ޚަބަރު
3 ވުޒާރާއެއް ހިންގި އިމާރާތުގައި އަލިފާން ރޯވި ޙާދިސާއާ ގުޅިގެން ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީއެއް!
ރަސްމިއްޔާތުގެ ތެރެއިން/ފޮޓޯ: ވުޒާރާ
3 ވުޒާރާއެއް ހިންގި އިމާރާތުގައި އަލިފާން ރޯވި ޙާދިސާއާ ގުޅިގެން ޗައިނާ ސަރުކާރުން 2.8 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދީފިއެވެ.
މި ޙާދިސާގެ ސަބަބުން އެތައް ވުޒާރާއެއްގެ މަސައްކަތަށް ބުރޫއެރުމާ ގުޅިގެން ޗައިނާގެ ފަރާތުން ދެއްވި ކުއްލި އެހީތެރިކަމަށް ދިވެހި ސަރުކާރުގެ ނަމުގައި މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވަނީ ޝުކުރު ދަންނަވާފައެވެ.
އެގޮތުން، އެހީގެ ތަކެތި ރަސްމީކޮށް ހަވާލުކުރުމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ، ޗައިނާ ސަރުކާރުން ދެއްވި އެހީތެރިކަމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ވަޒީރު ވިދާޅުވީ، 2.8 މިލިއަން އެމެރިކާ ޑޮލަރުގެ މި އެހީތެރިކަމުގެ ސަބަބުން ސަރުކާރުގެ މުހިންމު މަސައްކަތްތައް އަލުން ފެށުމަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ. މި ކުއްލި އެހީގެ ޕެކޭޖްގައި ޙާދިސާގައި ގެއްލުނު ތަކެތީގެ ބަދަލުގައި ބޭނުންވާ އޮފީސް ސާމާނާއި ފަރުނީޗަރު ހިމެނެއެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ، ޗައިނާއިން އެހީތެރިކަން ފޯރުކޮށްދިނުމަކީ ހަމައެކަނި ޢަމަލީ އެހީތެރިކަމެއް ނޫން ކަމަށާއި، އެއީ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މުހިންމުކަން ދައްކުވައިދޭ ކަމެއް ކަމަށެވެ. ހަމަ އެހެންމެ، ވަޒީރު ވަނީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އުމްރާނީ ތަރައްޤީއާއި، ތަރައްޤީއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ދިވެހިރާއްޖޭގެ އެކި ދާއިރާތަކުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ޗައިނާ ސަރުކާރުން ދެމުންގެންދާ އެއްބާރުލުން ފާހަގަކުރައްވާފައެވެ.
ހަމަ އެއާއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުތަކާއި، ޗައިނާގެ ރައީސް ޝީ ޖިންޕިންގއާ ބައްދަލުކުރެއްވުމުގެ ސަބަބުން ދެ ޤައުމުގެ ދެމެދު އޮތް އިތުބާރު އިތުރުވެ، އެ ގުޅުން ފުޅާވެފައިވާކަން ވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އަދި ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާއެކު ހެންޑޯވަރ ސެޓްފިކެޓްގައި ސޮއިކުރައްވައި، ރަސްމީކޮށް ދިވެހި ސަރުކާރަށް އެހީގެ ތަކެތި މިއަދު ވަނީ ފޯރުކޮށްދެއްވާފައެވެ.
ވަޒީރު ވަނީ، ދެ ޤައުމަށް ވެސް ފައިދާވާނެ ގޮތަކަށް ޗައިނާއާ އެކު އޮތް އެއްބާރުލުން އިތުރަށް ފުޅާކުރުމަށް ދިވެހިރާއްޖެއިން ޢަޒުމު ކަނޑައަޅާފައިވާކަމުގެ ޔަޤީންކަން ދެއްވާފައެވެ.