ޚަބަރު
ތެރަޕީތަކަށް ނޮވެމްބަރު މަހު ދައުލަތުން 12.3 ހޭދަކުރި، އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ބިހޭވިއާ ތެރަޕީއަށް
އެންސްޕާގެ އޮފީސް. ފޮޓޯ: މިހާރު
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުގެ ހަރަދުގައި ދެވޭ ތެރަޕިއުޓިކް ފަރުވާތަކަށް މިދިޔަ ނޮވެމްބަރު މަހު ޖުމުލަ 12.3 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ހާމަކޮށްފި އެވެ.
އެންސްޕާ އިން ނޮވެމްބަރު މަހުގެ ތެރަޕީގެ ހިސާބުތައް އާންމުކޮށްފައިވާ އިރު، އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ބިހޭވިއާ ތެރަޕީއަށް ކަމަށް އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
އެންސްޕާ އިން ހާމަކުރި ގޮތުގައި މިދިޔަ ނޮވެމްބަރު މަހު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެވުނު ތެރަޕީތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ބިހޭވިއާ ތެރަޕީއަށް ކަމަށް ވާއިރު، އެއަށް 3.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. ދެން އެންމެ ބޮޑު ހޭދައެއް ކޮށްފައިވާ އޮކިއުޕޭޝަނަލް ތެރަޕީ އަށް 3.4 މިލިއަން ރުފިޔާ ހޭދަކުރި އެވެ. ތިން ވަނައަށް އެންމެ ބޮޑު ހަރަދެއް ކުރީ ސްޕީޗު ތެރަޕީއަށެވެ. ޖުމުލަ 267 މީހެއްގެ ސްޕީޗު ތެރެޕީއަށް 3.2 މިލިއަން ރުފިޔާ ހަރަދުކުރި ކަމަށް އެންސްޕާ އިން ބުނެފައިވެއެވެ. މިދިޔަ މަހު އެންމެ ކުޑަ ހަރަދެއް ހިންގީ އާލީ އިންޓަވެންޝަނަށް ކަމަށް ވާއިރު، އެ ފަރުވާ ހޯދި ދެ މީހުންނަށް 9،000ރ. ހަރަދުކުރި އެވެ.
އެންސްޕާގެ ހަރަދުގައި މިދިޔަ މަހު ދިން ތެރަޕީގެ ބާވަތްތަކުގެ ތެރޭގައި ބިހޭވިއާ ތެރަޕީ އާއި އޮކިއުޕޭޝަނަލް ތެރަޕީ އާއި ސްޕީޗު ތެރަޕީ އާއި އާލީ އިންޓަވެންޝަން ތެރަޕީ އާއި ސައިކޯ ތެރަޕީ އާއި އެޑިއުކޭޝަނަލް ތެރަޕީ އަދި ފިޒިއޯ ތެރަޕީ ހިމެނެ އެވެ. އެންސްޕާގެ ހިސާބުތައް ދައްކާ ގޮތުން ދައުލަތުގެ ހަރަދުގައި 359 މީހަކު މިދިޔަ މަހު ތެރެޕިއުޓިކް ފަރުވާ ހޯދި އެވެ. އޭގެ ތެރޭގައި އުމުރުން 18 އަހަރުން ދަށުގެ 342 މީހަކު ހިމެނެ އެވެ.
ފަރުވާ ހޯދި މީހުންގެ ތެރެއިން އެންމެ ގިނައީ ފިރިހެނުންނެވެ. ޖުމުލަ 252 ފިރިހެނުންނަށް މިދިޔަ މަހު ފަރުވާ ދީފައިވާ އިރު، އެންމެ ގިނައިން ފަރުވާ ހޯދި އުމުރުފުރާ ކަމަށްވާ 18 އަހަރުން ދަށުގެ މީހުންގެ ތެރޭގައި ވެސް ގިނައީ ފިރިހެނުންނެވެ. ހިސާބުތައް ދައްކާ ގޮތުން 18 އަހަރުން ދަށުގެ 243 ފިރިހެނަކު ތެރަޕިއުޓިކް ފަރުވާ ހޯދި އެވެ.
އެންސްޕާ އިން ބުނިގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި މިދިޔަ މަހުގެ ނިޔަލަށް 14,398 މީހަކު ރަޖިސްޓަރީ ކޮށްފައިވެ އެވެ. މީގެ ތެރޭގައި އުމުރުން 18 އަހަރުން ދަށުގެ 5,050 މީހުންނާއި 18-64 އަހަރާ ދެމެދުގެ 7,613 މީހުންނާއި 65 އަހަރުން މަތީގެ 2,275 މީހުން ހިމެނެ އެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ވެސް ގިނައީ ފިރިހެނުންނެވެ. ޖުމުލަ 14,398 މީހުންގެ ތެރެއިން 8,669 މީހުންނަކީ ފިރިހެނުންނެވެ.