ޚަބަރު
މާލޭ ޒޯނަށް ރަޖިސްޓްރީ ކުރާ ވެހިކަލްތަކުގެ ޢަދަދު ބޮޑު ތަނުން ދަށަށް!
މާލޭގައި ތޮށްޖެހިފައި/ފޮޓޯ: އެމްވީ ޕްލަސް
މާލޭ ޒޯނަށް ރަޖިސްޓްރީ ކުރާ ވެހިކަލްތަކުގެ ޢަދަދު ބޮޑު ތަނުން ދަށަށް ގޮސްފައިވާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެ ވުޒާރާއިން މީސް މީޑިއާގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، މާލޭ ޒޯނަށް ރަޖިސްޓްރީ ކުރާ ވެހިކަލްތަކުގެ އަދަދު 72.8 އިންސައްތަ އަށް ދަށްވެފައިވާ ކަމަށެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގެ ނިޒާމު ހަރުދަނާކޮށް އެޅި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން، މާލޭ ޒޯނަށް ރަޖިސްޓްރީ ކުރެވޭ ވެހިކަލްތަކުގެ ޢަދަދު ދަށްވެފައިވާ ކަމަށެވެ. އެގޮތުން، 2024 ވަނަ އަހަރު އެ ޢަދަދު %74 ދަށްވެފައިވާއިރު، މި އަހަރު އެ ޢަދަދު ވަނީ %72.8 އަށް ދައްކުރެވިފައި ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
މީގެ އިތުރުން، 2024 ވަނަ އަހަރު މާލެ ސަރަޙައްދަށް ސައިކަލު ރަޖިސްޓްރީ ކުރުން ނުވަ އިންސައްތައަށް ދަށްކޮށްފައިވާ ކަމަށާއި، މި އަހަރުގެ މިހާތަނަށް ސައިކަލް ރަޖިސްޓްރީ ކުރުން 28 އިންސައްތައަށް ދަށްކޮށްފައި ކަމަށް ވެސް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
މާލެ ސިޓީގައި ދުއްވާ އެއްޗެހި ގިނަވެ، ތޮށްޖެހިފައިވާ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ވަނީ ކާރު ރަޖިސްޓްރީ ކުރުމަށް ބަދަލުތަކެއް ގެނެސް އުޞޫލުތައް ހަރުދަނާކޮށްފައެވެ.