލޯއަޕް ކުރުމުގެ ގޮތުން ކަމަށް ސައުދީގެ ރަސްމީ ނިއުސް އެޖެންސީ އެސްޕީއޭ އިން ބުނެއެވެ. މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރ އޮފް ޕޮލިޓިކަލް އެފެއާޒް، މަޖިދު ތަޚްތު-ރަވަންޗީ، ސަޢުދީގެ ޑެޕިއުޓީ ފޮރިން މިނިސްޓަރ ވަލީދު ބިން ޢަބްދުލްކަރީމް އަލް-ޚުރައިޖީ، އަދި ޗައިނާގެ ނައިބު ފޮރިން މިނިސްޓަރ މިއާއޯ ދެޔޫ އެވެ.

ބެއިޖިން އެގްރީމަންޓަކީ 2023 ވަނަ އަހަރުގެ މާޗް މަހުގެ 10 ވަނަ ދުވަހު ޗައިނާ މެދުވެރިވެގެން ސަޢުދީ ޢަރަބިއްޔާ އާއި އީރާނާ ދެމެދު ސިޔާސީ ގުޅުން އަލުން ޤާއިމުކުރުމަށް އެއްބަސްވި އެއްބަސްވުމެވެ. 2016 ވަނަ އަހަރުން ފެށިގެން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ކެނޑިފައިވާ ޙާލަތަކަށް ނިމުމެއް ގެނައީ މި އެއްބަސްވުމުގެ ސަބަބުންނެވެ. ބައްދަލުވުމުގައި ސަޢުދީ އަދި އީރާނުގެ ފަރާތްތަކުން ވަނީ ބެއިޖިން އެގްރީމަންޓުގެ ހުރިހާ މާއްދާއެއް ތަންފީޒުކުރުމަށް ކަށަވަރުކަން ދީފައި ވެއެވެ. އަދި އ.ދ. ގެ ޗާޓަރާއި، އޯއައިސީ ޗާޓަރު، އަދި ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ތަބާވެ، ދެ ޤައުމުގެ ސިޔާދަތާއި، ސަރަހައްދީ އެއްބައިވަންތަކަން، މިނިވަންކަން އަދި ސަލާމަތަށް އިޚްތިރާމް ކުރުމުގެ މައްޗަށް ބިނާކޮށް އަވަށްޓެރި ރަނގަޅު ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރަމުން ގެންދާނެކަމަށް ވެސް އެއްބަސްވިއެވެ.

ޔަމަނުގެ މައްސަލައަށް ހައްލެއް ހޯދުމަށް އެ ތިން ޤައުމުން ތާއީދުކުރާކަން އެސްޕީއޭ އިން ވަނީ ހާމަކޮށްފައެވެ. އެސްޕީއޭ ބުނި ގޮތުގައި، އެ ތިން ޤައުމުން ވަނީ އ.ދ. ގެ ބެލެނިވެރިކަމުގެ ދަށުން ބައިނަލްއަޤްވާމީ ގޮތުން ޤަބޫލުކުރެވޭ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޔަމަނުގެ މައްސަލައަށް ފުޅާ ސިޔާސީ ހައްލެއް ހޯދުމަށް ތާއީދުކުރާކަން އަލުން ކަށަވަރުކޮށްދީފައެވެ.

ޔަމަނުގައި ދާޚިލީ ހަނގުރާމައެއް ފެށިފައިވަނީ 2014 ވަނަ އަހަރު އީރާނުގެ އެހީ ލިބޭ ހޫތީ ޖަމާއަތުން އެ ޤައުމުގެ ވެރިރަށް ސަނާ ހިފުމާ ގުޅިގެންނެވެ. އެކަމުގެ ސަބަބުން ޝަރުޢީ ސަރުކާރަށް ވަނީ އެ ޤައުމުގެ ދެކުނަށް ފިލަން މަޖުބޫރުވެފައެވެ.

މީގެ އިތުރުން، ތިން ޤައުމުން ވަނީ ފަލަސްތީނާއި ލުބްނާނު އަދި ސީރިޔާގައި އިޒްރޭލުން ހިންގާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލާފައެވެ. އަދި އީރާނުގެ ސަރަހައްދީ އެއްބައިވަންތަކަމަށް އަރައިގަތުމުގެ ޢަމަލުތަކާއި ހަމަލާތައް އެ ތިން ޤައުމުން ވަނީ ކުށްވެރިކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން