Ads by Stelco

ޚަބަރު

މިއަހަރުގެ މިހާތަނަށް 2.1 މިލިއަން ފަތުުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވޭ

މިއަހަރުގެ މިހާތަނަށް 2.1 މިލިއަން ފަތުުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވޭ

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 ޑިސެމްބަރު 2025، 11:29

15 ޑިސެމްބަރު 2025، 11:29

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 2.1 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ، މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %10 އިތުރު އަދަދެކެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރަމުންދާ މިންވަރު މި އަދަދުތަކުން ހާމަވެއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 2,106,122 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 1,912,304 ފަތުރުވެރިންނެވެ. އެހެންކަމުން މިއަހަރު ފަތުރުވެރިންގެ އަދަދު %10 އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. އަދި މިމަހުގެ ފުރަތަމަ 13 ދުވަހުގެ ތެރޭގައި 84,061 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %12 އިތުރު އަދަދެކެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި 5 ޤައުމުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޗައިނާއިން ވަނީ އެއްވަނަ ހޯދާފައެވެ. ޗައިނާއިން 320,721 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިން (263,172) އެވެ. އަދި އިނގިރޭސިވިލާތުން 189,513 ފަތުރުވެރިން، ޖަރުމަނުވިލާތުން 158,585 ފަތުރުވެރިން އަދި އިޓަލީވިލާތުން 137,188 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

ފަތުރުވެރިންގެ އަދަދު 2 މިލިޔަނަށްވުރެ މައްޗަށް އަރާފައިވާއިރު، 2 މިލިޔަން ފަތުރުވެރިންގެ ޢަދަދު ހަމަވީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް 2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކުރި އަހަރަކީ 2023 ވަނަ އަހަރެވެ. އެ އަހަރު 2 މިލިޔަން ފަތުރުވެރިން ހަމަވީ ޑިސެމްބަރ 26 ވަނަ ދުވަހުއެވެ. އެހެންކަމުން، މިއަހަރު މި ޢަދަދު ހަމަވެފައިވަނީ މިދިޔަ އަހަރަށްވުރެ 1 މަސްދުވަހު ކުރިންނެވެ. މިހާރު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު 6,466 ފަތުރުވެރިން އާދެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން