ޚަބަރު
ޤައުމީ ވެކްސިން ޝެޑިޔުލްގައި އައު ދެ ވެކްސިނެއް ހިމަނައިފި
ކުޑަކުއްޖަކަށް ވެކްސިން ދެނީ. ފޮޓޯ: ޕީއެސްއެމް
ދިވެހިރާއްޖޭގެ ޤައުމީ ވެކްސިން ޝެޑިއުލްގައި އިތުރު ދެ ވެކްސިނެއް ހިމަނައި، އެ ވެކްސިންތައް މިއަދުން ފެށިގެން ދޭން ފަށައިފިއެވެ. މިގޮތުން ޤައުމީ ޝެޑިއުލްގައި ހިމެނުނީ "ނިއުމަ ކޯކަލް" އަދި "ރޯޓާ ވައިރަސް" ވެކްސިނެވެ.
ވެކްސިން ޕްރޮގްރާމްގެ ޑިރެކްޓަރ ނާޝިޔާ އަބްދުލް ޣަފޫރު ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މިއަދުން ފެށިގެން އެ ދެ ވެކްސިން ޤައުމީ ވެކްސިން ޝެޑިއުލްގައި ހިމަނައިގެން ދޭން ފަށާނެ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، މި ދެ ވެކްސިނަކީ ކުރިން އަމިއްލަ ގޮތުން ބޭނުންވާ މީހުންނަށް ގަނެގެން ދޭ ވެކްސިންތަކެއް ނަމަވެސް، ޤައުމީ ޝެޑިއުލްގެ ތެރޭގައި ހިމެނުމުން އެހެން ވެކްސިންތަކެކޭ އެއްގޮތަށް ދެމުން ގެންދާނެ ކަމަށާއި، އެއްވެސް އަގަކާ ނުލާ ވެކްސިން ސެންޓަރުތަކުން މިވެކްސިންތައް ލިބެން ހުންނާނެ ކަމަށެވެ.
މި ދެ ވެކްސިނަކީ ކުޑަކުދިންނަށް ދިމާވާ ނުރައްކާތެރި ބަލިތަކުން ރައްކާތެރިވުމަށް ވަރަށް މުހިންމު ދެ ވެކްސިނެވެ. ނިއުމޯ ކޮކަލް ވެކްސިނަކީ ނިއުމޯނިޔާ އަދި މެނިންޖައިޓިސް ފަދަ ބަލިތަކުން ރައްކާތެރި ވުމަށް ޖަހާ ވެކްސިނެކެވެ. އަދި ރޮޓާ ވައިރަސް ވެކްސިނަކީ ބޭރަށް ހިންގުމާއި ގިނައިން ހޮނޑުލުން ފަދަ ކަންކަމުން ދުރުކޮށްދިނުމަށް ދޭ ވެކްސިނެކެވެ. މި ވެކްސިންތައް ދޭން ހަމަޖައްސާފައިވަނީ އުމުރުން 2 މަހާއި، 4 މަސް އަދި 6 މަހުގެ ކުދިންނަށެވެ.
މީގެ ކުރިން ނިއުމޯ ކޮކަލް އަދި ރޮޓާ ވައިރަސްއަކީ އޮޕްޝަނަލް ދެ ވެކްސިން ކަމަށްވުމާއިއެކު، އާސަންދައިން އެ ވެކްސިންތަކުގެ ޚަރަދު ކަވަރު ނުކުރެއެވެ. ނަމަވެސް، ޤައުމީ ޝެޑިއުލްގައި މި ދެ ވެކްސިން ހިމެނުމުން، އެހެން މަޖުބޫރު ވެކްސިންތަކެކޭ އެއްފަދައިން އާސަންދައިން މި ވެކްސިންތަކުގެ ޚަރަދު ކަވަރު ކުރާނެއެވެ. ޤައުމީ ޝެޑިއުލްގައި މީގެ ކުރިން ހިމެނޭ މަޖުބޫރު ވެކްސިންތަކުގެ ތެރޭގައި އެމްއެމްއާރު، ޕޯލިއޯ، ހެޕަޓައިޓިސް، އަދި ޓެޓްނަސް ފަދަ ވެކްސިންތައް ހިމެނެއެވެ.