ޚަބަރު
މެންބަރު މަޢުރޫފް ޑޮކްޓަރަށް ގެންދިޔައީ ފުލުހުންގެ ފަރާތުން ލިބުނު އަނިޔާއެއް އޮވެގެނެއް ނޫންކަމަށް ބުނެފި
މަސްވެރިން އިހުތިޖާޖު ކުރަމުން ދިޔަ ސަރަޙައްދުގައި ފުލުހުން / ފޮޓޯ: މިހާރު
ފަރުދުން
14 ޑިސެމްބަރު 2025، 07:51
14 ޑިސެމްބަރު 2025، 07:51
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު ޑޮކްޓަރަށް ދެއްކުމަށް ހޮސްޕިޓަލަށް ގެންދިޔައީ ފުލުހުންގެ ފަރާތުން ލިބުނު އަނިޔާއެއް އޮވެގެނެއް ނޫންކަމަށް، ފުލުހުން ހާމަކޮށްފިއެވެ.
މި މަހުގެ 10ވަނަ ދުވަހުން ފެށިގެން މާލޭގެ އެއްނަންބަރު ފާލަމާ ދިމާލުން ބޭރުގައި ކުރިޔަށް ގެންދިޔަ މަސްވެރިންގެ އިހުތިޖާޖާ ގުޅިގެން، އިތުރު 3 މީހަކާއެކު މަޢުރޫފް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ، 2025 ޑިސެމްބަރ 11 ވަނަ ދުވަހުގެ މެންދުރު 12:24 ގައެވެ.
އަދި އެ ބޭފުޅާ ބަންދުގައި ހުންނަވަނިކޮށް ޑޮކްޓަރަށް ދެއްކުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ، ޑޮކްޓަރަށް ދެއްކުމަށް އަމިއްލައަށް އެދިވަޑައިގަތުމުންކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އަދި މި ކަމުގައި ޢަމަލުކޮށްފައި ވާނީ ކަސްޓޯޑިއަލްގައި އެ ވަގުތު އިންނެވި ޑޮކްޓަރު ބެއްލެވުމަށްފަހު ޑޮކްޓަރުގެ ލަފަޔާއެކު، ފުލުހުންގެ ކަސްޓޯޑިއަލް ބަންދުގައި ތިބޭ މީހުން ޑޮކްޓަރަށް ދެއްކުމުގައި އަމަލުކުރާ އުސޫލުގެ މަތިންކަމަށް ވެސް ހާމަކޮށްފައިވެއެވެ.
އަދި ޑޮކްޓަރަށް ދައްކަން އެމަނިކުފާނު އެދިވަޑައިގެންފައި ވަނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގައި ނުވަތަ ފުލުހުންގެ ބަންދުގައި ހުންނަވަނިކޮށް ދިމާވިކަމަކާ ގުޅިގެން ނޫންކަމުގެ ޔަޤީންކަން ފުލުހުން ވަނީ ދެއްވާފައެވެ. އެހެންކަމުން މެންބަރު މަޢުރޫފް ޛާކިރު ފުލުހުންގެ ބަންދުގައި ހުންނަވަނިކޮށް އަނިޔާވެ އޮޕަރޭޝަނެއް ކުރަން ޖެހިފައިވާކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް ފުލުހުން ދޮގުކުރެއެވެ.
އަދި މަޢުރޫފް ޛާކިރު ފުލުހުންގެ ބެލުމުގެ ދަށުން މިހާރު ދޫކޮށްލާފައިވާކަން ވެސް ހާމަކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން އާންމުކުރި ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުން، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ ފަރާތްތަކާ މެދު ޢަމަލުކުރުމުގައާ އެ ފަރާތްތަކުގެ ހައްޤުތައް ރައްކާތެރިކުރުމުގައި، ޤާނޫނާއި ޤަވާއިދުތަކާއި އިންސާނީ ހައްޤުތަކުގެ އުސޫލުތަކާ އެއްގޮތަށް ހަރުދަނާ މިންގަނޑުތަކެއް ދިވެހި ފުލުހުންގެ ޚިދުމަތުން ހިފަހައްޓާނެކަމަށެވެ. އެގޮތުން، ފުލުހުންގެ ބަންދުގައި ތިބޭ ފަރާތްތަކުގެ ރައްކާތެރިކަމާއި، ދުޅަހެޔޮކަން ކަށަވަރުކުރުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ބޮޑު ސަމާލުކަމެއްދޭ ކަމެއްކަމަށް ފާހަގަކުރިއެވެ.
މެންބަރު މަޢުރޫފް ބަންދުކުރުމާ ގުޅިގެން އާންމުންގެ ތެރޭގައި ފެތުރިގެން ދިޔަފަދަ ހަޤީޤަތާ ޚިލާފު ވާހަކަތައް ހުއްޓުވުމަށް ވެސް ފުލުހުން އިލްތިމާސްކުރިއެވެ. ފުލުހުން ބުނީ، އެ އިދާރާގެ ބަންދުގައި ތިބޭ ފަރާތްތަކުގެ ޒާތީ ކަންކަމާ ގުޅޭގޮތުން މީޑިއާގެ ތަފާތު މަންސަތަކުގައި މިފަދަ ސައްހަނޫން މައުލޫމާތު ޝާއިއުކުރުމަކީ އާންމުންގެ ހިތްތަކުގައި ކަންބޮޑުވުން އުފެދި، ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރާ މުއައްސަސާތަކަށް އޮންނަ އިތުބާރު ހީނަރުވެގެންދާނެ ކަމެއްކަމަށެވެ.
މަސްވެރިންގެ ދުވަހު މަސްވެރިން މި މުޒާހަރާ ކުރިޔަށް ގެންދިޔައީ، މިފްކޯއިން ބޮޑު ކަންނެލި ގަތުން ހުއްޓާލާފައި ވާތީ އެކަން ފެށުމަށް ގޮވާލުމަށެވެ. މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހު ވެސް ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަނުން ހުޅުމާލޭ ފަޅުގައި އިހުތިޖާޖެއް ކުރިއެވެ. އޭގެ ކުރިން މިދިޔަ އަހަރުގެ ޖޫން މަހު ކުރި އިހުތިޖާޖެއްގައި މަސްވެރިން މާލޭ ފަޅަށް ވަދެގަނެފައިވާއިރު، އެ ފަހަރު އިހުތިޖާޖުކުރީ ލޭނު އަޅައިގެން ކަންނެލި ނަގަން ހުއްދަ ދޭން ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.