ޚަބަރު
މަސްވެރިން ކިރުވާ މަހަށް ސަރުކާރުން ދެއްވާ އަގަށާއި މަސްވެރިންނަށް ވިއްކާ ތެލުގެ އަގަށް ބޮޑު ބަދަލެއް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު، މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، މަސްވެރިން ކިރުވާ މަހަށް ސަރުކާރުން ދެއްވާ އަގަށާއި، މަސްވެރިންނަށް ވިއްކާ ތެލުގެ އަގަށް ބޮޑު ބަދަލެއް ގެންނެވުމަށް ނިންމަވާފައިވާކަން އިއުލާންކުރައްވައިފިއެވެ. މިކަމުގެ ސަބަބުން މަސްވެރިކަމުގެ ދާއިރާއަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ބެލެވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، މަސްވެރިންގެ ފަރާތުން އަންނަ އެންމެ ބޮޑު ޝަކުވާއަކީ ކިރުވާ މަހަށް ރަނގަޅު އަގެއް ނުލިބުމާއި އަގުހެޔޮކޮށް ތެޔޮ ނުލިބުމުގެ މައްސަލައެވެ. މިކަންކަން ހައްލުކުރެއްވުމަށް ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތްކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ މަސްވެރިން ކިރުވާ މަހަށް އަގުދޭ އުސޫލަށް ބަދަލުތަކެއް ގެނެސްފައިވާކަމަށެވެ.
އެގޮތުން، މިފްކޯއިން މަސްގަންނަ އެންމެ މަތީ ރޭޓްކަމަށްވާ 16 ރުފިޔާއަށް ގަންނަނީ ދޮޅުކިލޯއިން ފެށިގެން މަތީގެ މަސްކަމަށް ވިޔަސް، އުސޫލަށް ގެނެވުނު ބަދަލާއެކު، ކިލޯއަކަށްވުރެ މަތީގެ މަސް ގަންނަ އެންމެ ދަށް ރޭޓަކީ 16 ރުފިޔާކަމަށް ކަނޑައަޅާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މި ބަދަލުގެ ސަބަބުން، ކުރިއަށްވުރެ ބޮޑު އަގުގައިވެސް މަސް ކިރުވުމުގެ ފުރުސަތު މަސްވެރިންނަށް ލިބިގެންދާނެއެވެ.
މަސް ގަންނަ ރޭޓުގެ އިތުރުން، މިފްކޯ މެދުވެރިކޮށް މަސްވެރިންނަށް ވިއްކާ ތެލުގެ އަގަށްވެސް ހެޔޮ ބަދަލެއް ގެނެސްފައިވާކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. މަސްވެރިންނަށް ވިއްކާ ތެލުގެ އަގުން އެވްރެޖުކޮށް 51 ލާރި އަގުހެޔޮވާނެކަމަށާއި، 3 ޓަނަށްވުރެ މަތިން މަސް ކިރާ ދޯނިތަކަށް 71 ލާރި އަގުހެޔޮކުރުމަށް ވަނީ ނިންމަވާފައެވެ. މިކަމުގެ ސަބަބުން ބައެއް ދޯނިތަކަށް ހާހެއްހާ ރުފިޔާ ސަލާމަތްވެގެންދާނެކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ތެލުގެ އަގުތައް ސާފުކޮށްދެއްވަމުން ރައީސް ވިދާޅުވީ، މާދަމާއިން ފެށިގެން މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު އެވްރެޖުކޮށް 51 ލާރި އަގުހެޔޮވާނެކަމަށެވެ. އެގޮތުން، 3 ޓަނަށްވުރެ މަތިން މަސްކިރާނަމަ 71 ލާރި އަގުހެޔޮވެ، މަސްކިރާ ހުރިހާ ފަރާތްތަކަކަށް 13 ރުފިޔާ 90 ލާރިއަށް ތެޔޮ ވިއްކާނެއެވެ. އަދި 3 ޓަނަށްވުރެ ގިނައިން ކިރާނަމަ 13 ރުފިޔާ 72 ލާރިއަށް ތެޔޮ ލިބޭނެއެވެ. ޢާންމު ފަރާތްތަކަށް 14 ރުފިޔާ 43 ލާރިއަށް ތެޔޮ ގަންނަން ލިބޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، އަގުހެޔޮކޮށް ތެޔޮ ފޯރުކޮށްދިނުމުގެ ގޮތުން، އެސްޓީއޯގެ ސްކިޑްތައް ކޮންމެ އަތޮޅެއްގައި ޤާއިމްކުރެއްވުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމަށް ކުރާ މަސައްކަތުގައިވެސް މަސްވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަކީ މި ސަރުކާރުގެ ސިޔާސަތެއްކަން ފާހަގަކުރެއްވިއެވެ. އަދި މަސްވެރިކަމުގެ ސިނާޢަތަކީ ދިވެހި އިޤްތިޞާދުގެ ލޭނާރުކަމުގައި އަލުން ހެދުމަކީ ސަރުކާރުން ތަންފީޒުކުރާނެ މުހިންމު ސިޔާސަތެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން ނެރުމަށާއި، ޒުވާނުން ޝައުޤުވެރިވާ ދާއިރާއަކަށް މިދާއިރާ ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ސަރުކާރުން ވަނީ ގިނަ ކަންކަން ރާވާފައެވެ. "އަޅުގަނޑު ބޭނުންވަނީ މަސްވެރިކަމުގެ ސިނާޢަތަކީ ހަމައެކަނި ދިވެހިން މަސައްކަތްކުރާ ސިނާޢަތަކަށް އަލުން ހަދަން" ރައީސް ވިދާޅުވިއެވެ.
މިފްކޯއަށް ބޮޑުކަންނެލި ގަތުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ދަނީ ކުރިއަށްކަމަށާއި، ވީ އެންމެ އަވަސް މުސްތަޤުބަލެއްގައި އެކަން ފެށޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. ސަރުކާރުން ބޭނުންވަނީ ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރިއަށްގެންދިއުމަށްކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ގިނަ ވަޢުދުތަކެއް ވެވަޑައިގެންފައިވާކަމަށާއި، އެ ހުރިހާ ވައުދެއް މި ދައުރުގެ ތެރޭގައި ފުއްދަވައިދެއްވާނެކަމަށް ރައީސް މުޢިއްޒު ޔަގީންކަން ދެއްވިއެވެ.