ޚަބަރު
އިލެކްޓްރޯނިކް ކުނީގެ ދިރާސާގެ ހޯދުންތައް އެމް.އެން.ޔޫ.ގައި ހުށަހަޅައިފި
އެމްއެންޔޫގައި ހުށަހެޅުން/ފޮޓޯ: ވުޒާރާ
އިހަވަންދިއްޕޮޅުގެ އީ-ވޭސް (އިލެކްޓްރޯނިކް ކުނި)ގެ ބޭސްލައިން އެސެސްމަންޓް އަދި އީ-ވޭސް ރީސައިކަލް ކުރުމުގެ ބާޒާރު ދިރާސާގެ ހޯދުންތައް އެމް.އެން.ޔޫ.ގައި ހުށަހަޅައިފިއެވެ.
ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ދިރާސާ ކުރިއަށްގެންގޮސްފައި ވަނީ "އެލިމިނޭޓިންގ ޕޮޕްސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް ޕްރޮޖެކްޓް"ގެ ވެށި ކުދި ހިލޭ އެހީގެ ޕްރޮގްރާމުގެ އެހީއާއެކުގައި ކަމަށެވެ. އަދި މި ދިރާސާގެ މަސައްކަތްތައް ހިންގާފައިވަނީ ހޯރަފުށި، އުލިގަން، މޮޅަދޫ އަދި ތުރާކުނުގައި ކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.
އެމް.އެން.ޔޫ. ގައި ބޭއްވުނު މި ސެޝަންގައި، ރާއްޖޭގައި އީ-ވޭސްގެ މައްސަލަތައް ދިމާވާގޮތާއި، މިހާރު ކުނި ނައްތާލާގޮތުގެ އިތުރުން، މި މައްސަލަތައް ޙައްލުކުރުމަށް މުޖުތަމަޢާއި މުއައްސަސާތަކުގެ ބައިވެރިވުން އިތުރުކުރުމަށް ހުރި ފުރުޞަތުތަކުގެ މައްޗަށް ވަރަށް ބޮޑަށް އަލިއަޅުވާލާފައިވާކަމަށް ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އަދި މި ދިރާސާއިން ލިބުނު ހޯދުންތަކުގެ ސަބަބުން، ރާއްޖޭގައި ނުރައްކާތެރި ކުނި މެނޭޖްކުރުން ރަނގަޅުކުރުމަށް ކުރިއަށްގެންދާ ޤައުމީ މަސައްކަތްތަކަށް މުހިންމު މަޢުލޫމާތު ލިބިގެންދިޔަކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ.
މީގެ ސަބަބުން، އިލެކްޓްރޯނިކް ކުނީގެ މައްސަލައަށް ދެމެހެއްޓެނިވި ޙައްލެއް ހޯދުމަށް ފަސޭހަވެގެންދާނެ ކަމަށް އެ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.