ޚަބަރު
ކުރިއަށް އޮތް ދެ ދުވަހު ބޮޑަށް މޫސުން ގޯސްވާނީ ދެކުނުގެ އަތޮޅުތަކަށް
ރާއްޖޭގެ މޫސުން / ފޮޓޯ: މޯލްޑިވްސް ތްރެވަލް ގައިޑް
ފަރުދުން
12 ޑިސެމްބަރު 2025، 02:37
12 ޑިސެމްބަރު 2025، 02:37
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެންމެ ބޮޑަށް މޫސުން ގޯސްވާނީ މާލެއިން ދެކުނުގެ އަތޮޅުތަކަށްކަމަށް، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކުރި މަޢުލޫމާތަށް ބަލާއިރު، ކުރިއަށްއޮތް 24 ގަޑިއިރު ދެކުނާއި މެދުރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަކުރާނެއެވެ. އަދި ދެކުނުގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށާއި، އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެކަމަށް ލަފާކުރެއެވެ.
އެގޮތުން އުތުރާއި އިރުއުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށިގެންވާކަމަށްވެސް އެ އިދާރާއިން ލަފާކުރެއެވެ.
މީގެއިތުރުން ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށް ވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
އަދި މުޅި ރާއްޖެއަށް މޫސުން ރަނގަޅު ވާނެކަމަށް ލަފާކޮށްފައިވަނީ އަންނަ ހޯމައިގެން ފެށިގެންނެވެ. ނަމަވެސް މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހޮނިހިރުން ފެށިގެން މޫސުން އަލިވާން ފަށާނެކަމަށް އެ އިދާރާއިން ހާމަކުރެއެވެ.
ކުރިއަށްއޮތް 2 ދުވަހުވެސް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، ވަކިން ޚާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސްކުރެއެވެ.