ދުނިޔެ

އަފްޣާނާއި ޕާކިސްތާނު ބޯޑަރުގައި ހަމަނުޖެހުންތަކެއް ހިނގައި ޕާކިސްތާނު ސިފައިންގެ 6 މީހަކު މަރުވެއްޖެ

އަފްޣާނާއި ޕާކިސްތާނު ބޯޑަރުގައި ހަމަނުޖެހުންތަކެއް ހިނގައި ޕާކިސްތާނު ސިފައިންގެ 6 މީހަކު މަރުވެއްޖެ

ޕާކިސްތާނާއި އަފްޣަނިސްތާނު ގުޅުވަދޭ ބޯޑަރު ސަރަހައްދު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

10 ޑިސެމްބަރު 2025، 02:08

10 ޑިސެމްބަރު 2025، 02:08

ޕާކިސްތާނާއި އަފްޣާނިސްތާނުގެ ބޯޑަރުގައި ހަމަނުޖެހުންތަކެއް ހިނގައި ޕާކިސްތާނު ސިފައިންގެ 6 މީހަކު މަރުވެއްޖެއެވެ.

ޕާކިސްތާނުގެ ހުޅަނގު އުތުރު ސަރަހައްދުގައި ހުންނަ ސެކިއުރިޓީ ޗެކްޕޮއިންޓަކަށް ދިން ހަމަލާއެއްގައި ސިފައިންގެ ހަ މީހަކު މަރުވިކަމަށް ޕާކިސްތާނުގެ އޮފިޝަލަކު ހާމަކޮށްފައިވާއިރު މި ހަމަލާއާ ގުޅިގެން ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު އޮތް ގުޅުން ވަނީ އިތުރަށް ހީނަރުވެފައެވެ.

ފުލުހުންނާއި ސެކިއުރިޓީ މަސްދަރުތަކުން ބުނި ގޮތުގައި، މި ހަމަލާ ދީފައިވަނީ ހޯމަ ދުވަހުގެ ރޭ ފެށިގެން އަންގާރަ ދުވަހުގެ ހެނދުނާ ދެމެދު، ޚައިބަރު ޕަޚްތޫންޚްވާ ޕްރޮވިންސްގެ ކުރުމް ޓްރައިބަލް ޑިސްޓްރިކްޓްގައި ހުންނަ ޗެކްޕޮއިންޓަކަށެވެ. ހަތިޔާރު އެޅި ބަޔަކު އެ ސަރަހައްދަށް ވަދެގަނެ، ދެފަރާތުގެ ދެމެދުގައި ބަޑީގެ ހަމަލާތައް ބަދަލުކޮށްފައިވެއެވެ. މި ކަންތައް ހިނގާފައި މިވަނީ ޕާކިސްތާނާއި އަފްޣާނިސްތާނުގެ ބޯޑަރު ސަރަހައްދުގައި ހަމަނުޖެހުންތައް ހިނގަމުންދާ ދަނޑިވަޅެއްގައެވެ. މިދިޔަ ހަފްތާތަކުގައި ހިނގި ހަމަނުޖެހުންތަކުގައި މިހާރު ވަނީ ގިނަ ޢަދަދެއްގެ މީހުން މަރުވެފައެވެ.

އޭއެފްޕީ ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާގެ ޒިންމާ ނަގާފައިވަނީ ޕާކިސްތާން ތާލިބާން ނުވަތަ ޓީޓީޕީ އިންނެވެ. ނަން ނުޖެހި ހުރި ސަރުކާރުގެ އޮފިޝަލަކު އޭއެފްޕީއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، "މި ހަމަލާގައި ސެކިއުރިޓީގެ ހަ މީހަކު މަރުވެ، ހަތަރު މީހަކު ޒަޚަމްވެފައިވާއިރު، ހަމަނުޖެހުމުގައި ދެ ހަނގުރާމަވެރިއަކު ވެސް މަރުވެފައިވާ” ކަމަށެވެ. 

ފާއިތުވި ދެ ދިހަވަރަކަށް އަހަރު ވެފައިވާ ޓީޓީޕީ އިން ވަނީ ފާއިތުވި އަހަރުތަކުގައި ޕާކިސްތާނުގެ ބޯޑަރު ސަރަހައްދުތަކަށް ދޭ ޙަމަލާތައް އިތުރުކޮށްފައެވެ. ޕާކިސްތާނުން ތުހުމަތު ކުރަނީ 2021 ވަނަ އަހަރު އަފްޣާނިސްތާނުގެ ވެރިކަން ހޯދި ޠާލިބާން ސަރުކާރުން މި ޖަމާއަތަށް ހިޔާވަހިކަން ދޭ ކަމަށެވެ. ނަމަވެސް އަފްޣާނިސްތާނުން މި ތުހުމަތުތައް ދޮގުކޮށް، ޕާކިސްތާނުގެ ސެކިއުރިޓީއަކީ އެތެރޭގެ މައްސަލައެއް ކަމަށް ބުނެއެވެ.

މިދިޔަ އޮކްޓޯބަރު މަހު ހިނގި ހަމަނުޖެހުންތަކުގައި 70 ވަރަކަށް މީހުން މަރުވެ، ސަތޭކަ އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވެއެވެ. ޤަތަރު، ތުރުކީ އަދި ސަޢުދީ ޢަރަބިއްޔާގެ މެދުވެރިކަމާއެކު އަފްޣާނިސްތާނާއި ޕާކިސްތާނުގެ އޮފިޝަލުން ވަނީ ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ނަމަވެސް، ދެ ޤައުމުގެ ގުޅުން އަދިވެސް ހުރީ ނާޒުކު ހާލަތެއްގައެވެ. ބޯޑަރު ހުރަސްކޮށް ދެމުންދާ ހަމަލާތަކާ ގުޅިގެން ހަމަނުޖެހުންތައް އަދިވެސް އިތުރަށް ހިނގަމުންދެއެވެ.

ހުކުރު ދުވަހު ބޯޑަރު ކްރޮސިންއެއްގައި ބަޑިޖަހައި ބޮމުގެ ހަމަލާތައް ބަދަލުކުރުމުގެ ސަބަބުން ހަތަރު އާންމު ރައްޔިތަކާއި ސިފައިންގެ މީހަކު މަރުވި ކަމަށް އަފްޣާނިސްތާނުން ބުނެއެވެ. މީގެ އިތުރުން، ޕާކިސްތާނުން އެ ޤައުމުގައި ތިބި މިލިއަނަކަށް ވުރެ ގިނަ އަފްޣާނިސްތާނުގެ ރެފިއުޖީން އަނބުރާ ފޮނުވާލުމުގެ މަސައްކަތް އަވަސްކޮށްފައި ވުމަކީ ވެސް ހަމަނުޖެހުން އިތުރުވާ ކަމެކެވެ.

ނަމަވެސް، އިސްލާމްއާބާދުން މިދިޔަ ހަފްތާގައި ބުނެފައިވަނީ އަފްޣާނިސްތާނަށް އދ. ގެ އެހީތައް ފޯރުކޮށްދިނުމަށް ވަރަށް އަވަހަށް ހުއްދަ ދޭން ފަށާނެ ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން