Ads by Stelco

ޚަބަރު

ދަތުރުފަތުރުގެ ޚިދުމަތްތައް ހިންގުމުގައި މޫސުމުގެ ޙާލަތަކީ ވަރަށް ބޮޑު އަސަރެއް ކުރާ އެއްޗެއް: ވުޒާރާ

ދަތުރުފަތުރުގެ ޚިދުމަތްތައް ހިންގުމުގައި މޫސުމުގެ ޙާލަތަކީ ވަރަށް ބޮޑު އަސަރެއް ކުރާ އެއްޗެއް: ވުޒާރާ

ކަނޑު ގަދަ ދުވަހެއްގައި ދަތުރުކުރަނީ/ފޮޓޯ: މިހާރު

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

14 ޑިސެމްބަރު 2025، 03:46

14 ޑިސެމްބަރު 2025، 03:46

ދަތުރުފަތުރުގެ ޚިދުމަތްތައް ހިންގުމުގައި މޫސުމުގެ ޙާލަތަކީ ވަރަށް ބޮޑު އަސަރެއް ކުރާ އެއްޗެއްކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެ ވުޒާރާއިން ވިދާޅުވީ، ޚާއްޞަކޮށް ކަނޑުން ވަށާލެވިފައިވާ ޤައުމުތަކުގައި، މޫސުމުގެ ބަދަލުތަކުގެ ސަބަބުން ދަތުރުފަތުރުގެ ޙަރަކާތްތަކަށް ކުރާ ނޭދެވޭ އަސަރު ބޮޑުވެފައިވާ ކަމަށެވެ. އެގޮތުން، ވާރޭ، ބާރުގަދަވައި، ގަދަކަނޑު، އަދި ފެންނަ މިންވަރު ދަށްވުން ފަދަ ކަންކަމަކީ މަގުމަތީގެ ދަތުރުފަތުރާއި، ކަނޑުގެ ދަތުރުފަތުރާއި، ވައިގެ ދަތުރުފަތުރަށް ވެސް އަސަރުކުރާ މައިގަނޑު މޫސުމީ ކަންކަންކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، ބޯކޮށް ވާރޭވެހޭ ޙާލަތްތަކުގައި މަގުތައް ދިލަވެ، އެކްސިޑެންޓްވުމުގެ ނުރައްކާ އިތުރުވާ ކަމަށާއި، މިފަދަ ހާލަތްތަކުގައި ޑްރައިވަރުންނަށް އިރުޝާދު ދެނީ ސްޕީޑް މަޑުކޮށް، ރައްކާތެރި ދުރުމިން ބަހައްޓައި، އުޅަނދުތައް ރަނގަޅު ހާލަތެއްގައި ބެހެއްޓުމަށްކަމަށް އެވުޒާރާއިން ވިދާޅުވިއެވެ. އަދި ކަނޑުގެ ދަތުރުފަތުރުގައި، ވައިގެ ބާރުމިނާއި ރާޅުތަކުގެ ސަބަބުން ދަތުރުތައް ލަސްކުރުން ނުވަތަ ކެންސަލްކުރުން އެކަށީގެންވާ ކަމަށާއި، މިއީ ފަސިންޖަރުންނާއި ފަޅުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މުހިންމު ކަމެއްކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. 

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، ދަތުރުކުރުމަށް ނުކުތުމުގެ ކުރިން މޫސުމީ މަޢުލޫމާތުތައް ހޯދުމަކީ، ރަނގަޅަށް ޕްލޭންކުރުމަށާއި ނުރައްކާތެރި ހާލަތްތަކުން ދުރުހެލިވުމަށް އެހީތެރިވެދޭ ކަމެއްކަމަށެވެ. އަދި ދަތުރުފަތުރުގެ ޚިދުމަތްދޭ އިދާރާތަކުން މޫސުމާބެހޭ އެންމެފަހުގެ މަޢުލޫމާތުތައް ގާތުން ބަލަމުންދާނެ ކަމަށާއި، ބޭނުންވާ ހާލަތްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، ދަތުރުފަތުރުގެ ޚިދުމަތްތައް ހުއްޓާލުމުގެ ފިޔަވަޅުވެސް އަޅާނެކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.

އެ ވުޒާރާއިން އިތުރަށް ވިދާޅުވީ، މޫސުމާއި ދަތުރުފަތުރުގެ ގުޅުން ދެނެގަތުމަކީ، ދަތުރުވެރިންގެ ފަރާތުން ކެތްތެރިކަމާއި އެއްބާރުލުން އިތުރުކުރާނެ ކަމެއް ކަމަށާއި، ރައްކާތެރިކަމަކީ އަބަދުވެސް އިސްކަންދޭންޖެހޭ ކަމެއް ކަމަށެވެ. އަދި ކޮންމެ މީހަކު ވެސް އެމީހުންގެ މަންޒިލަށް ރައްކާތެރިކަމާއެކު ވާސިލުވުމަށްޓަކައި ބައެއް ފަހަރު ދަތުރުތަކަށް އަންނަ ކުދިކުދި ލަސްވުންތައް ބަލައިގަންނަން ޖެހޭކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން