ޚަބަރު
ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަޤާމަށް އަޙްމަދު ޞަބާޙް ޢައްޔަންކުރައްވައިފި
އަޙްމަދު ޞަބާޙް/ފޮޓޯ: ކަރެކްޝަންސް
ޑެމޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަޤާމަށް ޑީއެސްޕީ އަޙްމަދު ޞަބާޙް ޢައްޔަންކުރައްވައިފި އެވެ.
މި މަޤާމަށް ޞަބާޙް ޢައްޔަނުކުރައްވާފައި ވަނީ، އެ މަޤާމުގައި ކުރިން ހުންނެވި އިބްރާހީމް މުޙައްމަދު ދީދީ ރިޓަޔަރކުރެއްވުމާ ގުޅިގެންނެވެ.
އަޙްމަދު ޞަބާޙްއަކީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން އެޑްވާންސްޑް ޑިޕްލޮމާ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. މީގެ ކުރިން ޑެޕިއުޓީ ސުޕަރިންޓެންޑަންޓް އޮފް ޕްރިޒަންސްގެ މަޤާމުގައި ހުންނެވި އަޙްމަދު ޞަބާޙްއަކީ، 2004 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި ވަޒީފާ އަދާކުރައްވަމުންގެންދަވާ ބޭފުޅެކެވެ. ޖޫނިއަރ އަދި ސީނިއަރ ލެވެލްގައި ސިވިލް މުވައްޒެއްގެ ގޮތުގައި 11 އަހަރު މަސައްކަތްކުރެއްވުމަށްފަހު، އަލްފާޟިލް އަޙްމަދު ޞަބާޙް 2015 ގައި ޕްރިޒަން އޮފިސަރުންގެ ތަމްރީން ހައްދަވައި، ކޮމިޝަންޑް އޮފިސަރަކަށް ވަނީ ހުވާ ކުރައްވާފައެވެ.
އެގޮތުން، ސީނިއަރ މެނޭޖްމަންޓް ލެވެލްގައި މާލޭ ޖަލުގެ ޑެޕިއުޓީ ޑިރެކްޓަރ، ހެޑް އޮފް ހިއުމަން ރިސޯސަސް އާއި ހެޑް އޮފް ބަޖެޓް އެންޑް ފިނޭންސް އަދި މާލީ ޒިންމާދާރު ވެރިޔާފަދަ މުޙިއްމު މަޤާމުތައް އަދާކުރައްވާފައިވެއެވެ.