Ads by Stelco

ޚަބަރު

ބާޒާރުމަތީގެ މަގު ހަދާތީ އެ ސަރަހައްދުގައި އަޅާފައި ހުރި ކަނޑު އުޅަނދުތައް ނަގަން އަންގައިފި

ބާޒާރުމަތީގެ މަގު ހަދާތީ އެ ސަރަހައްދުގައި އަޅާފައި ހުރި ކަނޑު އުޅަނދުތައް ނަގަން އަންގައިފި

މާލޭގެ ބާޒާރުމަތީގެ ސަރަޙައްދު. ފޮޓޯ: މިހާރު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 ޑިސެމްބަރު 2025، 05:18

14 ޑިސެމްބަރު 2025، 05:18

ބޮޑުތަކުރުފާނުމަގުގެ އުތުރުގެ ސަރަހައްދު ތަރައްގީ ކުރުމަށް އެމްޓީސީސީން ފަށާފައިވާ މަސައްކަތުގެ ތެރެއިން ބާޒާރުމަތި ސަރަހައްދުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާތީ، އެ ސަރަހައްދުގައި އަޅާފައި ހުރި ކަނޑު އުޅަނދުތައް ނެގުމަށް މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް) އިން އަންގައިފިއެވެ.

 އެމްޕީއެލްއިން މިއަދު ވިދާޅުވީ، ބާޒާރުމަތީގެ މަސައްކަތް ޑިސެމްބަރު 8 ވަނަ ދުވަހުން ފެށިގެން ތިން މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި، މި މަސައްކަތް ކުރިއަށް ގެންދަނީ އެމްޓީސީސީން ކަމަށެވެ.

މި ބޮޑު މަޝްރޫޢުގެ ދަށުން، މާލޭ ނޯތުހާބަރު ސަރަހައްދު ތަރައްގީ ކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ. އެމްޕީއެލް އިން ވިދާޅުވީ ނޯތުހާބަރު ސަރަހައްދުގެ މަސައްކަތް ޑިސެމްބަރު 20 ވަނަ ދުވަހުގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ސެގްމެންޓަކަށް ބަހާލައިގެންނެވެ.

ނޯތުހާބަރުގެ މަސައްކަތުގެ ފުރަތަމަ ސެގްމަންޓުގެ ދަށުން މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ނޯތުހާބަރުގެ އިރުމަތީ ކޮޅުން ފެށިގެން ހުޅަނގަށް 100 މީޓަރު ހިމެނޭ ސަރަހައްދެއްގައެވެ. މަސައްކަތް ކުރާ ސަރަހައްދުގައި ހުންނަ އުޅަނދުތައް ނަގަންޖެހޭ ސަރަހައްދު އަންގައި ދިނުމުގެ ގޮތުން، އެމްޕީއެލްއިން ވަނީ ވާޓާރު (އެއްގަމު ތޮށި) ގައި މާކް ޖަހާފައިވާނެ ކަމަށް ބުނެފައެވެ.

އެމްޕީއެލް އިން ވަނީ ފުރަތަމަ ސެގްމެންޓުގައި މަސައްކަތް ކުރަން ހަމަޖެހިފައިވާ ސަރަހައްދުގައި މިހާރު ހުރި އުޅަނދުތައް، ޑިސެމްބަރު 19 ވަނަ ދުވަހުގެ މެންދަމު 00:00 ނިޔަލަށް އެ ސަރަހައްދުން ނެގުމަށް އުޅަނދުފަހަރުގެ ވެރިފަރާތްތަކަށް އަންގާފައެވެ. މި މުއްދަތުގެ ކުރިން އުޅަނދުތައް ނެގުމަށް އެމްޕީއެލްއިން ވަނީ އިލްތިމާސްކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން