ޚަބަރު
ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށް
ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް
ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް، އެ މަސައްކަތާ ހަވާލުވެފައިވާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (މެކްލް) ހާމަކޮށްފިއެވެ.
ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މިހާތަނަށް 31 ހެކްޓަރުގެ ބިން ހިއްކިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.
މި އަދަދަކީ ހިއްކުމަށް ހަމަޖެހިފައިވާ ބިމުގެ ޖުމްލަ 49.2 އިންސައްތައެވެ. މިއާއެކު މަޝްރޫޢުގެ ދެބައިކުޅަ އެއްބައި ނިމުމަކާ ގާތަށް ޖެހިލާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. މި މަސައްކަތް މެކްލް އިން ފަށާފައިވަނީ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.
މި ބިޔަ މަޝްރޫޢުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ދެ ބޮޑު ޑްރެޖަރު ބޭނުންކުރަމުންދެއެވެ. އެއީ 22,000 ކިއުބިކް މީޓަރު ގެ ޖާގަ ހުންނަ 'ޕްރިންސް ޑެރ ނެދަލޭންޑެން' އާއި، ހަމަ އެ ޖާގައިގެ 'އޮރާންޖް' އެވެ. މި ދެ ޑްރެޖަރުގެ އެހީގައި ބިން ހިއްކުމުގެ މަސައްކަތް ދަނީ ދުވާލާއި ރޭގައި ވެސް ކުރިއަށެވެ.
ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫޢަކީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށްޓަކައި ސަރުކާރުން އިސްކަންދޭ މުހިންމު މަޝްރޫޢެކެވެ. މަސައްކަތުގެ ދުވެލި މިހާރު ހުރި ގޮތުން، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތް ނިންމޭނެ ކަމަށް މެކްލް އިން އުންމީދުކުރެއެވެ.