ވިޔަފާރި / ޚަބަރު

މަސްވެރިންގެ ކަންކަން ފަސޭހަކޮށް، ވަގުތު ސަލާމަތްކުރަން 'މަސްކިރާ' އެޕްލިކޭޝަން އިފްތިތާޙުކޮށްފި

މަސްވެރިންގެ ކަންކަން ފަސޭހަކޮށް، ވަގުތު ސަލާމަތްކުރަން 'މަސްކިރާ' އެޕްލިކޭޝަން އިފްތިތާޙުކޮށްފި

މަސްވެރިން މަހުން ލަފައިގެން މަސްތައް ތަރުތީބުކުރަނީ ފޮޓޯ؛ ކޯޕަރޭޓް މޯޅްޑިވްސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

14 ޑިސެމްބަރު 2025، 08:16

14 ޑިސެމްބަރު 2025، 08:16

 ދިވެހިރާއްޖޭގެ މަސްވެރިންނަށް މަސް ކިރުމުގެ ކަންކަން އިތުރަށް ފަސޭހަކޮށްދިނުމާއި، މަސްވެރިންގެ ވަގުތު ސަލާމަތްކުރުމުގެ މަޤުޞަދުގައި، މޯލްޑިވްސް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)އިން "މަސްކިރާ"ގެ ނަމުގައި ހާއްސަ އެޕްލިކޭޝަނެއް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. މި އެޕްލިކޭޝަންގެ ސަބަބުން މަސްވެރިންގެ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.

މި އެޕްލިކޭޝަން އިފްތިތާޙުކޮށްދެއްވީ މި މަހުގެ ތެރޭގައި ފާހަގަކުރި 45 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައެވެ. މި ހަފްލާގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވި ޞިއްޙީ ވަޒީރު އަބްދުﷲ ނާޠިމް އިބްރާހީމްއެވެ. މި އެޕްލިކޭޝަނަކީ ދިވެހި މަސްވެރިކަމުގެ ސިނާއަތަށް ޒަމާނީ ހައްލެއް ގެނެސްދޭނެ އެއްޗެއްކަމަށް ގިނަ ބަޔަކު ދެކެއެވެ.

މިފްކޯއިން ހާމަކުރެއްވި ގޮތުގައި، "މަސްކިރާ"ގެ ނަމުގައި ތަޢާރަފުކުރި މި އެޕްލިކޭޝަނަކީ މަސްވެރިން މަސްކިރަން ދާއިރު، އެހެން ބައެއްގެ ބައިވެރިވުމެއް ނެތި، އޮޓޯ ޖެނެރޭޓް ކުރެވޭ ކިއޫ ނަންބަރެއް ލިބޭގޮތަށް ފަރުމާކޮށްފައިވާ އެޕެކެވެ. މީގެ އިތުރުން މަސްވެރިންނަށް ގިނަ ފަސޭހަތަކެއް މި އެޕްގައި ހިމެނެއެވެ. "ކެޔޮޅާ މޯލްޑިވްސް"ގެ ރައީސާ ޝަފްގާ ޝަފީގުގެ ކޮންސެޕްޓަކަށް ފަރުމާކޮށް، މިފްކޯއާ ގުޅިގެން ތަޢާރަފުކުރެވުނު މި އެޕްލިކޭޝަން ތައްޔާރުކޮށްފައިވަނީ، ފުޅާ ދާއިރާއެއްގައި މަސްވެރިންގެ ޚިޔާލާއި މަޝްވަރާވެސް ހޯދައިގެންނެވެ.

މި އެޕްލިކޭޝަންގެ މައިގަނޑު ބޭނުމަކީ މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކޮށް، އެމީހުންގެ މަސައްކަތްތައް ހަރުދަނާކުރުމެވެ. މަސްވެރިންނަށް އެމީހުންގެ ދޯނި ރަޖިސްޓްރީކުރުމުގެ ފުރުސަތު މި އެޕްލިކޭޝަންގެ ތެރެއިން ލިބިގެންދެއެވެ. މީގެ ސަބަބުން މަސްކިރުމުގެ އިތުރުން، އެހެނިހެން ޚިދުމަތްތަކަށްވެސް ފަސޭހަކަމާއެކު އެދެވޭނެއެވެ. އެގޮތުން ތެޔޮ، ފެން އަދި އައިސް ފަދަ ޚިދުމަތްތައް ހޯދުމަށްވެސް އެޕްލިކޭޝަނުން އެދެވިދާނެއެވެ. މި ހުރިހާ ކަމެއް ނިމުމަށްފަހު، މަސް ކިރުމަށް ޓޯކަން ޖެނެރޭޓް ކުރެވޭނެއެވެ. އަދި ޓޯކަން ޖެނެރޭޓް ކުރުމަށްފަހު، ކިއު ނަންބަރު ވަގުތުން ބަލާލުމުގެ ފުރުސަތުވެސް މަސްވެރިންނަށް ލިބިގެންދެއެވެ.

މި އެޕްލިކޭޝަން މެދުވެރިކޮށް މީގެ ކުރިން އެ ދޯނިފަހަރުން މަސްކިރުވި އަދަދުތަކާއި ތަފާސްހިސާބުތައްވެސް ބަލާލެވޭނެއެވެ. މިކަމުގެ ސަބަބުން މަސްވެރިންނަށް އެމީހުންގެ މަސްވެރިކަމުގެ ތާރީޚު ފަސޭހަކަމާއެކު މޮނިޓަރ ކުރެވޭނެއެވެ. މިފަދަ ހިދުމަތަކާއެކު މަސްވެރިންނަށް އެމީހުންގެ އުފެއްދުންތެރިކަން އިތުރުކުރުމަށް އެހީތެރިވެދޭނެކަމަށް މިފްކޯއިން ލަފާކުރެއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ވިދާޅުވީ، މިފަދަ ޒަމާނީ ހައްލެއް ގެނައުމުގެ ސަބަބުން މަސްވެރިންގެ މަސައްކަތްތައް ވަރަށް ބޮޑަށް ފަސޭހަވެ، ވަގުތު ސަލާމަތް ކުރެވޭނެ ކަމަށެވެ. އަދި މިއީ މަސްވެރިން ގިނަ ވަގުތު ކިއުގައި ޖެހިގެން ހުންނަންޖެހޭ ހާލަތަށް ނިމުމެއް ގެނެސްދޭނެ ކަމެއް ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރައްވައެވެ. "މަސްކިރާ" އެޕްލިކޭޝަނަކީ ދިވެހި މަސްވެރިކަމުގެ ދިގު ތާރީޚުގައި ޓެކްނޮލޮޖީގެ ބޭނުން ހިފި އިތުރު މުހިންމު ފިޔަވަޅެކެވެ.
 


 

Ads by MSS

މި ލިޔުން ކިޔާލުމުން