ދުނިޔެ
އަމިއްލަ ކައިވެނި ޕާޓީ ދޫކޮށް މެސީ ބަލަން ދިޔަމީހާއަށް މެސީއެއް ނުފެނުނު!
ފުޓްބޯޅަ ކުޅުންތެރިޔާ މެސީ އަދި ކައިވެނި ދޫކޮށް މެސީ ބަލަން ދިޔަ އިންޑިއާގެ ރައްޔިތެއް
ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރި ލިއޮނަލް މެސީ އިންޑިއާއަށް ކުރި ތިން ދުވަހުގެ "ގޯޓް" ދަތުރުގެ ތެރެއިން، މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު ކޮލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމަށް އޭނާ ދިއުމުން އޭނާ ބަލާލަލން އަމިއްލަ ކައިވެނި ޕާޓީ ދޫކޮށް ސްޓޭޑިއަމްއަށް ދިޔަ މީހާއަށް މެސީ ފެންނަގޮތެއް ނުވިއެވެ. މީގެ އިތުރުން މެސީގެ ފެނިލުމާ ގުޅިގެން ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައި، ހުރިހާ ކަމެއް ވަރަށް ހޫނުވެގެން ދިޔަ ކަމަށް ޚަބަރު ލިބިއްޖެއެވެ. މެސީގެ މި ދަތުރުގައި ކޮލްކަތާގެ އިތުރުން ހައިދަރުއާބާދު، މުމްބާއީ އަދި ނިއުދިއްލީއަށް ވެސް ޒިޔާރަތްކުރާގޮތަށް ވަނީ ހަމަޖައްސާފައެވެ.
މެސީ ކޮލްކަތާއަށް ދިޔައީ ހޮނިހިރު ދުވަހުގެ ހެނދުނު އެވެ. ސެޓޭޑިއަމްއަށް މެސީ ދިޔަ ނަމަވެސް، އެ ހަރަކާތް ދިޔައީ ވަރަށް ދަށްކޮށެވެ. އާންމުންނަށް މެސީ ނުފެނުމާއި، ސެކިއުރިޓީގެ ދޯހަޅިކަމުގެ ސަބަބުން ކަންކަން ކޮޅުންލާ ހަމަނުޖެހުންތަކަށް ބަދަލުވެގެން ދިޔައެވެ. މެސީ ދަނޑަށް ގޮސް މާގިނައިރުތަކެއް ނުވެ، އޭނާގެ ވަށައިގެން ސިޔާސީ ބޭފުޅުންނާއި، ފުލުހުންނާއި، ވީއައިޕީންނާއި، އެބޭފުޅުންގެ އެހީތެރިން ގިނަ އަދަދަކަށް އެއްވެ، އާންމުންނަށް މެސީ ފެނުން ހުރަސް އެޅިގެން ދިޔައެވެ.
މި ހާލަތުގެ ސަބަބުން މެސީ ވެސް ހުރީ ހައިރާންވެ، ހިތްހަމަނުޖެހިފައި ކަމަށް ފެނިފައިވެއެވެ. އޭނާ ކުރީގެ ކުޅުންތެރިންނަށް އޮޓޯގްރާފް ދެމުން، ދަނޑުގެ ވަށައިގެން މަޑުމަޑުން ހިނގާލަން މަސައްކަތްކުރިއެވެ. ނަމަވެސް ހާލަތު ދިޔައީ އިތުރަށް ގޯސްވަމުންނެވެ. އެއް ގަޑިއިރަށް މެސީ ދަނޑުގައި މަޑުކުރާގޮތަށް ހަމަޖެހިފައި އޮތް ނަމަވެސް، ކަންކަން ކޮޅުންލައިގެން ދިޔަ ހާލަތަކަށް ދިއުމުން، އެންމެ 22 މިނެޓަށްފަހު އޭނާ ދަނޑުން ބޭރުކޮށްފައިވާކަމަށް ވެއެވެ. މެސީ ދަނޑުން ފޮނުވާލުމާއެކު، އޭގެފަހުން އެތަނުގައި ހަމަނުޖެހުންތައް އިތުރަށް ބޮޑުވެގެން ދިޔައެވެ.
ފޯރީގައި ތިބި ސަޕޯޓަރުން ފެން ފުޅިއާއި ގޮނޑި އެއްލާ ހަދައި، މެސީއަށްޓަކައި ބަހައްޓާފައި ހުރި ދެ ކެނޮޕީ ވެސް ވަނީ އެއްލާފައެވެ. ހަމަ އެހެންމެ، ވެސްޓް ބެންގާލްގެ ޗީފް މިނިސްޓަރ މަމަޓާ ބެނަރޖީއަށް ޚާއްސަކޮށްފައި ހުރި ތަން ވެސް ވަނީ ފުނޑުކޮށް، އެތަނުގެ ބައެއްގައި އަލިފާން ރޯކުރުމަށް މަސައްކަތްކޮށްފައެވެ. ފުލުހުން ވަގުތުން އެކަމާ މެދު ފިޔަވަޅު އަޅައި، ހަމަނުޖެހުން ކޮންޓްރޯލްކޮށްފިއެވެ.
VIDEO | Kolkata: “Everyone was excited today as Messi was coming. It’s my wedding day, but I left all the ceremonies to be here. Still, the management was so pathetic that I couldn’t even see him,” says a fan as Argentine footballer Lionel Messi’s event draws ire, with attendees… pic.twitter.com/zgfBAy0LVd
— Press Trust of India (@PTI_News) December 13, 2025
މެސީއަށްޓަކައި ދަނޑަށް އެއްވި ގިނަ އަދަދެއްގެ ސަޕޯޓަރުންނަށް މެސީގެ މޫނު ވެސް ނުފެނި، ހިތްހަމަނުޖެހިފައި ގެއަށް ދާންޖެހުނެވެ. ޕީޓީއައިއާ ވާހަކަ ދައްކަމުން އެއް ސަޕޯޓަރަކު ބުނީ، އޭނާގެ ކައިވެނި އޮތް ދުވަހު ވެސް މެސީ ދެކިލުމަށް ކައިވެނި ދޫކޮށްފައި އައި ނަމަވެސް، ލިބުނީ ހިތްހަމަނުޖެހުން ކަމަށެވެ. "މެސީ އަންނާނެކަން ކޮލްކަތާގައި ހުރިހާ އެންމެންނަށް ވެސް އެނގިފައި އޮތީ. މިއަދު އަޅުގަނޑުގެ ކައިވެންނި ދޫކޮށްފައު މިއައީ ވެސްމެސީ ދެކިލާން. އެކަމަކު އަޅުގަނޑުގެ އުންމީދުތައް ފުރިހަމަވެފައެއް ނެތް،" އޭނާ ބުންޏެވެ.