ވިޔަފާރި / ޚަބަރު
ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފުވައްމުލަކުގައި މަސް ޕްރޮސެސްކުރަން ފަށަނީ
ފުވައްމުލަކު ސިޓީއިން މަސް ޕްރޮސެސްކުރުމަށް ވަނީ ތައްޔާރުވެފައި / ފޮޓޯ: މިފްކޯ
ފަރުދުން
14 ޑިސެމްބަރު 2025، 07:56
14 ޑިސެމްބަރު 2025، 07:56
ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފުވައްމުލަކުގައި ޤާއިމްކޮށްފައިވާ މަސް ޕްރޮސެސިން ފެސިލިޓީގެ ޚިދުމަތް ދޭން ފަށާނެކަމަށް، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)އިން ހާމަކޮށްފިއެވެ.
ފުވައްމުލަކު ސިޓީގައި 2021ވަނަ އަހަރު ފެށި މަސް ޕްރޮސެސިން ފެސިލިޓީގެ މަސައްކަތް ނިމިފައިވާއިރު، މި ފެސިލިޓީ ހިންގުމުގެ ޙުއްދަ މޯލްޑްވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން މިހާރު ދީފައިވާކަމަށް މިފްކޯއިން ވަނީ ހާމަކޮށްފައެވެ.
ފުވައްމުލަކު ސިޓީގެ އައިސް ޕްލާންޓު ސަރަޙައްދުގައި ޤާއިމްކޮށްފައިވާ މި ފެސިލިޓީ ހުޅުވުމަށް ތައްޔާރުވެފައިވާއިރު، މިފްކޯއިން މިހާރު ދަނީ ފުވައްމުލައް ސިޓީ ބަނދަރުން މަސް ގަންނަމުންނެވެ.
މަސްވެރިކަމުން ދިވެހި އިޤްތިޞާދަށް ލިބޭ މަންފާ އިތުރުކުރުމުގެ ގޮތުން މިފްކޯއިން ދަނީ އެ ކުންފުނީގެ އޮޕަރޭޝަން ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ފެލިވަރު ކޭނަރީގެ މަރާމާތްކޮށް، މެއިންޓަނަންސްގެ މަސައްކަތްތައް މިހާރު ވަނީ ފަށާފައެވެ. އަދި ގދ. ތިނަދޫގައި ޤާއިމުކުރަން ފަށާފައިވާ މަސް ގަންނަ މަރުކަޒު، 2026 ވަނަ އަހަރުގެ ފަހުކޮޅު ހުޅުވާ އޮޕަރޭޝަނަށް ގެނައުމަށާއި، އުތުރާއި ދެކުނުގައި ބާނާ ބޮޑުކަންނެލި މިފްކޯއަށް ގަތުމުގެ ތައްޔާރީތައްވެސް މިއަހަރު ތެރޭ ފަށަން ތައްޔާރުވަމުން އަންނަ ކަމަށް މިފްކޯއިން މައުލޫމާތުދެއެވެ.
މީގެ އިތުރުން، މިފްކޯގެ ސެންޓަރުތަކުގެ ޙާލަތު ރަނގަޅު ކުރުމާއެކު ޕްރޮސެސިންގެ ކެޕޭސިޓީ އިތުރު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން މަސް ގަތުމުގެ ޙާލަތު ރަނގަޅު ކުރުމަށް އެތަނުގެ ބަނދަރުމަތީގެ މަގުތައް މަރާމާތުކޮށް، ލޯކަލް ޕްރޮޑަކްޝަން ފެކްޓަރީ އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް ކުރުމަށް ވަނީ ހަމަޖެހިފައެވެ.