Ads by Stelco

ޚަބަރު

ހުޅުމާލޭގެ ބައެއް މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކުރީ ސެޓުލްމަންޓް އެގްރިމެންޓެއްގެ ދަށުން: އެޗްޑީސީ

ހުޅުމާލޭގެ ބައެއް މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކުރީ ސެޓުލްމަންޓް އެގްރިމެންޓެއްގެ ދަށުން: އެޗްޑީސީ

އެޗްޑީސީ އާއި ޗައިނާގެ ކުންފުންޏާއި ދެމެދު ވެވުނު އެއްބަސްވުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 ޑިސެމްބަރު 2025، 07:13

12 ޑިސެމްބަރު 2025، 07:13

ހުޅުމާލޭގެ ބައެއް މަގުތައް ހެދުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކުރީ ސެޓުލްމަންޓް އެގްރިމެންޓެއްގެ ދަށުން ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފިއެވެ.

މި މަޝްރޫޢުގެ އަގަކީ 91.8 މިލިއަން ރުފިޔާ ކަމަށް ވެސް އެޗްޑީސީން ވަނީ ހާމަކޮށްފައެވެ. މި މަސައްކަތް ހަވާލުކުރެވުނު ކުންފުންޏަކީ ޗައިނާގެ ރޮޓައިމް އިންޖީނިއަރިން އެންޑް ޓެކްނޮލޮޖީއެވެ. މި މަޝްރޫއުގެ ދަށުން ހުޅުމާލެ 1 އަދި 2 ގެ ޖުމްލަ 1.1 ކިލޯ މީޓަރުގެ މަގުތައް 5-6 މަސް ދުވަހުގެ ތެރޭގައި ހެދުމަށް ވަނީ ހަމަޖެހިފައެވެ. މަސައްކަތުގެ އެއްބަސްވުމުގައި މި މަހުގެ ތިން ވަނަ ދުވަހު ސޮއިކުރެވުނުއިރު، އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރުއެވެ. އަދި ރޮޓައިމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޖޯވޭޑޮންގުއެވެ.

އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި މަގު ހެދުމުގެ މަޝްރޫއަކީ، މީގެ ކުރިން އޮކްޓޯބަރު 2، 2022 ގައި އެ ކުންފުންޏާ ހަވާލުކުރި "ހުޅުމާލޭގައި ޓެމްޕަރަރީ ވޯކާސް އެކޮމޮޑޭޝަން" ތަރައްގީ ކުރުމުގެ މަސައްކަތުގެ ބަދަލުގައި ހަވާލުކުރި މަސައްކަތެކެވެ. އެކޮމޮޑޭޝަން ބްލޮކެއް އެޅުމުގެ މަސައްކަތް އޭރު ހަވާލުކުރީ ބައިނަލްއަގުވާމީ ކުޅިވަރު ސްޓޭޑިއަމެއް އެޅުމަށްޓަކައެވެ. ނަމަވެސް، ހުޅުމާލޭގެ މާސްޓާ ޕްލޭނަށް ބަދަލު އައުމުގެ ސަބަބުން އެކޮމޮޑޭޝަން ބްލޮކުގެ މަޝްރޫއު ހުއްޓާލަން ޖެހުމާ ގުޅިގެން، މަގުތައް ހެދުމުގެ މަސައްކަތް ފަހުން ހަވާލުކުރީ ސެޓްލްމަންޓް އެގްރީމެންޓްގެ ދަށުން ކަމަށް އެޗްޑީސީން ވަނީ ހާމަކޮށްފައެވެ.

މި މަޝްރޫއުގެ ދަށުން ހުޅުމާލެ 1ގެ ފަސް މަގަކާއި ހުޅުމާލެ 2ގެ ވިނަރެސް ފްލެޓް ކައިރީގައިވާ މަގު ހިމެނޭ ގޮތަށް ޖުމްލަ 19،001 އަކަމީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް މަގު ހަދާނެއެވެ. މީގެ އިތުރުން، ހަލާކުވެފައިވާ 8،012 އަކަމީޓަރުގެ މަގުތައް މަރާމާތުކޮށް އަލުން ތާރު އެޅުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީގެ ބަޔާނުގައިވެ އެވެ.

އެޗްޑީސީން ބުނި ގޮތުގައި މި މަޝްރޫއުގެ އަގަކީ، ޖީއެސްޓީ ހިމެނޭ ގޮތަށް 91,860,829ރ. އެވެ. މި ފައިސާ ދެއްކުމަށް ހަމަޖެހިފައިވަނީ ކޭޝްފްލޯއަށް ދަތިނުވާނެ ގޮތަށް 50 ޕަސެންޓު ފައިސާ އެއް އަހަރަށް ބަހާލައިގެންނެވެ. ބާކީ 50 ޕަސެންޓު ފައިސާ ދައްކަން ކަނޑައަޅާފައިވަނީ 2027 ވަނަ އަހަރުން ފެށިގެން ހަ އަހަރަށް ބަހާލައިގެންނެވެ.

އެޗްޑީސީން އިތުރަށް ބުނީ މަގު ހަދަން ބޭނުންވާ ސާމާނާއި މެޝިނަރީ މޮބިލައިޒްކޮށް، ވީ އެންމެ އަވަހަށް މަސައްކަތް ފަށާނެ ކަމަށެވެ. އަދި އަވަހަށް މަސައްކަތް ނިންމައި ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ދަތުރުފަތުރުގެ ފަސޭހަތައް ލިބުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން