ކުޅިވަރު
އިނގިރޭސި ލީގު: އިދިކޮޅަށް ކުޅުނު ވޫލްވްސްއިން އާސެނަލްގެ ލީޑު ދަމަހައްޓައިދީފި
އާސެނަލް ކުޅުންތެރިން އުފާފާޅުކުރަނީ---
އިނގިރޭސި ޕްރިމިއަރ ލީގުގައި އާސެނަލް އާއި ވުލްވަރހެމްޕްޓަން ވޮންޑާސް (ވޫލްވްސް)އާ ކުޅުނު މެޗުގައި ވޫލްވްސްގެ ކުޅުންތެރިންގެ އަތުން ބައިކޮޅަށް ވަތް ދެ ގޯލާއެކު، އާސެނަލްގެ ލީޑު ލީގުގެ އެއްވަނައިގައި ދަމަހައްޓައިފިއެވެ.
އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އާސެނަލްއަށް އެންމެ އުނދަގޫވީ، ވޫލްވްސްގެ ފަހަތުގައި 5 ކުޅުންތެރިން ޑިފެންސްކުރުމަށް މަޑުކޮށްގެން ތިބެ ކުޅުމުންނެވެ.
އެހެންކަމުން މެޗުގެ 70ވަނަ މިނެޓާ ހަމައަށް ދިޔައިރު ވެސް ނަތީޖާއަކަށް ބަދަލެއް ނާދެއެވެ. އެންމެ ފަހުން މެޗުގެ ނަތީޖާ އާސެނަލްގެ ކޮޅަށް ބުރަވީ، އެ ޓީމަށް ލިބުނު ކޯނަރެއްގައި، ބުކާޔޯ ސަކާ ނަގައިދިން ބޯޅަ، ގޯލްކީޕަރު ސޭމް ޖޯންސްޓޯން ބޯމަތިން ގޮސް، ފަހަތު ދަނޑީގައި ޖެހުމަށްފަހު އަނބުރާ އޭނާގެ ބޮލުގައި ޖެހިފައި ބައިކޮޅަށް ވަތް ގޯލުންނެވެ.
އޭގެ ފަހުން ވޫލްވްސް ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެ ޓީމަށް އެކަން ކާމިޔާބުކުރެވުނީ މެޗުގެ ފަހު މިނެޓުގައެވެ. މެތިއުޒް މާނޭ އާސެނަލްގެ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލީ، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޓޮލޫ އަރުކޮޑާރޭއެވެ.
މި ގޯލާއެކު އާސެނަލްގެ ސަޕޯޓަރުންނަށް ހާސްކަން ގެނުވިއެވެ. އެއީ މެޗުގެ ނަތީޖާ ހަމަހަމަވެއްޖެނަމަ، މެންޗެސްޓަރ ސިޓީ މިރޭ ކުޅޭ މެޗުން މޮޅުވުމުން އާސެނަލްއާ ޕޮއިންޓުގެ ގޮތުން ހަމަކުރެވޭނެތީއެވެ.
ނަމަވެސް އެކަން ބަދަލުކުރީ އަނެއްކާ ވެސް ވޫލްސްގެ ކުޅުންތެރިއެކެވެ. އިތުރު ވަގުތުގެ 4ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ތެރެއަށް ސަކާ ހުރަސްކޮށްދިން ބޯޅަ ގޯލަށް ވަނީ، އެ ބޯޅަ އަމާޒު ކުރި ގެބްރިއަލް ޖީސުސްއަށް ލިބުނަ ނުދޭން މަސައްކަތްކުރި މޮސްކޭރާގެ ބޮލުގައި ޖެހިފައެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗު މިކޭލް އާރޓޭޓާ ބުނީ، މެޗު ކުރިޔަށް ދިޔައީ "ރޯލާރކޯސްޓާ" އެއްހެން ކަމަށެވެ. އެގޮތުން މެޗުގައި ގިނަ ވަގުތު ހޭދަވިވަރަކަށް ވޫލްސްއިން ކުރަމުން ދިޔަ މަސައްކަތް އިތުރުވިކަމަށާއި، އެހެންކަމުން މިނެޓަކަށްފަހު މިނެޓެއް ކުޅުން ރަނގަޅު ކުރަން މަސައްކަތް ކުރަން ޖެހުނު ކަމަށެވެ.
އަދި މެޗުން މޮޅުވުމަކީ ލީގު ތާވަލަށް ބަލާއިރު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށް އޭނާ ބުންޏެވެ.
މި ނަތީޖާއާއެކު އާސެނަލް ވަނީ ސިޓީއާ ދެމެދު އޮތް ލީޑު 5 ޕޮއިންޓަށް އިތުރުކޮށްފައެވެ. ނަމަވެސް މިރޭ ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅޭ މެޗުން ސިޓީ މޮޅުވެއްޖެނަމަ، އެ ލީޑު ދެ ޕޮއިންޓަށް ކުޑަވާނެއެވެ.