ޚަބަރު
ބޮޑުކަންނެލި މަސް ޕްރޮސެސް ކުރުމަށް ޤާއިމްކުރާ ފެސިލިޓީގެ ޢަމަލީ މަސައްކަތް އަންނަ ޖެނުއަރީ މަހު ފެށުމަށް ތައްޔާރުވަނީ!
މަސްވެރިކަން ކުރާ ދޯންޏެއް/ފޮޓޯ: ވުޒާރާ
ބޮޑުކަންނެލި މަސް ޕްރޮސެސް ކުރުމަށް ޤާއިމްކުރާ ފެސިލިޓީގެ ޢަމަލީ މަސައްކަތް އަންނަ ޖެނުއަރީ މަހު ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް މަސްވެރިކަމާ ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ބޮޑުކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯއްދަވާދެއްވާނެކަމުގެ ޔަޤީންކަން ދެއްވާ 'އެކްސް' ގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރު ވިދާޅުވީ، ބޮޑުކަންނެލި މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޮޑުކަންނެލި ގަންނަ ކުންފުނިތަކަށް ވިއްކާފަ ހުރި ކުންފުންޏަށް ފައިސާ ނުލިބި ދިގުލައިގެންދާ މައްސަލައާއި، މަސްވެރިކަން ރަނގަޅުވާ ވަގުތު ކަންނެލީގެ އަގު ދަށްވާ މައްސަލަ ކަމަށެވެ. އެހެންކަމުން، މިކަން ޙައްލުކުރުމަށް ބޮޑުކަންނެލި މަސްވެރިން ހުށަހަޅަނީ، ސަރުކާރުން އެކަމުގެ ތެރެއަށް ވަދެ، ކަންނެލި މަހުގެ ވިޔަފާރީގައި ސަރުކާރުގެ ދައުރު ފުޅާކުރުންކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ސަރުކާރުން ބޮޑުކަންނެލި މަސްވެރިންނަށް ވެފައިވާ ވަޢުދުތައް ވީހާވެސް އަވަހަށް ތަންފީޒުކުރުމަށް އެދޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ބޮޑުކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކަށް ޙައްލު ގެނައުމަށް ކުރައްވަމުން ގެންދަވާ މަސައްކަތަށް އަލިއަޅުއްވާލާ ވަޒީރު އިތުރަށް ވިދާޅުވީ، ހުޅުމާލޭގައި ބޮޑުކަންނެލި މަސް ޕްރޮސެސް ކުރުމަށް ސަރުކާރުން ޤާއިމްކުރާ ފެސިލިޓީގެ މަސައްކަތް މި އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް މިހާރު ވަމުން އަންނަ ކަމަށެވެ. ހަމަ އެހެންމެ، މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ކަންނެލި މަސްވެރިން އެންމެ ބޮޑަށް އެދެމުންދިޔަ ގޮތަށް، ރައީސްގެ ޚާއްޞަ އިރުޝާދުފުޅާއެކު މާލެ ސަރަޙައްދުން ތެލުގެ އަގަށް ހެޔޮ ބަދަލެއް ގެނެސް، ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމު އެސްޓީއޯ މެދިވެރިކޮށް ހަމަޖެއްސިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން،ގެ ރާއްޖޭގެ ކޮންމެ އަތޮޅަކުން މަދުވެގެން އެއް ރަށުން އެސް.ޓީ.އޯ. ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ހަމަޖެހޭނެ ކަމުގެ އުފާވެރި ޚަބަރު ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީގެ ކުރިން އެކި ރަސްމިއްޔާތުތަކުގައި ދެއްވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. ހަމަ އެހެންމެ، ސަރުކާރުން ދަނީ މަސްވެރިކަމުގެ ސިނާޢަތުގެ ތަރައްޤީއަށް އެތައް ކަމެއް ކުރައްވަމުންކަމަށް ވަޒީރު ވިދާޅުވިއެވެ.
ކުރިއަށް އޮތީ މަސްވެރި ޢާއިލާތަކަށް އުފާވެރި ދުވަސްތަކެއް ކަމަށާއި، މި ސަރުކާރަކީ ރާއްޖޭގެ ހުރިހާ ބާވަތެއްގެ މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް މަޢުނަވީ ޙައްލެއް ހޯދައިދޭނެ ސަރުކާރެއްކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.