ކުޅިވަރު
ހުޅުމާލޭގެ އަމާންކަން ކަށަވަރު ކުރުމަށް އެޗްޑީސީގެ ޚާއްޞަ ސެކިއުރިޓީ ބްރޭންޑެއް ތަޢާރަފްކޮށްފި
އެޗްޑީސީ ސެކިއުރިޓީގެ ޔުނީފޯމް ދައްކާލުން---
ފަރުދުން
15 ޑިސެމްބަރު 2025، 09:06
15 ޑިސެމްބަރު 2025، 09:06
ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ އަމާންކަމާއި ސަލާމަތްތެރިކަން ކަށަވަރު ކުރުމަށް، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޚާއްޞަ ސެކިއުރިޓީ ބްރޭންޑެއް ތަޢާރަފްކޮށްފިއެވެ.
އެޗްޑީސީގެ "އެސްޓޭޓް ސެކިއުރިޓީ ސަރވިސް" އިފްތިތާޙުކޮށްފައިވަނީ އާދީއްތަ ދުވަހު އެކަމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހައިރުއެވެ. މި ރަސްމިއްޔާތުގައި ޒުހައިރުއަށް ވަނީ، ސެކުއިރިޓީގެ ޚިދުމަތް އިފްތިތާހުކޮށް، މި ބްރޭންޑް އިތުރަށް ހަރުދަނާކުރުމަށް ކުރައްވާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލައެއްވެސް އަރުވާފައެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޒުހައިރު ވިދާޅުވީ، ހުޅުމާލެއަކީ އެތައް ހާސް ބަޔަކު ދިރިއުޅޭ އަދި އާބާދީ އިތުރުވަމުންދާ ސިޓީއެއް ކަމުން، ސިޓީގައި ދިރިއުޅޭ ރައްޔިތުންނަށް އަމާން އަދި ރައްކާތެރި މުޖުތަމައެއް ބިނާކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އެގޮތުން މި މަސައްކަތުގެ ދަށުން ސެކިއުރިޓީ ރިފޯމްކުރުމަށް އެސްޓޭޓް ސެކުއިރިޓީ ސަރވިސްގެ ނަމުގައި ވަކި ޚާއްޞަ ބްރޭންޑެއް ތަޢާރަފުކޮށްފައިވާ ކަމަށާއި، މިއީ ހުޅުމާލޭގެ ރައްޔިތުންނަށް އަމާން މުޖުތަމައެއްގައި ދިރިއުޅުގެ މަގު ފަހިކުރުމަށް ކުރެވިގެންދިޔަ މުހިންމު މަސައްކަތެއް ކަމަށް އެމްޑީ ޒުހައިރު ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިންސްޕެކްޓަރ އޮފް ޕޮލިސް ޙާމިދާ ޢަބްދުލް ޢަލީމް ވިދާޅުވީ، އާބާދީ ބޮޑު ހުޅުމާލެއަކީ އަމާން ތަނަކަށް ހެދުމަށް، ފުލުހުންނާއި އެޗްޑީސީގެ ސިއުރިޓީ ޓީމާއި ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެޗްޑީސީގެ ސެކިއުރިޓީ ޚިދުމަތަކީ ވަކި ޔުނީފޯމެއް ބޭނުންކޮށް، ވަކި ތަރުތީބަކުން މަސައްކަތްކުރާ ބަޔަކަށްވުމީ، މަސައްކަތް ހަރުދަނާ ވެގެންދާނެ ކަމަށްކަމަށް ވިދާޅުވިއެވެ.
އެސްޓޭޓް ސެކިއުރިޓީ ޓީމުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި ތަންތަން ބެލެހެއްޓުމުގެ 24 ގަޑިއިރު މަސައްކަތް ކުރާނެއެވެ. އަދި ސީސީޓީވީ ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން، ގައުމީ މިންގަނޑުތަކަށް ފެތޭގޮތަށް މި ޚިދުމަތް ފުޅާކުރުމަށް އިތުރު އިންވެސްޓްމަންޓްތައް ކުރަމުންދާނެކަމަށް އެޗްޑީސީއިން މަޢުލޫމާތު ދެއެވެ.
މި ޚިދުމަތުގެ ދަށުން ހުޅުމާލޭގެ ހުރިހާ ފޭސްތަކެއްގައި ހިމެނޭ އިމާރާތްތަކުގެ އިތުރުން، އާންމުކޮށް ބޭނުންކުރާ ސަރަހައްދުތައްވެސް ބަލަހައްޓައި ރައްކާތެރިކަން ކަށަވަރުކުރާނެއެވެ. މީގެ ތެރޭގައި ވީނަރެސް ފްލެޓްސް ފަދަ ބޮޑެތި ޢިމާރާތްތައްވެސް ހިމެނެއެވެ. މި މަސައްކަތް ކުރިއަށްގެންދާއިރު، ކަމާބެހޭ ފަރާތްތަކާއެކު ގުޅިގެން، ޚާއްސަކޮށް ފުލުހުންގެ ޚިދުމަތާ ގުޅިގެން މަސައްކަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.