ޚަބަރު
އައިއެސްޑީބީއިން 400،000 ޑޮލަރުގެ ހިލޭ އެހީއެއް ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ހަދިޔާކޮށްފި
ހިލޭ އެހީ ދިނުން/ފޮޓޯ: ވުޒާރާ
އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ)އިން 400،000 ޑޮލަރުގެ ހިލޭ އެހީއެއް ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ހަދިޔާކޮށްފިއެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ޔުނިވާސަލް ހެލްތު ކަވަރޭޖް (ޔޫއެޗްސީ) ފޯރަމުގައި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުން ހަދިޔާ ކުރެއްވި 400،000 ޑޮލަރަކީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ހެލްތު އިމްޕެކްޓް އިންވެސްޓްމަންޓް ޕްލެޓްފޯމް (އެޗްއައިއައިޕީ) ޕްރޮގްރާމުގެ ތެރެއިން ދެއްވާ ހިލޭ އެހީއެކެވެ.
ޞިއްޙީ ވުޒާރާއިން ވިދާޅުވީ، މި ހިލޭ އެހީގެ ދަށުން ޕްރައިމަރީ ހެލްތްކެއާއަށް އެހީތެރިވުމާއި، ޞިއްޙީ މަރުކަޒުތަކާއި ސަރަޙައްދީ ހޮސްޕިޓަލްތަކުގެ މެދުގައި ރިފަރަލް ސިސްޓަމްތައް ހަރުދަނާކުރުމާއި، އިންސާނީ ވަޞީލަތް ބިނާކުރުމާއި، ހެލްތު އިންފޮމޭޝަން ސިސްޓަމްތައް ހަރުދަނާކުރުމުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ޞިއްޙީ ދައިރާއަށް ކުރިމަތިވާ ގޮތްޖެހުންތަކަށް ވެސް މި އެހީގެ ދަށުން ހޭދަކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޞިއްޙީ ދާއިރާ ތަރައްޤީކުރުމަށް އައިއެސްޑީބީއިން ހިލޭ އެހީ ދެއްވާފައިވާއިރު، މިމަހުގެ 13 އިން 14 އަށް ކުރުނބާ ރިސޯޓްގައި ބޭއްވި މޯލްޑިވްސް ނެޝަނަލް ޔުނިވާސަލް ހެލްތު ކަވަރޭޖް ފޯރަމްގައި އެކިޤައުމުތަކުން ވަނީ އެކިގޮތްގޮތުން މި ދާއިރާ ކުރިއެރުވުމަށް އެހީތެރިވެދޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. މި ފޯރަމްގައި ރާއްޖެއާއި ރާއްޖޭން ބޭރުން 100 އަށްވުރެ ގިނަ ބައިވެރިން ޢަމަލީ ގޮތުން ބައިވެރިވެފައިވާއިރު، އޭގެތެރޭގައި ރާއްޖޭގެ ޞިއްޙީ ދާއިރާގެ އިތުރުން، ގުޅުން ހުރި އެހެން އިދާރާތަކާއި ޞިއްޙީ ޚިދުމަތްދޭ އަމިއްލަ ފަރާތްތަކާއި، ޞިއްޙީ ދާއިރާއިން ތަޢުލީމާއި ތަމްރީންދީ ދިރާސާ ކުރާ ފަރާތްތަކާއި މަދަނީ ޖަމްޢިއްޔާތަށް ހިމެނެއެވެ.

މީގެ އިތުރުން، ރާއްޖެއިން ބޭރުން ބައިވެރިވާ ފަރާތްތަކުގެ ތެރޭގައި، އެ ޤައުމުތަކުގެ ތަޖްރިބާ ޙިއްޞާކުރުމަށް އިންޑިއާ، ބޫޓާން، ސްރީލަންކާ، އިންޑޮނޭޝިއާ، އަދި ފިލިޕީންސްގެ ކަމާބެހޭ ސަރުކާރުގެ އިދާރާތަކުގެ އިތުރުން، ޑަބްލިއޫ އެޗް.އޯ. ޔުނިސެފް، ޔޫ.އެން.ޑީ.ޕީ، އެފް.އޭ.އޯ އަދި އައި.އޯ.އެމް ފަދަ އ.ދ ގެ އިދާރާތަކުގެ އިތުރުން، ޞިއްޙީ ކަންކަން ކުރިއަރުވާ ޤައުމުތަކަށް އެހީތެރިވާ ގްލޯބަލް ފަންޑް، ގަވީ، ވޯލްޑް ބޭންކް، އައިއެސްޑީބީ، އީއައިބީ، އަދި ގޭޓްސް ފައުންޑޭޝަން ފަދަ ޑެވެލޮޕްމެންޓް ބޭންކްތަކާއި ބައިނަލް އަޤްވާމީ ޖަމްޢިއްޔާތަކުން މި ފޯރަމުގައި ވަނީ ބައިވެރިވެފައެވެ.
ޔޫއެޗްސީ ގައި ޤައުމުތަކުގެ ތަޖުރިބާއަށް ބަލައި، އަދި ރާއްޖޭގައި ދިމާވެފައިވާ ބައެއް ގޮންޖެހުންތަކާއި ސަރުކާރުން ފަށާފައިވާ ޞިއްޙީ ދާއިރާ ޑިޖިޓަލް ކުރުމުގެ ޕްލޭންއަށް ރިޢާޔަތްކޮށް، ރާއްޖޭގައި ޔޫ.އެޗް.ސީ ޙާޞިލުކުރުމަށް 2026 އިން 2030 އަށް މަގު ޗާޓެއް އެކުލަވާލައި އަދި މި މަސައްކަތުގައި ބައިނަލްއަޤްވާމީ އިދާރާތަކުން ރާއްޖެއަށް ފަންނީ އަދި މާލީ އެހީތެރިކަން ދެވެންހުރި ދާއިރާތައް ވަނީ ކަނޑައަޅާފައެވެ.
ހަމަ އެހެންމެ، ރާއްޖޭގެ ޞިއްޙީ ދާއިރާގެ ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި، ފަރުދީ، ޢާއިލީ އަދި ޖަމާޢަތުގެ ފެންވަރުގައި ފޯރުކޮށްދޭންޖެހޭ ޞިއްޙީ ޚިދުމަތްތައް ޤާޢިމުކޮށް، ޞިއްޙަތުގެ ސިޔާސަތުތައް އެކަށައެޅުމާއި، ޞިއްޙީ ނިޒާމް ހަރުދަނާ ކުރުމަށް ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.