ވިޔަފާރި / ޚަބަރު

މަސްވެރިކަން ދުނިޔޭގެ ބާޒާރަށް,"ފްރޮމް މޯލްޑިވްސް"ގެ ވެބްސައިޓް އިފްތިތާޙުކޮށްފި

މަސްވެރިކަން ދުނިޔޭގެ ބާޒާރަށް,"ފްރޮމް މޯލްޑިވްސް"ގެ ވެބްސައިޓް އިފްތިތާޙުކޮށްފި

ފްރޮމް މޯލްޑިވްސް ވެބްސައިޓް ފޮޓޯ: ފްރޮމް މޯލްޑިވްސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

14 ޑިސެމްބަރު 2025، 08:27

14 ޑިސެމްބަރު 2025، 08:27

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ބައިނަލްއަޤުވާމީ ބާޒާރުގައި ޕްރޮމޯޓްކުރުމަށް ބޭނުންކުރާ ޤައުމީ ބްރޭންޑް "ފްރޮމް މޯލްޑިވްސް"ގެ ވެބްސައިޓް އިފްތިތާޙުކޮށްފިއެވެ. މި ވެބްސައިޓް އިފްތިތާޙުކޮށްދެއްވީ، 45 ވަނަ މަސްވެރިންގެ ދުވަސް ޤައުމީ ފެންވަރެއްގައި ފާހަގަކުރުމަށް ރ.ދުވާފަރުގައި ބޭއްވި ރަސްމީ ޖަލްސާގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ.

މި ވެބްސައިޓްގެ މައިގަނޑު މަޤުސަދަކީ ދުނިޔޭގެ ބާޒާރުގައި ރާއްޖޭގެ މަސްވެރިކަން އިޝްތިހާރުކޮށް، ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް ރަނގަޅު އަގެއް ހޯދުމަށް މަގުފަހިކޮށްދިނުމެވެ. މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވަނީ، މި ވެބްސައިޓަކީ ބޭނުންކުރަން ފަސޭހަގޮތަކަށް ޑިޒައިންކުރެވިފައިވާ ވެބްސައިޓެއް ކަމަށެވެ.

"ފްރޮމް މޯލްޑިވްސް"ގެ ނަމުގައި މަސްވެރިކަމުގެ އުފެއްދުންތައް ބައިނަލްއަޤުވާމީ ބާޒާރުގައި ޕްރޮމޯޓް ކުރުމުގެ މަޤުސަދުގައި ޚާއްސަ ބްރޭންޑެއް ތަޢާރަފް ކޮށްފައިވަނީ މި އަހަރުގެ ޖުލައި މަހުގެ 17 ވަނަ ދުވަހުއެވެ. މި ބްރޭންޑް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ އިނގިރޭސިވިލާތުގައި ބޭއްވި ޔޫކޭ - މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން އިތުރަށް ވިދާޅުވީ، މި ބްރޭންޑުގެ ވެބްސައިޓް އިފްތިތާޙު ކުރުމަކީ އަގު އެއްކުރި މަހާއި މަހުގެ އުފެއްދުންތައް ރާއްޖޭގައި ތައްޔާރުކޮށް، ބަންދު ކުރުމުގެ ކެޕޭސިޓީ އިތުރު ކުރުމަށާއި، އަދި ޕްރޮސެސް ކުރުމުގެ އިތުރުން މަސް ފިނިކޮށް، ރައްކާ ކުރުމުގެ ނިޒާމު އިތުރަށް ފުޅާކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށްވެސް ލިބޭނެ ކުރިއެރުމެއް ކަމަށެވެ.

ރާއްޖޭގައި މަހުގެ އުފެއްދުންތައް ތައްޔާރު ކުރާ އުފެއްދުންތެރިންނަށް ބައިނަލްއަޤްވާމީ ބާޒާރުތަކުގައި ވާދަވެރިކަމާއެކު ބައިވެރިވުމުގެ މަގު އިތުރަށް ފަހިކުރުމަށް ތައްޔާރުކޮށްފައިވާ މި ބްރޭންޑަކީ، ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ މޯލްޑިވްސް ފިޝަރީސް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަންގެ އުފެއްދުމެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން