ވިޔަފާރި / ޚަބަރު
އައިސް ލިބޭ މިންވަރު ކެޔޮޅު އެޕުން އޮންލައިންކޮށް ބެލޭނެ އިންތިޒާމް ހަމަޖައްސައިފި
ކެޔޮޅު އެޕް ފޮޓޯ: އިންޓަނެޓް
މަސްވެރިންގެ ދުވަހާ ގުޅިގެން ރ.ދުވާފަރުގައި ކުރިއަށްދާ ޚާއްސަ ޖަލްސާގައި، މަސްވެރިންގެ ދިރިއުޅުމަށް ބޮޑު ލުއިފަސޭހަތަކެއް ގެނެސްދޭނެ މުހިންމު ޚިދުމަތެއް އިފްތިތާޙުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަސްވެރިންނަށް ވެވަޑައިގެންފައިވާ ވަޢުދުފުޅެއް ކަމަށްވާ، އައިސް ޕްލާންޓްތަކުގައި އައިސް ލިބެން ހުރި މިންވަރު "ކެޔޮޅު އެޕް" މެދުވެރިކޮށް އޮންލައިންކޮށް ބެލޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސާފައެވެ. މި ޚިދުމަތް އިފްތިތާޙުކޮށްދެއްވީ ދާޚިލީ ސަލާމަތާ ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙުސާންއެވެ.
މި ޚިދުމަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަސްވެރިންނަށް ވެވަޑައިގެންފައިވާ މުހިންމު ވަޢުދެކެވެ. މަސްވެރިންނަށް ދިމާވާ އެންމެ ބޮޑު އެއް ދައްޗަކީ އައިސް ލިބުމުގައި ހުރި ގޮންޖެހުންތަކާއި، އައިސް ހޯދުމަށް ދަތުރުކުރުމުގެ ސަބަބުން ވަގުތާއި ފައިސާ ގެއްލޭކަމުގެ ޝަކުވާއެވެ. މި ވަޢުދު ފުއްދެވުމާއެކު މިފަދަ ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.
"ކެޔޮޅު އެޕްލިކޭޝަން" ގައި ހިމަނާފައިވާ މި އާ ފީޗަރ މެދުވެރިކޮށް، ރާއްޖޭގައި އައިސް ވިއްކާ ޕްލާންޓްތައް ހުންނަ ސަރަޙައްދުތަކާއި ރަށްތަކުގެ މަޢުލޫމާތު ވަގުތުން ލިބޭނެއެވެ. މީގެ އިތުރުން، އެ އައިސްޕްލާންޓްތަކުގައި އައިސް އުފައްދާފައި ހުރި މިންވަރާއި، އަދި ދޯނިތަކަށް ލިބޭނެ މިންވަރުވެސް ބެލޭނެއެވެ. މިގޮތުން، މަސްވެރިންނަށް އެންމެ ފަސޭހައިން އައިސް ލިބެން ހުންނަ ސަރަހައްދު ދެނެގަނެ، ދަތުރުކުރުމަށް ފަސޭހަވާނެއެވެ.
މި ޚިދުމަތާއެކު، މަސްވެރި އޮޑިދޯނިފަހަރަށް ބޮޑު ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. އައިސް ހޯދުމަށް ކުރަންޖެހޭ ދަތުރުތައް ކުރުވެ، ވަގުތާއި ޚަރަދުވެސް ވަރަށް ބޮޑަށް ސަލާމަތްކުރެވޭނެއެވެ. މިއީ މަސްވެރިކަމުގެ ސިނާއަތަށް ޓެކްނޮލޮޖީގެ އެހީގައި ގެނެވުނު މުހިންމު ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.