ޚަބަރު
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ފަހިވުމަކީ އެތައްގޮތަކުން ފައިދާއާއި މަންފާ ހުރި ކަމެއް: ފަސްޓް ލޭޑީ
މެޑަމް ސާޖިދާ މުޙައްމަދު/ފޮޓޯ: ރައީސް އޮފީސް
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ފަހިވުމަކީ މުވައްޒަފުގެ ޢާއިލާއާއި ޤައުމަށް އެކަމުގައި އެތައްގޮތަކުން ފައިދާއާއި މަންފާ ހުރި ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ލިޔުން ޙަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެކަމަނާގެ ވާހަކަފުޅުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް، ވަޒީފާގެ މާހައުލަށް ނެރުމަކީ ޞިއްޙީ ގޮތުންނާއި، ދިރިއުޅުމުގެ އާދަތަކާއި މާލީގޮތުން ފުދުންތެރިކަން އިތުރުވެގެން އަންނާނެކަމެއް ކަމަށް ފާހަގަކުރެއްވިއެވެ. އެގޮތުން، ވާޒީފާގެ މާހައުލުގައި އައު ރައްޓެހިން ލިބުމަކީ ނަފްސާނީގޮތުން ލިބޭ ހިތްހަމަޖެހުމެއް ކަމަށާއި، މީހުންގެ ތަޢުރީފާއި ހެޔޮބަސްތަކުގެ ސަބަބުން އަމިއްލަ ނަފްސަށް ކުރާ އިތުބާރު، އިތުރުވެގެންދާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ. ހަމަ އެހެންމެ، ވަޒީފާގެ ފުރުޞަތު ފަހިވެގެންދިޔަ ފަރާތްތަކަށް، މިއީ އެކިކަހަލަ ހުނަރުތައް އަށަގަތުމާއި އެ ހުނަރުތައް ތަރައްޤީކުރުމަށް ލިބޭ ފުރުޞަތެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
First Lady @sajidhaamohamed graces the @STELCOMALDIVES’ ceremony to award appointment letters to the newly employed persons with disabilities. This significant initiative promotes inclusion by providing tailored employment and training opportunities. pic.twitter.com/aWXz90Ez2S
— The President's Office (@presidencymv) December 11, 2025
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމަށް ސަރުކާރުން ހިންގާ މި ޕްރޮގްރާމަކީ ބައެއް ކަހަލަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އާމްދަނީ ހޯދޭނެ މަގުތަކެއް ފަހިކޮށްދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކަނޑައެޅުއްވި ސިޔާސަތުގެ ދަށުން ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ. މިއަދުގެ ރަސްމިއްޔާތުގައި، މެޑަމް ސާޖިސާ މުޙައްމަދު ވަނީ ސްޓެލްކޯގެ ވަޒީފާއާ އަލަށް ގުޅުނު 30 ފަރާތަށް ވަޒީފާގެ ލިޔުން ޙަވާލުކޮށްދެއްވާފައެވެ. އަދި އެކަމަނާ ވަނީ، ސްޓެލްކޯ އަށް 21 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ މުވައްޒަފެއް ކަމަށްވާ އަހްމަދު އަޒްމީލް މިއަދު ނިޔާވުމާއި ގުޅިގެން ސްޓެލްކޯއަށާއި އެ މަރުހޫމްގެ އާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ.
މި ރަސްމިއްޔާތު ފެށުމުގެ ކުރިން، މިދިޔަ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު ކުންފުނީގެ މަސައްކަތުގައި އުޅެނިކޮށް ދިމާވި ހިތާމަވެރި ހާދިސާއެއްގައި އަނިޔާވެ، ރާއްޖެއިން ބޭރުގައި ފަރުވާދެމުންދަނިކޮށް މިއަދު ނިޔާވި ސްޓެލްކޯގެ މުވައްޒަފު، އަލްމަރްޙޫމް އަހްމަދު އަޒްމީލްގެ ހަނދާނުގައި ހަމަހިމޭން ކަމުގެ ސުކޫތެއް ވަނީ ގެނެސްފައެވެ. އަދި މިއަދު ބޭއްވި ރަސްމިއްޔާތުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރާއި ސްޓެލްކޯގެ އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ.