ޚަބަރު
އިންޑޮނޭޝިޔާގެ އޮފީސް ޢިމާރާތެއްގައި ހިނގި އަލިފާނުގެ ޙާދިސާއާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ
ރައީސް ޑރ. މުޢިއްޒު ރާއްޖޭގެ ފަރާތުން އިންޑޮނޭޝިޔާއަށް ތަޢުޒިޔާ ފޮނުއްވުން.
ފަރުދުން
10 ޑިސެމްބަރު 2025، 05:05
10 ޑިސެމްބަރު 2025، 05:05
އިންޑޮނޭޝިޔާގެ ޖާކަރްޓާގެ އޮފީސް ޢިމާރާތެއްގައި ހިނގި އަލިފާނުގެ ޙާދިސާއާ ގުޅިގެން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިންޑޮނޭޝިޔާގެ ރައީސް ޕްރަބޯވޯ ސުބިއަންތޯއަށް ތަޢުޒިޔާގެ މެސެޖެއް އަދު ފޮނުއްވައިފިއެވެ.
އިންޑޮނޭޝިޔާގެ ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، ރައީސް ޑރ. މުޢިއްޒު ވަނީ ދިވެހިރާއްޖޭގެ ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، މި ޙާދިސާގެ ސަބަބުން އަސަރުކުރި ޢާއިލާތަކަށާއި، އިންޑޮނޭޝިޔާ ރައްޔިތުންނަށް ތަޢުޒިޔާ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވީ، މި ޙާދިސާގެ ސަބަބުން އެތައް ބަޔެއްގެ ފުރާނަތައް ގެއްލި، އެތައް ބަޔަކު ޒަޚަމްވެ، ބޮޑެތި ގެއްލުންތަކެއް ލިބުނުކަން އެނގިވަޑައިގަތުމުން ނުހަނު ހިތާމަކުރައްވާ ކަމަށެވެ. އަދި މި ޙާދިސާގައި އަސަރުކުރި ފަރާތްތަކަށް ހިތްވަރާއި ތަސައްލީ ލިބުމަށް އުންމީދު ކުރައްވާ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން، މި ޙާދިސާގައި އަނިޔާ ލިބި، ގެއްލުންތައް ތަޙައްމަލުކުރަން ޖެހިފައިވާ ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން، ވީހައި އަވަހަކަށް އެ ކަމުން އަރައިގަނެވޭނެ ގޮތް މިންވަރުކުރެއްވުމަށް ރައީސް ވަނީ ދުޢާކުރައްވާފައެވެ.
އިއްޔެ މެންދުރު އިންޑޮނޭޝިޔާގެ ޖާކަރްޓާގައި މި ޙާދިސާ ހިނގާފައިވަނީ، ހަތް ފަންގިފިލަޔަށް ނަގާފައިވާ އޮފީސް ޢިމާރާތެއްގައެވެ. ފުރަތަމަ، އަލިފާން ރޯވީ އެއްވަނަ ފަންގިފިލާގައެވެ. އަދި އެއަށް ފަހު، މަތީ ފަންގިފިލާތަކަށް ހުޅުގަނޑު ފެތުރުނީއެވެ.
އިންޑޮނޭޝިޔާގެ ރަސްމީ މަޞްދަރުތަކުން ހާމަކުރާ ގޮތުގައި، މި އަލިފާންގަނޑު ނިއްވުމުގައި މަދުވެގެން 100 ފަޔަރފައިޓަރުންނާއި 29 ފަޔަރ ޓްރަކް ޙަރަކާތްތެރިވެފައިވެއެވެ. އަދި އެ އަލިފާންގަނޑު ނިއްވާލެވުނީ، 3 ގަޑިއިރުގެ މަސައްކަތުންނެވެ.
އިންޑޮނޭޝިޔާގައި އިއްޔެ ހިނގި އަލިފާނުގެ ޙާދިސާގައި މަރުވި މީހުންގެ ތެރޭގައި ހަތް ފިރިހެނުންނާއި، 15 އަންހެނުން ހިމެނޭއިރު، އޭގެ ތެރެއިން އެއް އަންހެނަކީ މާބަނޑު އަންހެނެއް ކަމަށް ޚަބަރުތަކުގައި ރިޕޯޓުކުރެއެވެ.
President sends condolences to Indonesia in the wake of the Jakarta office fire https://t.co/ZDeHIqVimu pic.twitter.com/UcNwo3HcoZ
— The President's Office (@presidencymv) December 10, 2025