ކުޅިވަރު

މެސީގެ ޒިޔާރަތާ ގުޅިގެން އިންޑިއާ ސަޕޯޓަރުން ރުޅި ގަދަވީ ޓިކެޓަށް ހޭދަކުރި ފައިސާ ބޭކާރުވީކަމަށް ޤަބޫލުކުރެވުމުން

މެސީގެ ޒިޔާރަތާ ގުޅިގެން އިންޑިއާ ސަޕޯޓަރުން ރުޅި ގަދަވީ ޓިކެޓަށް ހޭދަކުރި ފައިސާ ބޭކާރުވީކަމަށް ޤަބޫލުކުރެވުމުން

ކޮލްކަޓާގެ ސޯލްޓް ލޭކް ސްޓޭޑިއަމަށް މެސީ ޒިޔާރަތްކުރުން / ފޮޓޯ: ރޮއިޓާސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

14 ޑިސެމްބަރު 2025، 10:05

14 ޑިސެމްބަރު 2025، 10:05

އާޖެންޓީނާ އަދި އިންޓަރ މިއާމީގެ ތަރި، ލިއޮނެލް މެސީ އިންޑިއާއަށްކުރި ޒިޔާރަތާ ގުޅިގެން ކޮލްކަޓާގެ ފުޓުބޯޅަ ދަނޑުގައި ހަމަނުޖެހުން އުފެދުނީ، ބޮޑު އަގުގައި ޓިކެޓު ގަނެގެން މެސީ ދެކިލުމަށް ދަނޑަށް ވަތް މީހުންގެ ޓިކެޓަށް ހޭދަކުރި ފައިސާ ބޭކާރުވީކަމަށް އެ މީހުން ޤަބޫލުކުރުމުންނެވެ. 

ކޮލްކަޓާގެ ސޯލްޓް ލޭކް ސްޓޭޑިއަމަށް ގިނަ ބަޔަކު ވަދެފައިވަނީ، ދުނިޔެ ދުށް އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާކަމަށް ގިނަ ބަޔަކު ޤަބޫކުކުރާ މެސީ ކައިރިން ދެކިލުމަށް ބޭނުންވެގެންނެވެ. މިކަމުގެ ޑިމާންޑު ބޮޑު ކަމުން، ދަނޑަށް ވަނުމުގެ ޓިކެޓުގެ އަގު 12،000 ރުޕީސްއަށް ވެސް އަރާފައިވެއެވެ. އެއީ ބޮލަކަށް ގާތްގަނޑަކަށް 133 އެމެރިކާ ޑޮލަރެވެ. ނަމަވެސް އިތުރު ސެލެބްރިޓީންނާއި ގިނަ އަދަދެއްގެ ސެކިއުރިޓީންނާއެކު ދަނޑަށް ވަތް މެސީ ވަނީ، ދަނޑު ވަށާ ހިނގާލުމަށްފަހު އަނބުރާ ގޮސްފައެވެ. އެކަމަށް ހޭދަވީ ގާތްގަނޑަކަށް 20 މިނެޓެވެ. 

އެހާ ކުޑަވަގުތުކޮޅަކަށްފަހު މެސީ ދަނޑުން ދިއުމާއެކީ، ދަނޑަށް ވަދެ ތިބި މީހުން ރުޅިގަދަވެ، ތަކެއްޗަށް ގެއްލުންދޭން ފެށިއެވެ. އަދި ގޮނޑިފަދަ ތަކެތި ފެންސު މަތިން ދަނޑުގެ ތެރެއަށް އުކަން ފެށިއެވެ. 

މެސީ ދަނޑުން އަވަހަށް ދިއުމާ ގުޅިގެން ދަނޑަށް ވަދެ ތިބި މީހުން ހިތްހަމަ ނުޖެހުން ފާޅުކުރުން / ފޮޓޯ: ރޮއިޓާސް

މިކަމާ ގުޅިގެން ވެންޓް ބެންގާލްގެ ޗީފް މިނިސްޓަރ، މަމެތާ ބަނޭޖީ ވިދާޅުވީ، މިއީ ބަލަން އުނދަގޫވި މަންޒަރުތަކެއް ކަމަށެވެ. އަދި އެ ކަމުގެ ސަބަބުން މެސީ އާއި ފުޓުބޯޅަ ސަޕޯޓަރުންގެ ކިބައިން ބަނޭޖީ ވަނީ މައާފަށް އެދިފައެވެ. އަދި މި ހާދިސާއާ ގުޅޭ ތަޙުޤީޤެއް ފަށާފައިވާކަމަށް ވެސް ބަނޭޖީ ވިދާޅުވިއެވެ. 

މި ހާދިސާއާ ގުޅިގެން މެސީގެ ފަރާތުން ވާހަކަ ދެއްކި އޮފިޝަލަކު ބުނީ، މެސީ ކަންކުރީ ކުރިން އެއްބަސްވި ގޮތަށް ކަމަށާއި، އޭނާ ކުއްލިއަކަށް ނިންމި ނިންމުމަކުން ދަނޑުން ދިޔައީ ނޫން ކަމަށެވެ. 

އޭއެފްޕީއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަރަކާތުގެ "ޗީފް އޮގަނައިޒާރ" ވަނީ ފުލުހުން ހައްޔަރުކޮށްފައެވެ. އަދި ޓިކެޓުގެ ރީފަންޑު ދެވޭނެ ގޮތެއް ބަލަމުންދާކަމަށް ވެސް ވަނީ ހާމަކޮށްފައެވެ. 

މެސީ ވަށާލާފައި ތިބި މީހުންގެ އަދަދު ގިނަ ކަމުން، އޭނާ ބެލުމަށް ދަނޑަށް ވަދެތިބި ބައެއް މީހުނަށް އޭނާ ފެނިފައެއް ނުވޭ / ފޮޓޯ: ރޮއިޓާސް

އޯލް އިންޑިއާ ފުޓުބޯޅަ ފެޑެރޭޝަން (އޭއައިއެފްއެފް)އިން ބުނީ މި އިވެންޓުގައި އެ ފެޑެރޭޝަނުގެ އެއްވެސް ޚިއްސާއެއް ނެތް ކަމަށާއި، އެއީ އަމިއްލަ ފަރާތަކުން ހިންގި ހަރަކާތެއް ކަމަށެވެ.

އޭއެފްޕީއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަރަކާތް އިޝްތިހާރުކުރީ މެސީގެ ކުޅުން ހަމަލޮލަށް ފެނިގެންދާނެ އިވެންޓެއްކަމަށް ބުނަމުންނެވެ. އެހެންކަމުން ބޮޑު އަގަށް ޓިކެޓު ގަނެގެން ގިނަ ބަޔަކު ދަނޑަށް ވަނީ މެސީ ކުޅޭތަން ހަމަލޮލަށް ބަލާލުމަށްކަމަށް ޤަބޫލު ކުރެވެއެވެ.

މިކަމާ ރުޅިއައިސްފައި ހުރި މީހަކު ދިން އިންޓަވިއުއެއްގައި ބުނީ، މެސީ ވަށާލާފައި ތިބި މީހުން ގިނަ ކަމުން އޭނާއަށް މެސީ ފެނިފައިވެސް ނުވާކަމަށެވެ. އަދި އެހެން މީހެއް ބުނީ، އެ ޓިކެޓު ގަތުމަށް އޭނާގެ އެއްމަހުގެ މުސާރައާ އެއްވަރަށް ހޭދަކުރަން ޖެހުނު ކަމަށެވެ. އަދި އޭނާ އަގުބޮޑުކޮށް ޓިކެޓު ގަނެގެން ދަރިފުޅާއެކު ދަނޑަށް ވަނީ ސިޔާސީ މީހުންނާއި ސެލެބްރިޓީން ބަލަން ނޫންކަމަށާއި، ހަމައެކަނި މެސީ ބަލާލުމަށްކަމަށް ބުންޏެވެ. 

ހިތްހަމަ ނުޖެހިފައި ތިބި ސަޕޯޓަރުން ދަނޑަށް ގެއްލުންދީފައި / ފޮޓޯ: ރޮއިޓާސް

މެސީއާއަކު މި ދަތުރުގައި ލުއިސް ސުއަރޭޒް އާއި ރޮޑްރީގޯ ޑި ޕައުލް ވެސް ބައިވެރިވިއެވެ. 

މީގެ ކުރިން 2011ވަނަ އަހަރުގައި ވެސް މެސީ ކޮލްކަޓާއަށް ޒިޔާރަތްކޮށްފައި ވެއެވެ. އެ ފަހަރު ކޮލަކަޓާގެ ސޯލްޓް ލޭކް ސްޓޭޑިއަމްގައި ކުޅުނު އެކުވެރި ކަމުގެ މެޗެއްގައި އޭނާ ބައިވެރިވިއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން