ދުނިޔެ

މުޢާހަދާއަށް ނުވަ ހަފްތާ، މިހަފްތާގައިވެސް 268 ފަހަރު އިޒްެރާއިލުން މުޢާހަދާއާ ޚިލާފުވެއްޖެ

މުޢާހަދާއަށް ނުވަ ހަފްތާ، މިހަފްތާގައިވެސް 268 ފަހަރު އިޒްެރާއިލުން މުޢާހަދާއާ ޚިލާފުވެއްޖެ

ޣައްޒާގެ ހަތަރު ޝަހީދެއްގެ ހަށިގަނޑު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 ޑިސެމްބަރު 2025، 03:45

14 ޑިސެމްބަރު 2025، 03:45

އިޒްރާއިލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ޙަމާސްއާއި އިޒްރާއިލަ ދެމެދު ވެވުނު މުޢާހަދާއަށް ނުވަވަނަ ހަފްތާ ގުނަމުންދާއިރު މިހަފްތާ ތެރޭގައިވެސް މިހާތަނަށް 268 އަށް ފަހަރު އިޒްރާއިލުން މުޢާހަދާއާއި ޚިލާފުވެއްޖެއެވެ. 

އިޒްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކާ ގުޅޭގޮތުން އޮރޫބާ ސެންޓަރ ފޮރ ރިސަރޗް އެންޑް ސްޓްރެޓެޖިކް ތިންކިންގ އިން ނެރުނު ހަފްތާ ރިޕޯޓުގައިވާ ގޮތުން، ހަމަލާތައް ހުއްޓާލުމަށް މުޢާހަދާގައި ސޮއިކުރުމަށްފަހުވެސް ނުވަވަނަ ހަފްތާގައި ވެސް އިސްރާއީލުން ބޮޑެތި އަދި ސިސްޓަމެޓިކް ހަމަލާތައް ދިނުން ހުއްޓާލާފައެއް ނުވެއެވެ. މި ރިޕޯޓުގައި ހިމަނާފައިވަނީ 2025 ވަނަ އަހަރުގެ ޑިސެމްބަރު 6 އިން 12 އަށް ހިނގާދިޔަ ކަންކަމެވެ.

މި މުއްދަތުގެ ތެރޭގައި، އިޒްރާއީލުން 268 ފަހަރު ޤަވާއިދާ ޚިލާފުވެފައިވާކަން އެ ސެންޓަރުން ވަނީ ލިޔެކިޔުންތަކުން ސާބިތުކޮށްފައެވެ. މި ހަމަލާތަކުގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނޭ ގޮތަށް 18 ފަލަސްތީނުގެ ރައްޔިތުން ޝަހީދުވެ، 56 މީހުން ޒަޚަމްވެފައިވެއެވެ. މި ހިސާބުތަކުން ދައްކަނީ ކުރީގެ ހަފްތާތަކަށްވުރެ ކޮންމެވެސް ވަރަކަށް ހަމަލާތައް މަދުކޮށްފައިވީ ނަމަވެސް، ޣައްޒާއަށް ކޮންމެ ދުވަހަކުވެސް އަނިޔާވެރިކަން ކުރިމަތިވަމުންދާ ކަމެވެ.

މި މުއްދަތުގައި ހިނގާދިޔަ ޤަވާއިދާ ޚިލާފުވުންތަކުގެ ތެރޭގައި، އާޓިލަރީ ހަމަލާތައް، ވައިގެ ހަމަލާތައް، ސީދާ ބަޑިން ދިން ހަމަލާތައް، ބިމަށް އަރައިގަތުން، އަދި ރައްޔިތުން ދިރިއުޅޭ އިމާރާތްތަކަށް ބޮޑެތި ހަމަލާތައް ދިނުން ހިމެނެއެވެ.

ގިނަ ހަމަލާތައް އަމާޒުކޮށްފައިވަނީ ޣައްޒާގެ އިރުމަތީ އަދި އުތުރު ސަރަޙައްދަށެވެ. މީހުން ޝަހީދުވުމާ، ޒަޚަމްވުންތަކާއި، ބޮން އެޅުމާއި، އިމާރާތްތައް ތަޅާލުމުގެ އެންމެ ބޮޑު ގެއްލުން ލިބިފައިވަނީ ޣައްޒާ ސިޓީ، ޚާން ޔޫނިސް، އަދި އުތުރު ޣައްޒާއަށެވެ.

ރިޕޯޓުގައި ހިމަނާފައިވާ ނުވަވަނަ ހަފްތާގެ ތަފާސްހިސާބުތައް:

  • ޝަހީދުވި މީހުން (އަންހެނުންނާއި ކުޑަކުދިން ހިމެނޭ): 18
  • ޒަޚަމްވި މީހުން: 56
  • ބިމަށް އަރަގަތުން: 10
  • އާޓިލަރީ ހަމަލާ: 43
  • އާންމުންގެ އިމާރާތްތައް ތަޅާލުން: 24
  • ސީދާ އަމާޒުކޮށް ދިން ހަމަލާ: 41
  • ބަޑިޖެހުމުގެ ހާދިސާ: 76
  • ޖުމްލަ ޤަވާއިދާ ޚިލާފުވުން: 268


އެ ސެންޓަރުން ބުނި ގޮތުގައި، ދުވާލަކު އެވްރެޖްކޮށް 38 ފަހަރު މުޢާހަދާ އާއި ޚިލާފުވުން ހިނގާފައިވުމުން ދައްކަނީ ޓްރަމްޕްގެ ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމުގެ ސަބަބުން އިސްރާއީލުގެ އަސްކަރީ ހަރަކާތްތަކަށް މާ ބޮޑު ބަދަލެއް އައިސްފައި ނުވާ ކަމެވެ.

ވައިގެ މަގުން ދިން ހަމަލާތަކާއި ބޮން އެޅުންތައް ޣައްޒާ ސިޓީ، ޚާން ޔޫނިސް، ރަފަޙް، އަދި ދެއިރު އަލް-ބަލަޙްގެ ރެސިޑެންޝަލް އަވަށްތަކަށް އަމާޒުކޮށްފައިވާއިރު، މީގެ ސަބަބުން މީހުން މަރުވެ، ޒަޚަމްވެ، ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

އިޒްރާއީލުގެ ސިފައިން ވަނީ އިރުމަތީ ޚާން ޔޫނިސް، ދެއިރު އަލް-ބަލަޙް، އަދި ޖަބަލިޔާގެ ސަރަޙައްދުތަކަށް ވަދެ، ގޭގެއަށް ގެއްލުންދީ، މުދާތައް ހަލާކުކޮށް، ބިމުގެ ވަށައިގެން ފާރުތައް ޖަހާފައެވެ. ހިމާޔަތް ހޯދުމަށް ސްކޫލްތަކުގައި ތިބި ޙާލުގައި ޖެހިފައިވާ އާއިލާތަކަށް ވެސް ވަނީ ދިގުދެމިގެންދާ މުޙާޞަރާއެއްގެ ތެރޭގައި ތިބެން ޖެހިފައެވެ.

އިމާރާތްތައް ތަޅާލުމުގެ އޮޕަރޭޝަންތަކުގެ ތެރޭގައި މުޅި ރެސިޑެންޝަލް ބްލޮކްތައް ނައްތާލުން ހިމެނެއެވެ. އަދި އަވަށްތަކުގެ ތެރޭގައި ބޮން އަޅާފައިވާ ހަނގުރާމަވެރި އުޅަނދުތައް ބޭނުންކޮށްފައިވެއެވެ. މި ހަމަލާތަކުގެ ސަބަބުން އިތުރަށް މީހުން ހިޖުރަކުރަން މަޖުބޫރުވެ، އާންމުންގެ ގޭގެއާއި ޙާލުގައި ޖެހިފައިވާ މީހުންގެ ވަގުތީ ފޭލިގޭގެ ސަރަޙައްދުތަކަށް އަމާޒުކޮށްފައިވެއެވެ.

އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ ޖަބަލިޔާ، ބަނީ ސުހައިލާ، އަދި ރަފަޙްގެ މަވާސީ ސަރަޙައްދަށެވެ.

މިފަހުން ފިނިމޫސުމުގެ ތޫފާނީ ޙާލަތްތަކުގެ ސަބަބުން އިންސާނީ ޙާލަތު ވަނީ އިތުރަށް ގޯސްވެފައެވެ. ސަތޭކަޔަށްވުރެ ގިނަ ފޭލިގެއަށް ފެން ވަދެ، ބައެއް ގޭގެއަށް ބައެއް ނުވަތަ މުޅިން ވެސް ގެއްލުން ލިބިފައިވެއެވެ. އިޒްރާއީލުގެ ފަރާތުން އެހީގެ ސާމާނު ޣައްޒާއަށް ވެއްދުމަށް ހުރަސް އެޅުމުގެ ސަބަބުން، ޙާލުގައި ޖެހިފައިވާ އާއިލާތަކުގެ ޙާލަތު އިތުރަށްވަނީ ގޯސްވެފައެވެ. އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވަނީ ކުޑަކުދިންނަށެވެ.

އޮރޫބާ ސެންޓަރުން ނިންމާފައިވާ ގޮތުގައި، ހަމަލާ ހުއްޓާލުމުގެ ނުވަވަނަ ހަފްތާގެ ކަންތައްތަކުން ދައްކަނީ އިސްރާއީލުން މި އެއްބަސްވުމަށް ސިޔާސީ ނުވަތަ އިންސާނީ ގޮތުން އެއްވެސް އަހައްމިއްޔަތެއް ނުދޭ ކަމެވެ. ބަދަލުގައި، އެ އެއްބަސްވުން ބޭނުންކުރަނީ މަޑުމަޑުން ހަމަލާ ދިނުމާއި، ދާއިރާގައި ބާރު ބަހައްޓައި، އަނބުރާ ހަމައަކަށް އެޅުމަށް ނުވަތަ ހަމަޖެހުމަކަށް އައުމަށް އޮތް ކޮންމެ ހަޤީޤީ މަގެއް ބަންދުކުރުމަށް ކަމަށް އެ ސެންޓަރުން ބުނެއެވެ. އާންމުން ދަނީ ދާއިމީ ނުރައްކަލެއްގެ ތެރޭގައި ދިރިއުޅެމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން