ދުނިޔެ
އެއް ހަފްތާތެރޭ އިޒްރާއިލްގެ ޖަލުގައި ފަލަސްޠީނުގެ ދެވަނަ ޒުވާނަކު ޝަހީދުވެއްޖެ
އިޒްރާއިލްގެ ޖަލެއްގައި ތިބި ފަލަސްޠީނުގެ ޤައިދީންތަކެއް
އިޒްރޭލުގެ ޖަލެއްގައި ހައްޔަރުކޮށްފައި ހުއްޓާ ފަލަސްޠީނުގެ 26 އަހަރުގެ ޒުވާނެއް ޝަހީދުވެއްޖެއެވެ.
މިއީ އެއް ހަފްތާގެ ތެރޭގައި އިޒްރޭލުގެ ބެލުމުގެ ދަށުގައި ޝަހީދުވި ދެވަނަ ފަލަސްޠީނުގެ މީހާއެވެ. އޭނާ ޝަހީދުވެފައިވަނީ އަނިޔާކުރުމާއި، އެކަށީގެންވާ ސިއްހީ ފަރުވާ ނުދިނުމުގެ ސަބަބުންނެވެ. މި ޒުވާނާ ހައްޔަރުކޮށްފައިވަނީ އިޒްރޭލު ސިފައިން ހިފާފައިވާ ހުޅަނގުއައްސޭރީން މީގެ މަސްތަކެއް ކުރިންނެވެ.
ބަންދުކުރެވުނު މީހުންނާއި ކުރީގެ ބަންދީންގެ ކޮމިޝަނާއި އަދި ފަލަސްޠީނުގެ ގައިދީންގެ ޖަމިއްޔާއިން
އާދީއްތަ ދުވަހު ކަށަވަރުކޮށްދެއްވި ގޮތުގައި ބެތުލަހަމްގެ 26 އަހަރުގެ ސާޚިރު ޒައޫލް އިޒްރޭލުގެ ބެލުމުގެ ދަށުގައި ޝަހީދުވެފައިވަނީ އޭނާ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 11 ވަނަ ދުވަހުން ފެށިގެން އިދާރީ ބަންދެއްގައި ހުއްޓައެވެ. މި ދެ ޖަމާއަތުން ވަނީ ޑިސެމްބަރު 10 ވަނަ ދުވަހު ބެތުލަހަމްގެ އަނެއް ޒުވާނަކު ވެސް އިޒްރޭލުގެ ޖަލުތަކުގައި ޝަހީދުވިކަން ކަށަވަރުކޮށްދީފައެވެ.
މީގެ އިތުރުން، އެ ދެ ޖަމާއަތުން ވަނީ ޣައްޒާގެ ނަސްލު ނައްތާލުމުގެ ތެރޭގައި ރަހީނުކުރި ތިން ޤައިދީއެއް ޝަހީދުވިކަން އިޢުލާނުކުރިތާ ހަފްތާއެއް ފަހުން މި ކަމަށް އިޝާރާތްކޮށްފައެވެ.
މި ހާދިސާތަކާއެކު 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުގެ ބެލުމުގެ ދަށުގައި ޝަހީދުވިކަން އެނގޭ ފަލަސްޠީނުގެ މީހުންގެ ޖުމްލަ އަދަދު ވަނީ 86 އަށް އަރާފައެވެ. މީގެ ތެރޭގައި ޣައްޒާގެ 50 މީހުން ހިމެނެއެވެ. މި ޖަމާއަތްތަކުން ފާހަގަކުރެއްވި ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިޒްރޭލުގެ ޖަލުތަކުގައި ހިންގާ 'ސިސްޓަމެޓިކް ކުށްތައް' ވަނީ 'މީގެ ކުރިން ނުދެކޭ މިންވަރަކަށް' އިތުރުވެފައެވެ.
އަދި މިއީ 1967 ވަނަ އަހަރުން ފެށިގެން ގައިދީންގެ ހަރަކާތުގެ ތާރީޚުގައި އެންމެ ލޭއޮހޮރުވުން ގިނަ ދުވަސްވަރު ކަމަށް ވެސް އެ ޖަމާއަތްތަކުން ބުނެއެވެ. މިއާއެކު 1967 ވަނަ އަހަރުން ފެށިގެން އިޒްރޭލުގެ ބެލުމުގެ ދަށުގައި ޝަހީދުވި ފަލަސްޠީނުގެ މީހުންގެ ޖުމްލަ އަދަދު ވަނީ 323 އަށް އަރާފައެވެ. ނަމަވެސް، ޣައްޒާއިން ރަހީނުކުރި އެތައް ގައިދީއަކު މަޖުބޫރުކޮށް ގެއްލުވާލާފައިވާތީ، ހަޤީޤީ ޢަދަދު މާ މަތިވެދާނެ ކަމަށް އެ ޖަމާއަތްތަކުން ފާހަގަކުރެއެވެ.
މި ހަފްތާގައި އިޒްރޭލުގެ 'ވަލާ' ނޫހުން ރިޕޯޓުކުރި ގޮތުގައި އިޒްރޭލުން ވަނީ އިޒްރޭލުގެ ބަންދުކުރާ މަރުކަޒުތަކުގެ ތެރޭގައި އަނިޔާކޮށްގެން 110 ފަލަސްޠީނުގެ ރަހީނުންނާއި ޤައިދީން ޝަހީދުކޮށްލައިފައިވެއެވެ. ވަލާއިން މި އަދަދު ސިފަކޮށްފައިވަނީ ކުރީގެ ދިހަވަރުތަކާ އަޅާބަލާއިރު ރެކޯޑު އަދަދެއްގެ ގޮތުގައެވެ. މި ރިޕޯޓު ނެރެފައިވަނީ އިޒްރޭލުގެ ޕަބްލިކް ޑިފެންޑަރުގެ އޮފީހުން މިދިޔަ ހަފްތާގައި ނެރުނު ހޯދުންތަކަކަށް ފަހުގައެވެ. އެ ހޯދުންތަކުން ދައްކާ ގޮތުގައި ފަލަސްޠީނުގެ ރަހީނުންގެ ޞިއްޙީ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. މީގެ ސަބަބުތަކުގެ ތެރޭގައި ހަރުކަށިކަމާއެކު ބަންދުކުރުމާއި، ބަނޑުހައިހޫނުކަން، ޖާގައިގެ ދަތިކަން، ނުސާފުކަން، އަދި ސިސްޓަމެޓިކް ގޮތެއްގައި އަނިޔާކުރުން ހިމެނެއެވެ. ފަލަސްޠީނުގެ ގައިދީންގެ ހާލަތު ބަލާ ބައެއް ޖަމާއަތްތަކުން ބުނާ ގޮތުގައި މިދިޔަ މަހު ޣައްޒާގައި ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ވެސް މި ހާލަތު ދަނީ ދެމިއެވެ.
މިހާރު އިޒްރޭލުގެ ޖަލުތަކުގައި 10,800 އަށް ވުރެ ގިނަ ފަލަސްޠީނުގެ މީހުން ބަންދުކޮށްފައިވެއެވެ. މީގެ ތެރޭގައި 450 ކުދިންނާއި، 87 އަންހެނުންނާއި، ދައުވާއެއް ނުވަތަ ޝަރީޢަތެއް ނެތި ބަންދުކޮށްފައިވާ 3,629 މީހުން ހިމެނެއެވެ. މި ޖަމާއަތްތަކުން ބުނާ ގޮތުގައި ފަލަސްޠީނުގެ ގައިދީން މަރުވަމުން ދަނީ އަނިޔާކުރުމާއި، ބަނޑުހައިހޫނުކަން، ޞިއްޙީ ފަރުވާ ނުދިނުން، ޖިންސީ ގޯނާ، އަދި އިންސާނީ ޙައްޤުތަކަށް ސިސްޓަމެޓިކް ގޮތެއްގައި އަރައިގަތުމުގެ ސަބަބުންނެވެ. ހެކިބަސްތަކުން ކަށަވަރުވާ ގޮތުގައި އިޒްރޭލުގެ ގާޑުންގެ ފަރާތުން ޤަވާއިދުން ތަޅައި، ޖާގައިގެ ދަތިކަން ބޮޑުކޮށް، ނިކަމެތިކޮށް، އަދި އެކަށީގެންވާ ސާފުތާހިރުކަން ނެތިގެން ދެއެވެ.