Ads by Stelco

ޚަބަރު

ގިނަ ބާރުތަކެއްގެ ވާދަވެރިކަން އިތުރުވެފައިވާ ދުނިޔެއެއްގައި، ހަމަޖެހުމާއި ސަޤާފީ ވިލުންތެރިކަން އިތުރުކުރުމަށް މަޝްވަރާ އިތުރުކުރުމަކީ މުހިންމުކަމެއް: ވަޒީރު ޚަލީލް

ގިނަ ބާރުތަކެއްގެ ވާދަވެރިކަން އިތުރުވެފައިވާ ދުނިޔެއެއްގައި، ހަމަޖެހުމާއި ސަޤާފީ ވިލުންތެރިކަން އިތުރުކުރުމަށް މަޝްވަރާ އިތުރުކުރުމަކީ މުހިންމުކަމެއް: ވަޒީރު ޚަލީލް

އ.ދ.ގެ އެލަޔަންސް އޮފް ސިވިލައިޒޭޝަންސް (ޔޫ.އެން.އޭ.އޯ.ސީ) ގެ 11 ވަނަ ގްލޯބަލް ފޯރަމްގައި ވަޒީރު ޚަލީލް ތަޤްރީރު ކުރެއްވުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 ޑިސެމްބަރު 2025، 10:56

15 ޑިސެމްބަރު 2025، 10:56

ގިނަ ބާރުތަކެއްގެ ވާދަވެރިކަން އިތުރުވެފައިވާ ދުނިޔެއެއްގައި، ހަމަޖެހުމާއި ސަޤާފީ ވިލުންތެރިކަން އިތުުރުކުރުމަށް މަޝްވަރާ އިތުރުކުރުމަކީ މުހިންމުކަމެއް ކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. 

ޚާރިޖީ ވަޒީރު ޚަލީލް މިހެން ވިދާޅުވީ، އ.ދ.ގެ އެލަޔަންސް އޮފް ސިވިލައިޒޭޝަންސް (ޔޫ.އެން.އޭ.އޯ.ސީ) ގެ 11 ވަނަ ގްލޯބަލް ފޯރަމްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ ދުނިޔޭގެ މަސްރަޙުގައި ބާރުތަކުގެ ވާދަވެރިކަން އިތުރުވެފައިވާ މި ދަނޑިވަޅުގައި، ހަމަޖެހުމާއި ސަޤާފީ ވިލުންތެރިކަން އިތުރުކުރުމަށްޓަކައި ޤައުމުތަކުގެ މެދުގައި މަޝްވަރާ އިތުރުކުރުމަކީ މުހިންމުކަމެއް ކަމަށެވެ.

މި ފޯރަމްގައި ދުނިޔޭގެ ތަފާތު ޘަޤާފަތްތަކާއި މުޖުތަމަޢުތަކުގެ މެދުގައި ބައިބައިވުން އުފެދޭ މައިގަނޑު ސަބަބުތަކަށް އަލިއަޅުވާލައި، ބައިނަލްއަޤްވާމީ ޢަދުލު އިންޞާފުގެ ނިޒާމުތަކަށް އޮންނަ އިތުބާރު ހަރުދަނާކުރުމާ ބެހޭގޮތުން މަޝްވަރާ ކުރެވުނެވެ.

ވަޒީރު ޑރ. ޚަލީލްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖެފަދަ ކުޑަ ޤައުމަކަށް ބައިނަލްއަޤްވާމީ މަޝްރަހުގައި ކުރެވޭ މަޝްވަރާތަކަކީ ހަމައެކަނި ޑިޕްލޮމަޓިކް އިޖުރާޢަތެއް ނޫނެވެ. އެއީ ވިލުންތެރިކަން އިތުރުކޮށް، ޤައުމީ ޝަޚްޞިއްޔަތާއި، ސަލާމަތާއި، ދެމެހެއްޓުމަށް ވަރަށް މުހިންމު ކަމެކެވެ. މިގޮތުން، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކަކީ ޘަޤާފީ ތަރިކައަށާއި، އިޖްތިމާޢީ އެއްބައިވަންތަކަމަށް ބުރޫއަރާނެކަމެއް ކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އޭނާ ވަނީ ޑިޖިޓަލް މަންސަތަކުގެ ސަބަބުން ޤައުމުތަކުގެ މެދުގައި ދެބަސްވުން އިތުރުވުމަށް މަގުފަހިވެ، ރުޅިވެރިކަމާއި ދެކޮޅުވެރިކަން އިތުރުވެގެންދާކަމުގެ ބިރު އޮތްކަން ފާހަގަކުރައްވާފައެވެ. ޑރ. ޚަލީލް ވިދާޅުވީ، މިކަމުގެ ސަބަބުން ދިގު މުއްދަތަކަށް ގުޅުންތަކަށް ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު ބޮޑުކަމަށެވެ. އެހެންކަމުން، އިންސާނީ ކަރާމާތް ނެގެހެއްޓޭނެ ގޮތަކަށް، އަދި އެންމެންގެ ބައިވެރިވުން ހިމެނޭ ގޮތަކަށް، ޤައުމުތަކުގެ މެދުގައި މަޝްވަރާ އިތުރުކުރުމުގެ މަސައްކަތަށް މަގުފަހިކޮށްދިނުމަށް ވަޒީރު ޔޫ.އެން.އޭ.އޯ.ސީ އަށް ގޮވާލެއްވިއެވެ.

ވަޒީރު ޑރ. ޚަލީލް އިތުރަށް ވިދާޅުވީ، ޘަޤާފީ ތަރިކަ ހިމާޔަތްކޮށް ދިރުވުމަށްޓަކައި ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަކީ މުހިންމު ކަމެއްކަމަށެވެ. އަދި ދުނިޔޭގައި ބައިބައިވުން އުފެދޭ ކަންކަން ދެނެގަތުމަށް އިތުރު މަސައްކަތްކުރުމަށާއި، ޤައުމުތަކުގެ މެދުގައި ހުރި ތަފާތުތަކަކީ ބައިބައިވުމުގެ ސަބަބަކަށް ވިޔަނުދީ، އެ ތަފާތުތައް ބާރަކަށް ހެދުމަށް މަސައްކަތްކުރުމަށް އޭނާ ގޮވާލެއްވިއެވެ.

ޔޫ.އެން.އޭ.އޯ.ސީ އަކީ ތަފާތު ސަޤާފަތާއި ހަޟާރަތްތަކާއި ޤައުމުތަކާއި ރައްޔިތުންގެ މެދުގައި އޮންނަ އެއްބާރުލުން އިތުރުކޮށް، ބައިބައިވުމާއި ހައްދުފަހަނައަޅައި ދިއުމާ ދެކޮޅަށް މަސައްކަތްކުރުމަށް 2005 ވަނަ އަހަރު ޤާއިމުކުރެވުނު ބައިނަލްއަޤުވާމީ ޖަމުޢިއްޔާއެކެވެ. މި ޖަމްޢިއްޔާގައި އދ.ގެ މެންބަރު ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތައް ހިމެނޭ ގޮތަށް 161 މެންބަރުން ހިމެނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން