Ads by Stelco

ޚަބަރު

މާލެ ސަރަޙައްދުގައި ނުރައްކާތެރި މިންވަރަށް ވައި ނުސާފުވެ، އޮރެންޖު ސަމާލު ނެރެފި

މާލެ ސަރަޙައްދުގައި ނުރައްކާތެރި މިންވަރަށް ވައި ނުސާފުވެ، އޮރެންޖު ސަމާލު ނެރެފި

މާލޭގެ ވައި ނުސާފުވުން. ފޮޓޯ: މިހާރު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 ޑިސެމްބަރު 2025، 06:24

12 ޑިސެމްބަރު 2025، 06:24

މާލޭ ސަރަޙައްދުގެ ވައިގެ ފެންވަރު ނުރައްކާތެރި މިންވަރަށް ދަށްވެ، ނުސާފުވުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އޮރެންޖް ސަމާލު ނެރެފިއެވެ.

މި ސަމާލަކީ ވައިގެ ފެންވަރުގެ ނުސާފުކަން އިތުރުވެ، ޞިއްޙީ ގޮތުން ނުރައްކާ ބޮޑުވެފައިވާކަން އަންގައިދޭ ސަމާލެކެވެ.

އެޗްޕީއޭ އިން ނެރުނު މަޢުލޫމާތުގައިވާ ގޮތުން، މާލޭ ސަރަޙައްދުގެ ވައިގެ ނުސާފުމިން (AQI) މިވަގުތު ހުރީ 117US AQI ގައެވެ. އޮރެންޖް އިންޒާރު ނެރެނީ ވައިގެ ނުސާފުމިން 101 އާއި 150 އާ ދެމެދުގެ މިންވަރެއްގައި ހުންނަ ހާލަތުގައެވެ. ވައިގެ ނުސާފުކަމަށް މިއައި ބަދަލާ ގުޅިގެން، ނާޒުކު ހާލަތުގައިވާ ފަރާތްތަކަށާއި އެހެން މީހުންނަށް ވެސް ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑުކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ނާޒުކު ހާލަތުގައިވާ ފަރާތްތަކަށް ޚާއްސަ އިލްތިމާސްތައް:

ވައި ނުސާފުވުމުގެ ސަބަބުން ނާޒުކު ހާލަތްތަކުގައިވާ ފަރާތްތަކުގެ ޞިއްޙަތަށް އިތުރު ނުރައްކާ ކުރިމަތިވެއެވެ. ނާޒުކު ހާލަތްތަކުގައިވާ ފަރާތްތަކުގެ ތެރޭގައި ތުއްތު ކުދިންނާއި ކުޑަކުދިން، އުމުރުން ދުވަސްވީ މީހުން، މާބަނޑު މީހުން، ނޭވާލާ ނިޒާމާއި ހިތުގެ ބައްޔަށް ފަރުވާ ކުރާ މީހުންނާއި އެލާޖީގެ މައްސަލަތައް ހުންނަ މީހުން ހިމެނެއެވެ.

މިފަދަ ފަރާތްތަކަށް ޚާއްސަކޮށް އެޗްޕީއޭއިން ވަނީ ބައެއް އިލްތިމާސްތައް ކޮށްފައެވެ. އެގޮތުން، މި ހާލަތުގައި ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ހަރަކާތްތައް މަޑު ޖައްސާލުމަށް އިލްތިމާސް ކުރެއެވެ. އަދި ބޭރަށް ނިކުންނަން ޖެހިއްޖެ ހާލަތްތަކުގައި N95 ނުވަތަ އެފަދަ މާސްކު އެޅުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

މީގެ އިތުރުން ގޭތެރޭގެ ވައިގެ ފެންވަރު ރަނގަޅުކޮށް ބެހެއްޓުމަށް ވެސް އެޗްޕީއޭއިން ވަނީ އިރުޝާދު ދެއްވާފައެވެ. ބޭރުގެ ނުސާފު ވައި ނުވަންނަހެން ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި، ވައި ސާފުކުރުމަށް އެއާ ޕިއުރިފަޔާ ބޭނުން ކުރުމަށް ވެސް އެ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ. މި ސަމާލަށް ސަމާލުކަން ދީ، ޞިއްޙީ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ ހުރިހާ ފަރާތްތަކަށް ގޮވާލާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން