Ads by Stelco

ޚަބަރު

ސިނގިރޭޓު ވައްކަމުގެ މައްސަލަ: ޢާރިފާއި ވަޙީދު ޝަރުޠުތަކަކާ އެކު ދޫކޮށްލައިފި

ސިނގިރޭޓު ވައްކަމުގެ މައްސަލަ: ޢާރިފާއި ވަޙީދު ޝަރުޠުތަކަކާ އެކު ދޫކޮށްލައިފި

ވަގު ސިނގިރޭޓު މައްސަލައިގައި ޢާރިފާއި ވަޙީދު ބަންދުން ދޫކޮށްލުން.

farudhun logo

ފަރުދުން

11 ޑިސެމްބަރު 2025، 05:25

11 ޑިސެމްބަރު 2025، 05:25

ވަގަށް ރާއްޖެ އެތެރެކުރަން އުޅެނިކޮށް، ކަސްޓަމްސްއިން ހިފެހެއްޓި 13.6 މިލިޔަނަށް ވުރެ ގިނަ ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި ދަޢުވާކޮށްދިނުން އެދި ޕްރޮސެކިޔުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައި، އެ މައްސަލައިގައި ބަންދުކޮށްފައިވާ ދެ ވިޔަފާރިވެރީން ކަމުގައިވާ މުޙައްމަދު ވަޙީދު (ދިގަލި) އަދި އަޙުމަދް ޢާރިފް (އާއްޓޭ) ޝަރުޠުތަކަކާ އެކު އަދު ދޫކޮށްލައިފިއެވެ.

އެމް.ޕީ.އެލް.ގެ ހުޅުމާލޭ ބަނދަރުގައި ހުރި ސިނގިރޭޓު ދެ ކޮންޓެއިނަރު ވަގަށް ނެގި މައްސަލަ ފެންމަތިވުމާ އެކު، 10 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން "ލޮޓަސް"ގެ ވެރިޔާ ޢާރިފާއި، "އެޕޯލޯ ހޯލްޑިންގސް"ގެ ވެރިޔާ ދިގަލި ހައްޔަރުކުރީ، ވަގު ސިނގިރޭޓު މައްސަލައިގައި ފަންޑުކުރިކަމުގެ ތުހުމަތުގައެވެ.

އެ އެންމެންގެ މައްޗަށް ދަޢުވާކޮށްދިނުން އެދި، ޕީ.ޖީ. އޮފީހަށް ފުލުހުން ހުށަހަޅާފައިވިޔަސް، ދަޢުވާކުރުމާ މެދު މިހައިތަނަށް އަދި ގޮތެއް ނިންމާފައެއް ނުވެއެވެ. އެހެނަސް ޕީ.ޖީ. އޮފީހުން ބުނީ، ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ދަޢުވާކޮށް، މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށެވެ.

މައްސަލައިގެ ތަޙުޤީޤުތައް ނިމި، ދަޢުވާ ކޮށްދިނުން އެދި ފުލުހުން ޕީ.ޖީ. އޮފީހަށް ފޮނުވާފައިވާތީ، ޢާރިފާއި ދިގަލީގެ އިތުރުން، ކޮންޓެއިނަރު ވަގަށް ނަގައިގެން ގެންދިޔަ ތިލަފުށީ ސައިޓާ ޙަވާލުވެގެން ހުރި ކ. ތުލުސްދޫ، ލިންކް ހައުސް، ޙަސަން ޢަބްދުއްރަޙްމާން ބަންދުން ދޫކޮށްލުމަށް، ޕްރޮސެކިޔުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ކްރިމިނަލް ކޯޓުގައި އެދިފައެވެ. ވީމާ، އެ އެދުމާ އެއްގޮތަށް، އެ ތިން މީހުން މިއަދު ވަނީ ބަންދުން ދޫކޮށްލާފައެވެ.

ޕީ.ޖީ. އޮފީހުން ބުނި ގޮތުގައި، އެ ދެ މީހުން ދޫކޮށްލުމަށް އެދުނީ، އެ މީހުން މި ވައްކަން ކުރުމުގައި ޢަމަލީ ގޮތުން ބައިވެރިވެފައިވާކަމުގެ ހެއްކެއް ލިބިފައި ނުވާތީ އެވެ. އަދި ޙަސަން ޢަބްދުއްރަޙްމާން ބަންދުން ދޫކޮށްލުމަށް ނިންމާފައިވާނީ، އޭނާއަކީ މި ވައްކަން ކުރުމުގައި ޢަމަލީ ގޮތުން ބައިވެރިވެފައިވާ ކަމަށް ތުހުމަތު ވެސް ކުރެވޭ މީހެއް ކަމުގައި ނުވާތީއެވެ. މި ތިން މީހުން ވެސް ދޫކޮށްލާފައިވަނީ ޝަރުޠުތަަކާ އެކުގައެވެ.

ވިޔަފާރިވެރީން ނޫނަސް، ކަސްޓަމްސްގެ ކުރީގެ އިސް އޮފިސަރެއް ކަމުގައިވާ މުޢާޛު ޢަލީ އަދި ކަސްޓަމްސްގެ އިސް އޮފިސަރެއް ކަމުގައިވާ ޒިވާރު އިސްމާޢީލް އަދި ސިނގިރޭޓް ދެ ކޮންޓެއިނަރު އުފުލި ދޯނީގެ ކައްޕި އާދަމް ވަޙީދު ވެސް ވަނީ ހައްޔަރުކޮށްފައެވެ. މި މީހުން ބަންދުކުރުމަށް އަމުރުކޮށްފައިވަނީ، މައްސަލައިގެ ޝަރީޢަތް ނިމެންދެނެވެ.

މީގެ އިތުރުން، އެމް.ޕީ.އެލް.ގެ ތިން މުވައްޒަފަކު ކަމުގައިވާ ސ. ހިތަދޫ ޗާންދަނީގޭ ޙުސައިން ސާމިޙާއި، ހދ. ވައިކަރަދޫ ނޫރަލީގޭ އަޙުމަދު ޝަހީމާއި، ހ. ރުމޭނިއާ އަޙުމަދު ފިރުސާން ވެސް މި މައްސަލައިގައި ވަނީ ހައްޔަރުކޮށްފައެވެ.

މި މައްސަލައިގައި ދަޢުވާކޮށްދޭން އެދިފައިވަނީ 11 މީހެއްގެ މައްޗަށެވެ. އެއީ ހައްޔަރުކޮށްފައި ތިބި 10 މީހުންގެ އިތުރުން، މުޙައްމަދު ޝަރީފު (ދަފްތަރު ނަންބަރު ރސ 1355) އެވެ.

ވަގަށް ރާއްޖެ އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ ޖުމުލަ 1،360 ކޭސް ސިނގިރޭޓެވެ. އޭގައި ހިމެނެނީ 13.6 މިލިޔަން ސިނގިރޭޓް ސްޓިކެވެ. ކަސްޓަމްސްއިން ހާމަކުރާ ގޮތުގައި، އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް ޢާންމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 122 މިލިއަން ރުފިޔާ އަރާނެއެވެ.

ކަސްޓަމްސްއިން މީގެ ކުރީން ބުނެފައިވާ ގޮތުގައި، ވަގަށް ރާއްޖެ އެތެރެކުރި ސިނގިރޭޓު ފޮށިތައް ފެނުނީ ޕްލައިވުޑް ޝިޕްމެންޓެއްގައި އެ ތަކެތި ވަގަށް އެތެރެކުރަން އުޅޭކަމުގެ މަޢުލޫމާތު ލިބިގެން ހުޅުމާލޭ ސީ-ކާގޯ ޓާމިނަލުގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

އެ މައްސަލައިގެ ތަޙުޤީޤަށް 19 މީހަކު ފުރުން މަނާކޮށް، ފަސް އުޅަނދެއް ބަލައި ފާސްކޮށްފައިވެއެވެ. އަދި މާލެ، ހުޅުމާލެ، ތިލަފުށީގެ ޖުމުލަ 21 ތަނެއް ބަލައި ފާސްކޮށްފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން