ދުނިޔެ

ލުބްނާނުގެ ދެކުނަށް އިޒްރާއިލުން ދިން ހަމަލާއެއް ހުއްޓުވައިފި

ލުބްނާނުގެ ދެކުނަށް އިޒްރާއިލުން ދިން ހަމަލާއެއް ހުއްޓުވައިފި

ލުބްނާން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 ޑިސެމްބަރު 2025، 01:18

14 ޑިސެމްބަރު 2025، 01:18

އިޒްރާއީލުގެ އަސްކަރިއްޔާއިން ލުބްނާނުގެ ދެކުނުގައިވާ ޔާނޫހު ކިޔާ އަވަށަކަށް ދޭން ރާވާފައިވާ ހަމަލާއެއް ހުއްޓުވައިފިއެވެ.

މިކަން ހުއްޓާލާފައިވަނީ ލުބްނާނުގެ އަސްކަރިއްޔާއަށް އެ ސަރަހައްދުގައިވާ ވަކި ގެއެއް ބަލައި ފާސްކުރުމުގެ ފުރުސަތު ދިނުމަށް ކަމަށް އިޒްރާއީލުން ބުނެއެވެ.

އަލްޖަޒީރާގެ ރިޕޯޓަރު ބުނި ގޮތުގައި ލުބްނާނުގެ އަސްކަރިއްޔާއިން ވަނީ އެ ގެ ބަލައި ފާސްކޮށްފައެވެ. ސަލާމަތީ މަސްދަރަކާ ހަވާލާދީ އަލްޖަޒީރާ ބުނީ، މި ބަލައިފާސްކުރުން ކުރިއަށް ގެންގޮސްފައިވަނީ ހަނގުރާމަ ހުއްޓާލުމަށް ބެލެހެއްޓުމަށް އެކުލަވާލާފައިވާ ކޮމިޓީއާ ގުޅިގެން ކަމަށެވެ. މި ކޮމިޓީގައި އެމެރިކާ، ފްރާންސް، އދ. ގެ ވަގުތީ ބާރު (ޔޫނިފިލް)، ލުބްނާން އަދި އިޒްރާއީލުގެ މަންދޫބުން ހިމެނެއެވެ.

މި ހަމަލާ ހުއްޓާލުމުގެ ކުރިން، އިޒްރާއީލުން ވަނީ ޔާނޫހު އަވަށުގެ ރައްޔިތުންނަށް އެ ސަރަހައްދު ދޫކޮށް ދިއުމަށް އިންޒާރު ދީފައެވެ. އެއީ ހިޒްބުﷲ ޖަމާއަތުގެ އުމްރާނީ ބިނާއެއް ކަމަށް ބުނެ އެ ސަރަހައްދަށް ހަމަލާ ދިނުމަށް ތައްޔާރުވުމުގެ ގޮތުންނެވެ. ނަމަވެސް، އިސްރާއީލުގެ އަސްކަރިއްޔާގެ ތަރުޖަމާނު އަވީޚާއީ އަދްރަޢީ ފަހުން ވިދާޅުވީ، އެ ހަމަލާ ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށާއި، އަދިވެސް އެ ސަރަހައްދު މޮނިޓަރ ކުރަމުންދާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، ލުބްނާނުގެ އަސްކަރިއްޔާއިން ހަނގުރާމަ ހުއްޓާލުމަށް ބެލެހެއްޓުމުގެ މެކޭނިޒަމް މެދުވެރިކޮށް، އެ ސަރަހައްދަށް ވަދެ، އިޒްރާއީލުން ބުނާ ގޮތުގައި އެއްބަސްވުންތައް ފުނޑާލާފައިވާ ކަންތައްތައް ބެލުމަށް އެދުމުން މި ހަމަލާ ހުއްޓާލީ ކަމަށެވެ.

ޔޫނިފިލްގެ ތަރުޖަމާނު ކެންޑިސް އާޑިލް ވިދާޅުވީ، އެ ބާރުން ވަނީ ލުބްނާނުގެ އަސްކަރިއްޔާއާއެކު ޔާނޫހު އަވަށަށް ގޮސް، ބަލައިފާސްކުރުމުގެ މަސައްކަތަށް އެހީތެރިކަން ދީފައި ކަމަށެވެ. އޭނާ ވިދާޅުވީ، އިޒްރާއީލުން ޔާނޫހު އަވަށަށް ހަމަލާ ދޭން އުޅޭކަމުގެ މައުލޫމާތު މޮނިޓަރިން މެކޭނިޒަމް މެދުވެރިކޮށް ޔޫނިފިލްއަށް ލިބިފައިވާ ކަމަށެވެ. އަދި، މިފަދަ ކަމެއް ކުރުމަކީ އދ. ގެ ސަލާމަތީ މަޖިލީހުގެ ޤަރާރު ނަންބަރު 1701 ގެ ޚިލާފު ކަމެއްކަން ޔޫނިފިލްއިން އިޒްރާއީލަށް ހަނދާންކޮށްދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ހާދިސާތައް ހިނގާފައި މިވަނީ، އިޒްރާއީލުން ލުބްނާނަށް ބޮޑު ހަމަލާއެއް ދޭން އުޅޭ ކަމުގެ ޚަބަރުތަކާއެކު ސަރަޙައްދުގެ ޙާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ.

ލުބްނާނުގެ ޚާރިޖީ ވަޒީރު ޔޫސުފް ރަޖީ އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އިޒްރާއީލުން ލުބްނާނާ ދެކޮޅަށް ބޮޑު އަސްކަރީ އޮޕަރޭޝަނެއް ހިންގަން ތައްޔާރުވަމުންދާ ކަމުގެ އިންޒާރު ޢަރަބި އަދި ބައިނަލްއަޤްވާމީ ފަރާތްތަކުން ލިބިފައިވާ ކަމަށެވެ.

ރަޖީ ވިދާޅުވީ، އެ ޤައުމުން މިހާރު ދަނީ އިޒްރާއީލުގެ އެއްވެސް ހަމަލާއަކުން ލުބްނާން ސަލާމަތްކުރުމަށް ޑިޕްލޮމެޓިކް މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.

ހިޒްބުﷲ ގެ ސެކްރެޓަރީ ޖެނެރަލް ނަޢީމް ޤާސިމް ވިދާޅުވީ، ލުބްނާނުގެ ބާރާއި ދިފާއީ ކުޅަދާނަކަމުގެ ބޭނުން ހިފުމަށް ދިފާއީ ސްޓްރެޓެޖީއަކަށް އެ ޖަމާއަތުން އެއްބަސްވާ ކަމަށެވެ. ނަމަވެސް، އިޒްރާއީލުގެ މަޤްސަދު ހާސިލްކުރުމަށް އެ ޖަމާއަތުގެ ހަތިޔާރު ބެހެއްޓުމަކީ ނުވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ޤާސިމް ވަނީ ލުބްނާނުގެ ސަރުކާރުން "ރިއާޔަތްތައް ދިނުން" ހުއްޓާލުމަށް ގޮވާލައްވާފައެވެ. އަދި، ހަތިޔާރު ދައުލަތުގެ ބާރުގެ ދަށަށް ގެނައުމަށް ހުށަހަޅާފައިވާ ފޯމިއުލާއަކީ އެމެރިކާ-އިޒްރާއީލުގެ އެދުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އިޒްރާއީލުގައި، ޗެނަލް 12 އިން ރިޕޯޓުކުރި ގޮތުގައި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އަންނަ ހޯމަ ދުވަހަށް ތާވަލުކޮށްފައިވާ އޭނާގެ ޝަރީއަތުގެ ޖަލްސާ ކެންސަލްކުރުމަށް އެދިފައެވެ. އެއީ އެމެރިކާގެ މަންދޫބު ޓޮމް ބްރެކްއާ ބައްދަލުވުމެއް އޮތުމާ ގުޅިގެންނެވެ. އެ ޗެނަލް ބުނި ގޮތުގައި ނަތަންޔާހޫ އާއި ބްރެކްގެ ބައްދަލުވުމުގެ މަޤްސަދަކީ ލުބްނާނުގައި ޙާލަތު ގޯސްވިޔަ ނުދިނުމާއި، ސީރިއާ އާއި ގުޅޭ ގޮތުން އެއްބަސްވުންތަކަކަށް އައުމެވެ.

ހިޒްބުﷲ އާއި އިޒްރާއީލާ ދެމެދު ހަނގުރާމަ ހުއްޓާލާފައިވަނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް، އިޒްރާއީލުގެ އަސްކަރިއްޔާއިން ދަނީ ގާތްގަނޑަކަށް ކޮންމެ ދުވަހަކު ވެސް ލުބްނާނަށް ހަމަލާ ދެމުންނެވެ.  އެ ޤައުމުގެ ދެކުނުގެ ސަރަހައްދުތަކަށް ވަދެ، ބިން ކޮނުމާއި ގޮއްވާލުމުގެ އޮޕަރޭޝަންތައްވެސް އިޒްރާއިލުން ކުރިއަށް ގެންދަމުންދެއެވެ.

ލުބްނާނުގެ ސަރުކާރުން މިދިޔަ އޮގަސްޓް މަހު ވަނީ ހަނގުރާމަ ހުއްޓާލުން ދެމެހެއްޓުމަށް އެމެރިކާގެ ޕޭޕަރެއް ބަލައިގެންފައެވެ. އެ ޕޭޕަރުގައި ވަނީ ހިޒްބުﷲ ގެ ހަތިޔާރު ބޭލުމާއި، ލުބްނާނުގެ އަސްކަރިއްޔާ އެ ޤައުމުގެ ދެކުނަށް ފޮނުވުމުގެ ޓައިމްލައިނެއް ހިމެނެއެވެ. ނަމަވެސް، ހިޒްބުﷲ އިން ވަނީ ހަތިޔާރު ދައުލަތުގެ ބާރުގެ ދަށަށް ގެނައުމުގެ ޕްލޭންތަކުގެ ސަބަބުން ދާޚިލީ ހަނގުރާމައެއް ފެށިދާނެ ކަމުގެ އިންޒާރު ދީފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450