Ads by Stelco

ޚަބަރު

ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ކަނޑައެޅުމުގެ ބާރު ދިވެހީންނަށް ލިބެން ޖެހޭ: ވަޒީރު ޝިޔާމް

ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ކަނޑައެޅުމުގެ ބާރު ދިވެހީންނަށް ލިބެން ޖެހޭ: ވަޒީރު ޝިޔާމް

ވަޒީރު ޝިޔާމް/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

14 ޑިސެމްބަރު 2025، 03:57

14 ޑިސެމްބަރު 2025، 03:57

ދުނިޔޭގެ ބާޒާރުގައި ދޮށީގެ މަސްވެރިކަމުން ބާނާ މަސް ވިއްކުމާއި އަގު ކަނޑައެޅުމުގެ ފުރިހަމަ ބާރު ދިވެހީންނަށް ލިބެންޖެހޭ ކަމަށް މަސްވެރިކަމާ ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، 2023 ވަނަ އަހަރު މުޅި ދުނިޔޭގެ ދޮށީގެ މަސްވެރިކަމުގައި ގާތްގަނޑަކަށް 40 އިންސައްތަ ބާނާފައިވަނީ ދިވެހިރާއްޖެއިން ކަމަށެވެ.

ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވީ، ޖަޕާނުން ދޮށީގެ މަސްވެރިކަމުގައި ބާނާ މަހެއް އެއްވެސް ގޮތަކަށް އެކްސްޕޯޓެއް ނުކުރާ ކަމަށެވެ. އެހެންކަމުން، އެކްސްޕޯޓު ބާޒާރުގައި ދޮށީގެ މަސްވެރިކަމުގައި ބާނާ މަހުގެ ދިވެހިރާއްޖޭގެ ހިއްސާ 50 އިންސައްތައަށް ވުރެ ވެސް ބޮޑު ކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފަ އެވެ. އެހެން ނަމަވެސް، ދިވެހިރާއްޖެއަށް އަގު ކަނޑައެޅުމުގެ ބާރު ނެތް ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ވަޒީރު ވިދާޅުވީ، މިކަމުގެ މައިގަނޑު އެއް ސަބަބަކީ ދިވެހިރާއްޖޭގައި ރޯމެޓީރިއަލް ހިފެހެއްޓޭނެ ގޮތެއް ނެތުން ކަމަށެވެ. އަދި މިވަގުތު ދިވެހިރާއްޖޭގެ ލޭންޑްބޭސްޑް ފެސިލިޓީތަކުގެ ޖުމްލަ ކެޕޭސިޓީ އަކީ 9،500 ޓަނު ކަމަށާއި، ދިވެހިރާއްޖެއިން އަހަރެއްގެ ތެރޭ 120،000 ޓަނު ބާނަކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އޭގެ 70 އިންސައްތަ ގަންނަނީ މިފްކޯއިން ކަމަށާއި، އެހެން ނަމަވެސް މިފްކޯގައި މިވަގުތު ހުރީ އެންމެ 4200 ޓަނު ސްޓޯރޭޖް ކަމަށް ވަޒީރު ވިދާޅުވިއެވެ.

 މީގެ އިތުރުން ވަޒީރު ވިދާޅުވީ، މި ފަސް އަހަރު ނިމޭއިރު ދިވެހިރާއްޖޭގައި އެއްފަހަރާ 25،000 ޓަނު މަސް ރައްކާކުރެވޭނެ ޤާބިލްކަން އިތުރުކުރެވިގެންދާނެ ކަމަށެވެ. އަދި އެކަމަށް ގިނަ މަޝްރޫއުތަކެއް ރޭވިފައިވާ ކަން ވަޒީރު ވަނީ ފާހަގަކުރައްވާފަ އެވެ. ހަމަ އެއާއެކު، އައު ޓެކްނޮލޮޖީއާއި އެކު އިންޤިލާބީ ބަދަލެއް މަސްވެރިކަމުގެ ސިނާޢަތަށް އަންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މަސްވެރިކަމުގެ ނަފާ މިހާރު ލިބޭ 92 މިލިއަން ޑޮލަރުން 190 މިލިއަން ޑޮލަރަށް މި 5 އަހަރުގެ ތެރޭގައި އުފުލިގެން ދާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން