ދުނިޔެ
އޮސްޓްރޭލިއާގެ ބޮންޑީ ބީޗް ހަމަލާ ހުއްޓުވުމަށް ހިތްވަރު ދެއްކި މުސްލިމް 'ހީރޯ' އަކީ ކާކު؟
ބޮންޑީ ބީޗް ގައި ހިނގި ހާދިސާގައި އަހްމަދު ޝޫޓަރުގެ އަތުން ބަޑި އަތުލަން އުޅުމުގެ ތެރެއިން
ސިޑްނީގެ މަޝްހޫރު ބޮންޑީ ބީޗަށް ދިން ހަމަލާގެ ވަގުތު، ބިރުވެރިކަމާއި ހަލަބޮލިކަން އިންތިހާއަށް ދިޔަ ދަނޑިވަޅުގައި، މުސްލިމެއް ކަމަށްވާ އަހުމަދު އަލްއަހްމަދު ވަނީ ޤައުމަށް ސިހުން ގެނުވި މި ހަމަލާގެ މަންޒަރުގައި ހީރޯއެއްގެ ގޮތުގައި ފާހަގަ ކުރެވިފައެވެ.
އޭނާ ވަނީ ހަމަލާދިން އެކެއްގެ އަތުން ހަތިޔާރު އަތުލުމަށްޓަކައި އޭނާގެ ފުރާނައަށް ނުރައްކާވީނަމަވެސް، ސީދާ އެކަމުގެ ތެރެއަށް ވަދެފައެވެ.
ނިއު ސައުތު ވޭލްސް ސްޓޭޓްގައި ޔަހޫދީންގެ 'ހަނޫކާ' ޢީދު ފާހަގަކުރަމުން ދިޔަ ވަގުތު، ދިން މި ހަމަލާގައި 16 މީހުން މަރުވެ، ފުލުހުންގެ ބައެއް މީހުންނާއެކު 40 މީހުން ޒަޚަމްވެފައިވެއެވެ. ހަމަލާ ދިން މީހުން ނިއުޓްރަލައިޒް ކުރެވުނު ކަމަށް ސަރުކާރުން ބުނެއެވެ.
އަލްއަހްމަދުގެ ހިތްވަރުގަދަ ޢަމަލު ވަނީ ހަމަލާދިން މީހުންނަށް އިތުރަށް ހަމަކާތައް ދިނުން ހުއްޓުވަމަށް، މުހިންމު ދައުރެއް އަދާކޮށްފައެވެ.
އިންސާނިއްޔަތަށްޓަކައި ފަސްނުޖެހި އެހީތެރިވުން
އަލްއަހްމަދުގެ ގާތްތިމާގެ މީހުންގެ ބަޔާންތަކަށް ބަލާއިރު، އޭނާގެ މި ޢަމަލަކީ ސިޔާސީ ނުވަތަ އެހެންވެސް އެއްވެސް ބޭނުމެއްގައި ކުރި ކަމެއް ނޫނެވެ. އެއީ ހަތިޔާރު އެޅި މީހަކު އާންމުންނަށް އެއްވެސް ބެލުމެއްނެތި ބަޑި ޖަހާތަން ފެނުމުން، އިންސާނިއްޔަތަށްޓަކައި ވަގުތުން ދެއްކި އިޖާބައެކެވެ.
އޭނާގެ ގާތްތިމާގެ މީހެއް ކަމަށްވާ މުސްތަފާ އަލްއަސްއަދު ވިދާޅުވީ، އަލްއަހްމަދަކީ އޮސްޓްރޭލިއާގެ ރައްޔިތެއް ކަމަށާއި، އޭނާގެ އަސްލު ނިސްބަތްވަނީ ސީރިއާގެ ހުޅަނގު އުތުރުގައިވާ އިދްލިބް ޕްރޮވިންސްގެ އަލްނައިރަބް އަވަށް ކަމަށެވެ.
އަލްއަސްއަދު އިތުރަށް ވިދާޅުވީ، އަލްއަހްމަދު ވަނީ ހަމަލާދިން އެކެެއްގެ ފަހަތުން ގޮސް އޭނާގެ ކޮނޑުގައި ހިފައި، އޭނާ ކޮންޓްރޯލްކޮށް ހަތިޔާރު ނެގުމަށް މަސައްކަތްކޮށްފައި ކަމަށެވެ. މިކަމުގައި އޭނާގެ ފުރާނައަށް އޮތް ނުރައްކަލަށް ބެލުމެއް ނެތި ކުރި މި މަސައްކަތް، ހަމަލާގެ ފަހުން އާންމުކުރި ވީޑިއޯތަކުން ސާފުކޮށް ފެނެއެވެ.
ހަމަލާ ހުއްޓުވުމަށް މަސައްކަތް ކުރަމުން ދަނިކޮށް، އަލްއަހްމަދުގެ ކޮނޑަށާއި ވާތަށް ބަޑީގެ ދެ ހަމަލާ އެރިއެވެ. އެހެންކަމުން އޭނާއަށް ވަނީ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ގެންގޮސްފައެވެ.
ސޯޝަލް މީޑިއާގައި ވަނީ އަލްއަހްމަދު ހަމަލާދިން މީހެއްގެ ފަހަތުން ގޮސް، ބަޑި ޖަހަމުން ދިޔަ ނަމަވެސް އޭނާ ކޮންޓްރޯލް ކުރަން މަސައްކަތް ކުރި މަންޒަރު ދައްކުވައިދޭ ވީޑިއޯތައް ހިއްސާކޮށްފައެވެ. މި ރެކޯޑިންގްތަކުން ދައްކާ ގޮތުގައި، ގާތުގައި ހުރި ދެވަނަ ހަމަލާދިން މީހެއްގެ ބަޑީގެ ހަމަލާ އޭނާއަށް އެރިއެވެ.
އަލްއަހްމަދުގެ އާއިލާއިން ބުނީ އޭނާގެ ހާލު ރަނގަޅު ކަމަށާއި، އޭނާގެ ހަށިގަނޑުން ބަޑީގެ ވަޒަން ނެގުމަށްޓަކައި އޮޕަރޭޝަނެއް ކުރަން ހަމަޖެހިފައިވާ ކަމަށެވެ. އޭނާގެ ގާތްތިމާގެ މީހަކު އަލްއަހްމަދާ ހަވާލާދީ ބުނި ގޮތުގައި، އޭނާ ކުރި ކަމަކީ "އިންސާނީ ވާޖިބެއް" ކަމަށާއި، އިތުރަށް ބުނެފައިވަނީ "އެއްވެސް ޝަރަފުވެރި އިންސާނަކު ކުށެއެްނެތް މީހުން މަރާ ތަން ބަލަން ހުރެގެން ނުވާނެ" ކަމަށެވެ.
އަލްއަހްމަދުގެ މި ހިތްވަރުގަދަ އަމަލަށް އޮސްޓްރޭލިއާގައި ރަސްމީ އިދާރާތަކުން އަދި އާންމުންގެ ފަރާތުން ބޮޑު ތަޢުރީފެއް ލިބިފައިވެއެވެ. ސްޓޭޓްގެ ފުލުހުންގެ ކޮމިޝަނަރު މާލް ލަންޔަން އޭނާގެ އަމަލު ސިފަކުރެއްވީ "ހިތްވަރުގަދަ" އަމަލެއްގެ ގޮތުގައެވެ. އަދި އޭނާގެ މި މަސައްކަތުން ގިނަ އަދަދެއްގެ މީހުންގެ ފުރާނަ ސަލާމަތްކުރުމަށް އެހީތެރިވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ނިއު ސައުތު ވޭލްސް ސްޓޭޓްގެ ބޮޑުވަޒީރު ކްރިސް މީންސް ވިދާޅުވީ، އަލްއަހްމަދު ކުރި ކަމަކީ "އަހަރެމެންނަށް ގަބޫލުކުރަން ދަތި މަންޒަރުތަކުގެ ތެރެއިން އެއް މަންޒަރު" ކަމަށެވެ. އަދި އިތުރަށް ވިދާޅުވިއެވެ: "މި މީހަކީ ހަޤީޤީ ހީރޯއެކެވެ، އަދި އޭނާގެ ހިތްވަރުގެ ސަބަބުން މިރޭ ވެސް ގިނަ ބަޔަކު ދުނިޔޭގައި އެބަތިއްބެވެ."
އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތޮނީ އަލްބަނީޒީ ވެސް ވަނީ އަލްއަހްމަދުގެ އަމަލަށާއި، އެހީތެރިވުމަށް ކުރިއަށް ނިކުތް އެހެން އާންމުންގެ އަމަލުތަކަށް ތައުރީފު ކުރައްވާފައެވެ. އަދި އެއީ "ހިތްވަރާއި އިންސާނީ އެއްބައިވަންތަކަމުގެ ހަޤީޤީ މިސާލުތައް" ކަމަށް ވިދާޅުވިއެވެ.
މިކަމާ ގުޅިގެން، އޮސްޓްރޭލިއާގައި ދިރިއުޅޭ މުސްލިމުން ވަނީ މި ހަމަލާ އެންމެ ހަރުކަށި ބަހުން ކުށްވެރިކޮށްފައެވެ. އޮސްޓްރޭލިއާގެ އިމާމުންގެ ނެޝަނަލް ކައުންސިލުން ނެރުނު ބަޔާނެއްގައި، ހަމަލާގެ ޝިކާރައަށް ވެގެން ދިޔަ މީހުންނާއި އެމީހުންގެ އާއިލާތަކަށް ތައުޒިޔާ ކިޔައި، މި ހަމަލާގެ ފަހަތުގައި ތިބި ފަރާތްތައް ޖަވާބުދާރީ ކުރުމަށް ގޮވާލާފައިވެއެވެ. އަދި ހަމަނުޖެހުމުގެ ހުރިހާ ވައްތަރަކަށް އެއްވެސް ޝައްކެއްނެތި ދެކޮޅު ހަދާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.