Ads by Stelco

ޚަބަރު

މާލޭގެ ބާޒާރުމަތީ މަގުތައް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

މާލޭގެ ބާޒާރުމަތީ މަގުތައް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

ބާޒާރުމަތީގެ މަގުތަކުގެ މަސައްކަތް ފެށުން. ފޮޓޯ: ޕީއެސްއެމް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 ޑިސެމްބަރު 2025، 04:55

12 ޑިސެމްބަރު 2025، 04:55

މާލޭގެ އެންމެ ކާރުބާރޫ ބޮޑު ސަރަޙައްދު ކަމަށްވާ ބާޒާރުމަތީގެ މަގުތައް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތްތައް ރަސްމީކޮށް ފަށައިފިއެވެ.

މި މަޝްރޫޢު ކުރިއަށްގެންދަނީ ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. މި ސަރަޙައްދަކީ މަސް މާރުކޭޓު، ލޯކަލް މާރުކޭޓް، އަދި ދަތުރުވެރިންގެ މާރުކޭޓް ހުންނަ މައިގަނޑު މަރުކަޒުގެ އިތުރުން އަތޮޅުތަކަށް މުދާ ގެންދާ ބޯޓުފަހަރު ކައިރިކުރާ މައި ހަބެވެ.

އެމްޓީސީސީއާ ހަވާލުކުރެވިފައިވާ މި މަސައްކަތުގެ ދަށުން، ލޯކަލް މާރުކޭޓް ސަރަޙައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއް ތާރު އަޅައިގެން ތަރައްޤީކުރެވޭނެއެވެ.

ޢަމަލީ މަސައްކަތް ފެށުމުގެ ގޮތުން މިހާރު ކުރިއަށްދަނީ މަގުތައް ކޮނެ، ޔުޓިލިޓީ ވިއުގަތައް ގުޅުވުމުގެ މަސައްކަތެވެ. މި މަސައްކަތުގައި އެމްޑަބްލިއުއެސްސީ އަދި ސްޓެލްކޯގެ ވިއުގަތައް ހިމެނެއެވެ. މަގު ތަރައްޤީކުރުމުގެ އިތުރުން، ބަނދަރުގެ އެއްގަމު ތޮށި އަދި ޕޭމަންޓްވެސް ޒަމާނީ ފެންވަރަށް ބަދަލުކުރެވޭނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި މަސައްކަތާ ގުޅޭގޮތުން ހެންވޭރު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި މަޢުލޫމާތު ޚިއްޞާ ކުރައްވާފައެވެ. ރައީސް ވިދާޅުވީ، "މާލޭގެ އެންމެ ކާރުބާރޫ ބޮޑު ސަރަޙައްދު ކަމަށްވާ އެމްޕީއެލް ސަރަޙައްދުން ފެށިގެން އިއްޒުއްދީނު ފާލަމާ ހަމައަށްވާ ބާޒާރުމަތީގެ މަގުތައް ރޯދަ މަސް ފެށުމުގެ ކުރިން ނިންމާލުމަށް މަސައްކަތް ކުރައްވާ" ކަމަށެވެ. އަދި މި ސަރަޙައްދުގައި މިހާރު އޮންނަ އެއްކޮޅަށް ދުއްވޭ ނިޒާމު ބަދަލުކޮށް، ދެކޮޅަށް ދުއްވޭ ދެ ލޭނު އޮންނަގޮތަށް މަގު ފުޅާކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ސެގްމަންޓް 1ގެ 140 މީޓަރުގެ މަސައްކަތް ނިމިފައިވާއިރު، މި ސަރަޙައްދުގައި މަގުގެ އެއްގަމު ތޮށި 6 މީޓަރު ބޭރަށް ޖައްސާފައިވާކަން ފާހަގަކުރެވެއެވެ. މީގެ ސަބަބުން ރަށްރަށަށް ފުރާ ފެރީތަކުން ބޭނުންކުރާ މި ސަރަޙައްދުގައި އުޅަނދުފަރަށް އަރާ ފޭބުމުގައި ވަނީ ބޮޑެތި ލުއިތަކެއް ލިބިފައެވެ. މުޅި މަޝްރޫޢު ނިމޭއިރު، ހެންވޭރު ފެރީ ޓަރމިނަލްއާ ހަމައިން ފެށިގެން ނޯޓް ހާބަރާ ހަމައަށް ޖުމްލަ 1088 މީޓަރުގެ ސަރަޙައްދެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރެވޭނެއެވެ.

މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާތީ، މަގުތައް ބަންދުކޮށް ޓްރެފިކް ފްލޯއަށް ބަދަލުތައް އަންނާނެއެވެ. ކަމާ ގުޅުންހުރި ފަރާތްތަކުން ވަނީ މި ސަރަޙައްދުތައް ބޭނުންކުރާ ފަރާތްތަކުން ސަމާލުވެ، ދަތުރުފަތުރުގެ ކަންކަން ރާވާލުމުގައި މިކަމަށް ސަމާލުކަން ދިނުމަށް އިރުޝާދު ދެއްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން