Ads by Stelco

ޚަބަރު

ނުކުޅެދުންތެރިކަން ހުރި 30 ފަރާތަކަށް ސްޓެލްކޯއިން ވަޒީފާގެ ފުރުޞަތު ދީފި

ނުކުޅެދުންތެރިކަން ހުރި 30 ފަރާތަކަށް ސްޓެލްކޯއިން ވަޒީފާގެ ފުރުޞަތު ދީފި

ރަސްމިއްޔާތުގެ ތެރެއިން/ފޮޓޯ: ސްޓެލްކޯ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

11 ޑިސެމްބަރު 2025، 01:44

11 ޑިސެމްބަރު 2025، 01:44

ނުކުޅެދުންތެރިކަން ހުރި 30 ފަރާތަކަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯއިން ވަޒީފާގެ ފުރުޞަތު ހަމަޖައްސައިދީފި އެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް، ނުކުޅެދުންތެރިކަން ހުންނަ، ވަޒީފާ އަދާކުރަން ބޭނުންވާ ހުރިހާ މީހުންނަށް ދައުލަތުގެ ތެރެއިން ވަޒީފާ ޔަޤީންކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ތެރެއިން ހަމަޖައްސައިދެވުނު ވަޒީފާގެ ފުރުޞަތުތަކެއްކަމަށް ސްޓެލްކޯ އިން ވަނީ ވިދާޅުވެފައެވެ. އެގޮތުން، ސްޓެލްކޯއިން ވަޒީފާގެ ފުރުޞަތު ހަމަޖައްސައިދެވުނު 30 މުވައްޒަފުންނަށް ވަޒީފާގެ ލިޔުން ޙަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ. 

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަމާހް ރަޝީދު ވިދާޅުވީ، ސްޓެލްކޯއަކީ މިފަދަ ކަންކަމުގައި އަބަދުވެސް އިސްނަގައިގެން މަސައްކަތްކުރާ ކުންފުންޏެއް ކަމަށެވެ. އެގޮތުން، މިހާރުވެސް ތަފާތު އެކި ނުކުޅެދުންތެރިކަން ހުންނަ 50 އަށްވުރެ ގިނަ މުވައްޒަފުން އެ ކުންފުނީގައި މަސައްކަތް ކުރަމުން އަންނަކަން އެމްޑީ ފާހަގަކުރެއްވިއެވެ. 

މި ފަރާތްތައް ހަވާސާ ނުކޮށް، މުޖުތަމަޢުގެ މުހިންމު ބައެއްގެ ގޮތުގައި ފެންނަމުންދާ ކަމީ، ހަމަގައިމު ވެސް އަޅުގަނޑުމެން އެންމެން އުފާކުރާ ކަމެއް. މިއަދު މިކުންފުންޏާއި މި ގުޅޭ 30 މުވައްޒަފުންނާއެކު، ސްޓެލްކޯގައި ނުކުޅެދުންތެރިކަން ހުރި މުވައްޒަފުންގެ ޖުމްލަ ޢަދަދު 80 އަށް އަރާނެ. މިއީ ހަމަގައިމުވެސް ފާހަގަކޮށްލެވޭނެ ބޮޑު ކުރިއެރުމެއް.

ޝަމާހް ވިދާޅުވިއެވެ.

ސްޓެލްކޯގެ އެމްޑީ އިތުރަށް ވިދާޅުވީ، މިއަދު ވަޒީފާ ޙަވާލުކުރެވުނު މުވައްޒަފުންގެ ފަރާތުން މުޖުތަމަޢުއަށް ފައިދާތަކެއް ލިބި، އެފަރާތްތަކުގެ ޤާބިލުކަމާއި ހުނަރުތައް އިތުރަށް ތަރައްޤީކޮށް، ޤައުމީ ތަރައްޤީގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިގެން ގޮސްފައިވާ ކަމަށެވެ. ހަމަ އެހެންމެ، ވަޒީފާގެ މާހައުލަކީ އެ މުވައްޒަފުންގެ އަމިއްލަ އިތުބާރު އާލާކޮށް، މުޖުތަމަޢުގައި އެ މީހުންގެ ދައުރު ފުޅާކުރުމަށް ލިބިގެންދިޔަ މުހިއްމު މަންސައެއްކަމަށް އެމްޑީ ވިދާޅުވިއެވެ.

ސްޓެލްކޯއާ އަލަށް ގުޅުނު 30 މުވައްޒަފުން ހޮވާލާފައިވަނީ ސްޓެލްކޯއިން ޔޫޓިލިޓީ ޚިދުމަތް ދެމުންދާ ރަށްތަކުގެ ތެރެއިން 21 ރަށެއް ހިމެނޭހެންކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ. އެގޮތުން، މި 30 މުވައްޒަފުންނާއިއެކު ސްޓެލްކޯގައި މަސައްކަތްކުރާ އެކި ބާވަތުގެ ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފުންގެ އަދަދު 80 އަށް އަރާފައިވާއިރު އެ މުވައްޒަފުން ދަނީ ޓެކްނިކަލް އަދި ނޮންޓެކްނިކަލް ދާއިރާތަކުގައި ވެސް ޚިދުމަތްކުރަމުންކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން