Ads by Stelco

ޚަބަރު

ފަހުގެ ތާރީޚެއްގައި މަސްވެރިންނަށް އެންމެ ގިނައިން ފައިސާ ދޫކޮށްފައި ވަނީ މިމަހުގެ 13 ވަނަ ދުވަހު

ފަހުގެ ތާރީޚެއްގައި މަސްވެރިންނަށް އެންމެ ގިނައިން ފައިސާ ދޫކޮށްފައި ވަނީ މިމަހުގެ 13 ވަނަ ދުވަހު

މަސްދޯންޏަކުން ބާނާފައި ހުރި މަސްތަކެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 ޑިސެމްބަރު 2025، 10:55

14 ޑިސެމްބަރު 2025، 10:55

ފަހުގެ ތާރީޚެއްގައި މަސްވެރިންނަށް އެންމެ ގިނައިން ފައިސާ ދޫކޮށްފައިވަނީ މިމަހުގެ 13 ވަނަ ދުވަހުކަމަށް ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ  ތަފާސްހިސާބުތަކުން ދައްކައިފިއެވެ. 

އެތަފާސް ހިސާބުތަކުން ދައްކާގޮތުގައި ފަހުގެ ތާރީޚެއްގައި މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ. މި ދުވަހު ޖުމްލަ 6.1 މިލިޔަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާއިރު، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް، މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމުގެ އުސޫލުގެ ދަށުން ދޫކުރެވުނު ފައިސާއެވެ.

މިފްކޯއިން މަޢުލޫމާތު ދެއްވާ ގޮތުގައި، މިމަހުގެ 11 ވަނަ ދުވަހު މިފްކޯއަށް މަސް ކިރުވި 92 ދޯންޏަކަށް މިމަހުގެ 13 ވަނަ ދުވަހު 6.1 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

މިފްކޯއިން ވިދާޅުވާ ގޮތުގައި، މިއީ ފަހުގެ ތާރީޚެއްގައި އެއްދުވަހެއްގެ މައްޗަށް މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކުރެވުނު ދުވަހެވެ. މި އައު އުސޫލާ ގުޅިގެން މަސްވެރި ކަމަށް ނުކުންނަ ދޯނިތަކުގެ އަދަދު ވަނީ އިތުރުވެ، މަސްވެރިކަމުގެ ސިނާޢަތަށް ހެޔޮ ބަދަލުތަކެއް އަންނަމުންނެވެ.

މިފްކޯގެ ތަފާސްހިސާބުތަކަށް ބަލާއިރު، މީގެ ކުރިން މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ. އެދުވަހު ޖުމްލަ 7.65 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ.

މިމަހުގެ މިހާތަނަށް ދޫކޮށްފައިވާ ފައިސާގެ އަދަދުތައް ތިރީގައި މިވަނީއެވެ:

  • ޑިސެންބަރު 1: 2.3 މިލިޔަން ރުފިޔާ
  • ޑިސެންބަރު 2: 2.6 މިލިޔަން ރުފިޔާ
  • ޑިސެންބަރު 3: 2.5 މިލިޔަން ރުފިޔާ
  • ޑިސެންބަރު 4: 3.8 މިލިޔަން ރުފިޔާ
  • ޑިސެންބަރު 5: 4.1 މިލިޔަން ރުފިޔާ
  • ޑިސެންބަރު 6: 5.6 މިލިޔަން ރުފިޔާ
  • ޑިސެންބަރު 7: 3.5 މިލިޔަން ރުފިޔާ
  • ޑިސެންބަރު 11: 3.9 މިލިޔަން ރުފިޔާ
  • ޑިސެންބަރު 12: 2.9 މިލިޔަން ރުފިޔާ
  • ޑިސެންބަރު 13: 6.1 މިލިޔަން ރުފިޔާ

މި ސަރުކާރުން ދަނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއަރުވައި ސިންދަފާތު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ވިދާޅުވެފައިވާ ގޮތުގައި، މަސްވެރިކަމުގެ ސިނާޢަތައް ދިމާވެފައިވާ މައްސަލަތަކަށް ސަރުކާރުގެ ފުރަތަމަ 3 އަހަރުގެ ތެރޭގައި ހައްލު ލިބިގެންދާނެއެވެ. މި ސިނާޢަތް އިތުރަށް ފުޅާކުރުމަށް ޚާއްސަ އިސްކަމެއް ދެއްވައިގެން ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ.

މި މަސައްކަތްތަކުގެ ތެރޭގައި ރާއްޖޭގައި މަސް ރައްކާ ކުރުމުގެ ޤާބިލްކަން ދެގުނަ ކުރުމާއި، ޕްރޮސެސިންގެ ފެސިލިޓީތަކުގެ މަސައްކަތްތައް ހިމެނެއެވެ. ސަރުކާރުގެ އަމާޒަކީ މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ސިނާޢަތަކަށް މަސްވެރިކަން ހެދުމެވެ. މިކަމަށްޓަކައި ސިނާޢަތް ސިންދަފާތު ކުރުމަށް ވެސް ޕްލޭންތައް ހަދައިގެން ދަނީ މަސައްކަތް ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން