ޚަބަރު
މަސްވެރިންގެ އިޙުތިޖާޖާ ގުޅިގެން ހައްޔަރުކުރި 3 މީހުންގެ ބަންދަށް 5 ދުވަސް ޖަހައިފި
އިޙްތިޖާޖުގެ ތެރެއިން/ފޮޓޯ: މިހާރު
ސަރުކާރުގެ މަސްކުންފުނި، މިފްކޯ އަށް ބޮޑުކަންނެލި ގަންނަން ފަށަން ގޮވާލައި ބޮޑުކަންނެލީގެ މަސްވެރިން ކުރި އިޙުތިޖާޖާ ގުޅިގެން ހައްޔަރުކުރި 3 މީހުންގެ ބަންދަށް 5 ދުވަސް ޖަހައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މަސްވެރިންގެ އިޙުތިޖާޖާ ގުޅިގެން ހައްޔަރު ކޮށްފައިވާ 3 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތިން މީހުންނަށް ވެސް 5 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. އަދި މި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރުވެސް ހިމެނޭކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި އިޙުތިޖާޖާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 3 ދޯނި ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށެވެ. ހަމަ އެހެންމެ، ދޯނިތައް ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލާފައިވަނީ އެ ދޯނިތަކުގައި ތިބި ފަރާތްތަކާ ދޯނި ހަވާލުކުރުމަށްފަހުކަަށް ފުލުހުން މަޢުލޫމާތުދެއެވެ. މީގެ އިތުރުން، މި އިޙުތިޖާޖާ ގުޅިގެން 4 ބިދޭސީއަކު އިމިގްރޭޝަން އާ ހަވާލު ކުރެވިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހު ވެސް ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަނުން ހުޅުމާލޭ ފަޅުގައި އިހުތިޖާޖެއް ކުރި އެވެ. އޭގެ ކުރިން މިދިޔަ އަހަރުގެ ޖޫން މަހު ކުރި އިހުތިޖާޖެއްގައި މަސްވެރިން މާލޭ ފަޅަށް ވަދެގަނެފައިވާއިރު، އެ ފަހަރު އިހުތިޖާޖުކުރީ ލޭނު އަޅައިގެން ކަންނެލި ނަގަން ހުއްދަ ދޭން ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.