ޚަބަރު
ރ. އިންނަމާދޫގައި ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ބަހައްޓަނީ
ސިސްޓަމް ބެހެއްޓުން/ފޮޓޯ: ވުޒާރާ
ރ. އިންނަމާދޫގައި ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ބެހެއްޓުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެ ވުޒާރާއިން ވިދާޅުވީ، މި ސިސްޓަމް ޢަމަލީގޮތުން ބޭނުންކުރަން ފެށުމުން، އެ ރަށުގެ ހަކަތަ ލިބިގަންނަ ގޮތްތަކަށް މުހިންމު ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވިފައިވާ ކަމަށެވެ. ހަމަ އެހެންމެ، މި މަސައްކަތަކީ ރާއްޖޭގެ ތިމާވެއްޓަށް އިސްކަންދީ، އާދެވިދާނެ ހަކަތައިގެ ބޭނުން އިތުރުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން މުހިންމު ފިޔަވަޅެއްކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
ތިމާވެށްޓާ ބެހޭ ވުޒާރާއިން އިތުރަށް ވިދާޅުވީ، މި ސިސްޓަމް ބަހައްޓައި ޢަމަލީގޮތުން ބޭނުންކުރަން ފެށުމުން، އަހަރަކު 164،672 ލީޓަރުގެ ޑީޒަލް ސަލާމަތް ކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މީގެ އިތުރުން، ކާބަން ޑައިއޮކްސައިޑް (CO₂) ބޭރުކުރާ މިންވަރު އަހަރަކު 403 ޓަނަށް ކުޑަކުރެވޭނެ ކަމަށާއި، މިއީ ތިމާވެއްޓަށް ވަރަށް ބޮޑު ހެޔޮ ބަދަލެއް ގެނެސްދޭނެ ކަމެއް ކަމަށް އެ ވުޒާރާއިން ވަނީ ފާހަގަކުރައްވާފަ އެވެ.

މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރަށް އެއްބާރުލުންދޭ މުހިންމު މަޝްރޫޢެކެވެ. ރައީސްގެ ތަސައްވުރުގައި 2028 ވަނަ އަހަރާ ހަމައަށް ޤައުމީ ކަރަންޓުގެ ބޭނުންވާ މިންވަރުގެ 33 އިންސައްތަ އާދެވިދާނެ ހަކަތައިން ފުއްދުމަށް އަމާޒުކޮށްފައިވާއިރު، ރ. އިންނަމާދޫގައި ބެހެއްޓޭ މި ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމަކީ މި އަމާޒަށް ވާސިލުވުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.
މި މަޝްރޫޢުގެ ސަބަބުން ރ. އިންނަމާދޫގެ ރައްޔިތުންނަށް ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރަޙްމަތްތެރި ގޮތަކަށް ހަކަތަ ލިބިގެންދާނެއެވެ. އަދި، ރާއްޖޭގެ ހަކަތައިގެ ބޮޑު ބައެއް ޑީޒަލުން އުފައްދަމުންދާ ދަނޑިވަޅެއްގައި، މިފަދަ މަޝްރޫޢުތަކަކީ ހަކަތައިގެ ގޮތުން މިނިވަންވުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއްކަމަށް ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.