ކުޅިވަރު

ސިޓީއިން ފަހަތުން އަރާ ރެއާލް ބަލިކޮށް، އަލޮންސޯގެ ކުރިމަގާމެގު އުފެދޭ ސުވާލުތައް އިތުރުކޮށްފި

ސިޓީއިން ފަހަތުން އަރާ ރެއާލް ބަލިކޮށް، އަލޮންސޯގެ ކުރިމަގާމެގު އުފެދޭ ސުވާލުތައް އިތުރުކޮށްފި

އާރލިން ހާލަންޑު މެންޗެސްޓަރ ސިޓީގެ ޕެނަލްޓީ ކާމިޔާބުކޮށްދެނީ / ފޮޓޯ: ރޮއިޓާސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

11 ޑިސެމްބަރު 2025، 06:42

11 ޑިސެމްބަރު 2025، 06:42

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ބުދަދުވަހުގެރޭ މެންޗެސްޓަރ ސިޓީއިން ފަހަތުން އަރާ ރެއާލް މެޑްރިޑް ބަލިކޮށް، ޒަބީ އަލޮންސޯގެ ކުރިމަގާމެދު އުފެދޭ ސުވާލުތައް އިތުރުކުރުމަށް ދޮރުހުޅުވާލަދީފިއެވެ.

މެޑްރިޑްގެ ސެންތިއާގޯ ބާރނަބެއުގައި ކުޅުނު މި މެޗު ސިޓީއިން ކާމިޔާބުކުރީ 2-1އިންނެވެ. 

މި މެޗަށް ރެއާލް ނިކުތީ އަނިޔާގައި ހުރި ކީލިއަން އެމްބައްޕޭ ނުލައެވެ. އަދި ރޮޑްރީގޯގެ ގޯލަކުން އެ ޓީމު ވަނީ 28ވަނަ މިނެޓުގައި ލީޑު ނަގާފައެވެ. ނަމަވެސް އޭގެ 7 މިނެޓު ފަހުން ނިކޯ އޯރެލީ އަދި ހާފު ނިމެން ދެ މިނެޓަށްވެފައި ވަނިކޮށް އާރލިން ހާލަންޑު ކާމިޔާބުކުރި ޕެނަލްޓީއާއެކު ސިޓީ ވަނީ ފުރަތަމަ ހާފުގައި ލީޑުނަގައި، އެ ލީޑު ދަމަހައްޓާ މެޗު ކާމިޔާބުކޮށްފައެވެ.

މި މެޗުން ބަލިވެއްޖެނަމަ އަލޮންސޯގެ ވަޒީފާ ޔަޤީންކަމާއެކު ގެއްލޭނެކަމަށް، މެޗުގެ ކުރިން ސްޕެއިންގެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. ނަމަވެސް މެޗުން ކާމިޔާބު ނުކުރެވުނަށް ރެއާލްއިން ވަނީ މޮޅު ކުޅުމެއް ދައްކައި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. 

އެކަމަކު އިތުރު ގޯލެއް ކާމިޔާބު ނުކުރެވުން ވެގެންދިޔާއި، ފާއިތުވި 8 މެޗުގެ ތެރެއިން އެ ޓީމަށް މޮޅު ނުވެވި ނިމުނު 6ވަނަ މެޗަށެވެ. އަދި 15ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ރެއާލް އޮތީ މުބާރާތުގެ ލީގު-ފޭސްގެ ގަދަ 8ގެ ޖާގައަކާއެކު، ޕްލެ-އޮފް ނުކުޅެ ސަލާމަތްވާނެކަމަށް ޝައްކު އުފެދޭ ހިސާބެއްގައެވެ. މުބާރާތުގެ ގަދަ-16ގެ ސީދާ ޖާގަ ލިބޭނީ ލީގު-ފޭސްގެ އެންމެ މޮޅު 8 ޓީމަށެވެ.

ރެއާލްއަށް މި ސީޒަނުގައި އެންމެ ގިނަ ގޯލު ޖަހަމުން އަންނަ އެމްބައްޕޭގެ ބަދަލުގައި މި މެޗަށް ނެރެފައި ވަނީ 21 އަހަރުގެ ގޮންޒާލޯ ގާސިއާއެވެ. އެމްބައްޕޭ ބޭނުން ނުކުރުމަށް އަލޮންސޯ ނިންމީ އޭނާގެ ކަކުލަށް ލިބިފައިވާ އަނިޔާއަކާ ގުޅިގެން، ކުޅެން ނެރެފިނަމަ އިތުރަށް އަނިޔާ ވެދާނެތީކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ. 

މިދިޔަ ސީޒަންގައި ރެއާލްއިން ވަނީ ޕްލޭ-އޮފް ބުރުން ސިޓީ ކަޓުވާލާފައެވެ. އެ މެޗު 6-3ގެ އެގްރިގޭޓް ސްކޯރއަކުން ރެއާލް ކާމިޔާބުކުރިއިރު، އެމްބައްޕޭ ވަނީ 4 ގޯލު ކާމިޔާބުކޮށްފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ، އޭނާގެ ޓީމު އަދިވެސް އޮތީ ބަދަލެއްގެ ތެރޭގައި ކަމަށާއި، ރެއާލް ބަލިކުރެވުނަށް އަދި މުބާރާތް ކާމިޔާބުކުރެވޭހާ ފެންވަރު ހުރި ކަމަށް ޤަބޫލުނުކުރާ ކަމަށެވެ. 

އެގޮތުން ނޮކް އައުޓް ބުރަށް ދާއިރު މިހާރަށް ވުރެ ރަނގަޅުވާނެކަމަށް ވެސް އޭނާ ބުންޏެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން