ދުނިޔެ
ސިޑްނީގެ ބޮންޑައި ބީޗުގައި ހިނގި ބަޑިޖެހުމުގެ ހާދިސާ ދިވެހި ދައުލަތުން ކުށްވެރިކޮށްފި
ސިޑްނީގެ ބޮންޑައި ބީޗް
އޮސްޓްރޭލިއާގެ ސިޑްނީގެ މަޝްހޫރު ބޮންޑައި ބީޗުގައި ހަތިޔާރު އެޅި ދެ މީހުން ދިން ނިރުބަވެރި ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ގިނަ ބައެއްގެ ފުރާނަ ގެއްލުނު މި ހާދިސާއަކީ ލާއިންސާނީ ޢަމަލެއް ކަމަށް ދިވެހި ސަރުކާރުން ވަނީ ސިފަކޮށްފައެވެ.
ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ، ސިޑްނީގެ ބޮންޑައި ބީޗުގައި ހިނގި ހަމަލާގެ ސަބަބުން މަރުވި މީހުންގެ އާއިލާތަކަށް ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރުގެ ފަރާތުން ތައުޒިޔާ ކިޔާކަމަށެވެ. އަދި މި ހާދިސާގައި ޒަހަމްވެފައިވާ ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދޭ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
"މި ދަތި ޙާލަތުގައި ދިވެހިންގެ ހެޔޮ ދުއާ ވަނީ އޮސްޓްރޭލިއާގެ ސަރުކާރާއި ރައްޔިތުންނާއިއެކު،" ހާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.
މި ހިތާމަވެރި ޙާލަތުގައި ދިވެހި ސަރުކާރުން އޮސްޓްރޭލިއާގެ ސަރުކާރާއިއެކުގައި ކަމަށް ވެސް އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ. އަދި ރާއްޖެ އިން އަބަދުވެސް މަސައްކަތް ކުރާނީ ނިރުބަވެރި ކަމާއި ދެކޮޅަށް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
އޮސްޓްރޭލިއާގެ ނިއު ސައުތު ވޭލްސް ސްޓޭޓްގެ ސިޑްނީގެ ބޮންޑައި ބީޗްގައި ހިނގި އެ ހަމަލާގައި 15 މީހުން މަރުވެ، ދެ ފުލުހުން ވެސް ހިމެނޭ ގޮތަށް 29 މީހުންނަށް ވަނީ އަނިޔާވެފައެވެ. އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތޮނީ އަލްބަނީޒީ ވިދާޅުވެފައިވާ ގޮތުގައި، މި ހަމަލާ އަމާޒުކުރެވިފައިވަނީ ޔަހޫދީ އޮސްޓްރޭލިއާގެ ރައްޔިތުންނަށެވެ. އެ ހަމަލާދިން މީހުންގެ ތެރެއިން އެކަކު މަރުވެފައިވާއިރު، އަނިޔާވެފައިވާ އެހެން މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
މީގެ އިތުރުން، އޮސްޓްރޭލިއާގެ މުސްލިމުންގެ ފަރާތުން ވެސް ވަނީ މި ހަމަލާ ވަރަށް ހަރުކަށި ބަހުން ކުށްވެރިކޮށް، ހަމަލާގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކާއި އެމީހުންގެ އާއިލާތަކަށް ތައުޒިއާ ކިޔާފައެވެ.