ޚަބަރު
އިއްޔެ އައި ފްލައި ދުބާއި ފްލައިޓުގެ މުޅި ކޮންޓްރޯލް ދިވެހި ދެ ޕައިލެޓުންނަށް
ފްލައި ދުބާއީއިން އައި ދިވެހި ދެ ޕައިލެޓުންނަށް މަރުހަބާ ކިޔުން
ފަރުދުން
12 ޑިސެމްބަރު 2025، 02:15
12 ޑިސެމްބަރު 2025، 02:15
ބުރާސްފަތި ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓަށް ދުބާއީއިން އައި ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ އެއާރލައިނެއް ކަމުގައިވާ، ފްލައި ދުބާއީ ދުއްވުމަށް ދިވެހި ދެ ޕައިލެޓުން ތިބުމުން، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އެކަމުގެ އުފާވެރި ޝުއޫރުތައް ފާޅުކޮށްފިއެވެ.
މިކަމާ ގުޅިގެން ގިނަ ބަޔަކު ބުނަމުން ދިޔައީ، ބައިނަލްއަޤްވާމީ ފްލައިޓެއްގައި ރާއްޖޭގެ ދެ ޕައިލެޓުން ތިބުމަކީ ރާއްޖޭގެ އޭވިއޭޝަން ދާއިރާގައި ވަޒީފާ އަދާކުރަމުންދާ ފަރާތްތަކުގެ ހުނަރާއި އިޚްލާޞްތެރިކަމާއި، ޕްރޮފެޝަނަލްކަން ރަމްޒުކޮށްދޭ ކަމެއްކަމުގައެވެ.
މީގެ އިތުރުން، މިއީ ބައިނަލްއަޤުވާމީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިވެހީންގެ ދައުރު އިތުރުވަމުންދާ މިންވަރު ދައްކުވައިދޭ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.
ބުރާސްފަތި ދުވަހު ރާއްޖެއަށް އައި ފްލައި ދުބާއީގެ ކެޕްޓަނަކަށް ޖިނާން ޝަރީފް ހުރިއިރު، ފަސްޓު އޮފިސަރަކަށް ހުރީ މުޙައްމަދު ޝިނާޒެވެ.
ގިނަ ދިވެހީންތަކެއް މި ދާއިރާއިން ކިޔަވަމުންދާއިރު، ޕައިލެޓުންނަށް ވަޒީފާ ނުލިބުމުގެ އުނދަގޫތަކުގެ ވާހަކަ ގިނަ ބަޔަކު ދައްކަމުންދެއެވެ. ނަމަވެސް، މި ދާއިރާއިން ކުރިޔަށްދާން ބޭނުންވާ ދިވެހީން ނިސްބަތުން ގިނައެވެ. އެހެންކަމުން ހަމައެކަނި ރާއްޖެއަށް ބަރޯސާނުވެ، އެހެން ޤައުމުތަކުން ވެސް މި ދާއިރާގައި ފުރުސަތު އޮތްކަން މިއަންނަނީ ފާހަގަވަމުންނެވެ.
ފްލައިދުބާއީއަކީ ޔޫއޭއީގެ ބަޖެޓް އެއަރލައިނެވެ. ފްލައިދުބާއީ އިން 90 އަށް ވުރެ ގިނަ ބޮއިންގް 737 މަރުކާގެ މަތިންދާބޯޓެއް އޮޕަރޭޓްކުރެއެވެ. އަދި ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުން 50 އަށް ވުރެ ގިނަ ގައުމެއްގެ 120 އަށް ވުރެ ގިނަ މަންޒިލަށް އަންނަނީ ޚިދުމަތްދެމުންނެވެ. އެ ކުންފުނީގެ ނެޓްވޯކް މެދުވެރިކޮށް މެދުއިރުމަތި، އެފްރިކާ، އޭޝިއާ އަދި ޔޫރަޕްގެ ގައުމުތަކަށްވެސް އަންނަނީ ޚިދުމަތްދެމުންނެވެ.