ވިޔަފާރި / ޚަބަރު
ނޮވެންބަރު މަހު މީރާއަށް 2.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ
މީރާ ކަސްޓަމަރ ސާރވިސް ސެންޓަރ / ފޮޓޯ: އެޓޯލް ޓައިމްސް
ފަރުދުން
10 ޑިސެމްބަރު 2025، 10:23
10 ޑިސެމްބަރު 2025، 10:23
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ހުސްވި ނޮވެންބަރު މަހު 2.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.
އެ އޮތޯރިޓީއިން މިއަދު އާންމުކުރި ތަފާސްހިސާބު ތަކުން ދައްކާ ގޮތުގައި، މިއީ އެ އޮތޯރިޓީއިން ލަފާކުރި އާމްދަނީއަށް ވުރެ %6.7 އިތުރު އަދަދެކެވެ. އަދި އެއީ މިދިޔަ އަހަރުގެ ނޮވެމްބަރުގައި ލިބުނު އާމްދަނީއަށް ވުރެ %16.6 އިތުރު އަދަދެކެވެ.
މި އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ރާއްޖެއަށް މި މުއްދަތުގައި އައި ފަތުރުވެރިން އިތުރުވުމެވެ. ފަތުރުވެރިން އިތުރުވުމުގެ ސަބަބުން ވަނީ ޓީޖީއެސްޓީ، ގްރީން ޓެކްސް އަދި އެއާޕޯޓް ޓެކްސްގެ ގޮތުގައި ލިބުނު އަދަދު އިތުރުވެފައެވެ.
އަދި އާމްދަނީގެ އެންމެ ބޮޑު އިންސައްތައެއް ޚިއްޞާކުރަނީ ޖީއެސްޓީއެވެ. އެއީ %59.1 އެވެ.
އޭގެ އިތުރުން މީރާއިން ބުނީ އާމްދަނީ %21 ހިއްސާކުރަނީ، ކުރިން ނުލިބިވާ ފައިސާ އަނބުރާ ހޯދަން ކުރި މަސައްކަތުން ލިބުނު ފައިސާ ކަމަށެވެ.
ނޮވެންބަރު މަހު ލިބުނު އާމްދަނީގެ %6 އިންކަމް ޓެކްސް ވެސް ޙިއްޞާކުރެއެވެ. ދެން އެންމެ ބޮޑު އަދަދެއް ޚިއްޞާކުރަނީ ވޯކް ޕާރމިޓް ފީގެ ގޮތުގައި ލިބުނު އާމްދަނީއެވެ. އެއީ ޖުމްލަ އާމްދަނީގެ %2.9އެވެ.