Ads by Stelco

ޚަބަރު

މެރިކަލްޗާ ވިޔަފާރި ކުރުމަށް ބޭނުންވާ ފަރާތްތަކަށް މޫދުކޮށި ގަތުމަށް ފައިނޭންސް ފޯރުކޮށްދިނުމަށް ހުޅުވާލައިފި

މެރިކަލްޗާ ވިޔަފާރި ކުރުމަށް ބޭނުންވާ ފަރާތްތަކަށް މޫދުކޮށި ގަތުމަށް ފައިނޭންސް ފޯރުކޮށްދިނުމަށް ހުޅުވާލައިފި

މެރިކަލްޗަރ ގެ މަސައްކަތް ކުރާ ތަނެއް. ފޮޓޯ: ފެންފުށި މެރިކަލްޗަރ އައިލެންޑް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

10 ޑިސެމްބަރު 2025، 02:49

10 ޑިސެމްބަރު 2025، 02:49

ދިވެހިރާއްޖޭގައި މެރިކަލްޗާ ސިނާއަތެއްގެ ގޮތުގައި ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި، އެ ދާއިރާގައި ހަރަކާތްތެރިވާ އަދި އަލަށް ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، މަސްވެރިކަމާއި ބެހޭ ވުޒާރާއާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން މެރިކަލްޗަރ ސްކީމް މިއަދު އިފްތިތާހުކޮށްފިއެވެ.

މި ސްކީމްގެ މައިގަނޑު މަޤްސަދަކީ، މެރިކަލްޗާގެ މަސައްކަތްތަކަށް ބޭނުންވާ މޫދުކޮށި ހޯދުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

އެސްއެމްއީން ވިދާޅުވި ގޮތުގައި، މި ސްކީމްގެ ސަބަބުން އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް މިހާރު ކުރަމުންދާ މަސައްކަތްތައް ފުޅާކުރުމަށާއި އަލަށް އެ ވިޔަފާރިއަށް ވަނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފަހި ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ.

މިއީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި އާ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ދެވޭ ބާރެކެވެ.

މެރިކަލްޗާ ވިޔަފާރިތައް ހިންގަން ޝައުޤުވެރިވާ ފަރާތްތަކަށް މޫދުކޮށި ދޫކުރުމަށް ހަމަޖެހިފައިވަނީ މަސްވެރިކަމާއި ބެހޭ ވުޒާރާއިންނެވެ. އަދި މި ކޮށިތައް ގަންނަން ބޭނުންވާ ފަރާތްތަކަށް އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް، ލުއިފަސޭހަ އިސްލާމީ އުސޫލުތަކެއްގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

މިގޮތުން، ޖުމްލަ 200 މޫދުކޮށި ފައިނޭންސް ކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެސްއެމްއީން ހާމަކުރެއްވި ގޮތުގައި، މި ސްކީމްގެ ދަށުން 80،000 ރުފިޔާއާއި 640،000 ރުފިޔާއާ ދެމެދުގެ ޢަދަދަކަށް ފައިނޭންސް ފޯރުކޮށްދެވޭނެއެވެ. ފައިނޭންސް އަނބުރާ ދެއްކުމަށް ގިނަވެގެން ހަ އަހަރު ދުވަހުގެ މުއްދަތެއް ލިބޭއިރު، މީގެ ތެރޭގައި ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ވެސް ހިމެނެއެވެ.

މި ފައިނޭންސިންއާ ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، މެރިކަލްޗާ ސިނާއަތެއްގެ ގޮތުގައި ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި، ފަސޭހަ އަދި ލުއި ގޮތެއްގައި މޫދު ކޮށިތަކަށް ފައިނޭންސް ލިބޭނެ އިންތިޒާމެއް ހަމަޖެހިގެން ދިއުމަކީ މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް މުހިންމު މާލީ އެހީތެރިކަމެއް ކަމަށެވެ.

"މި ފައިނޭންސިންގެ ބޭނުން ހިފައިގެން، މެރިކަލްޗަރގެ ވިޔަފާރިތައް އަލަށް ފަށަން ނުވަތަ މިހާރު ހިންގާ ވިޔަފާރިތައް އިތުރަށް ކުރިއަރުވަން ބޭނުންވާ ފަރާތްތަކަށް، އެ މަސައްކަތްތައް ކުރިއެރުވުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް އުންމީދުކުރަން،" ބަދުރުއްދީން ހަސަން ވިދާޅުވިއެވެ. އަދި މި ފަދަ ފަހި ފުރުސަތުތަކުގެ ސަބަބުން މެރިކަލްޗާ ސިނާއަތް ހަރުދަނާވެ އިތުރަށް ކުރިއަރައި ތަރައްޤީވެގެން ދިއުން ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން