ޚަބަރު
ސިޓީސް މިނިސްޓްރީގެ މުވައްޒަފުންނަށް ޚަބަރު ލިޔުމާއި، ފޮޓޯނެގުން އަދި ވީޑިއޯ އުފެއްދުމުގެ ތަމްރީން ޕްރޮގްރާމެއް ފަށައިފި
ތަމްރީނުގެ ތެރެއިން/ފޮޓޯ: ވުޒާރާ
ދައުލަތުގެ މީޑިއާ (ޕީއެސްއެމް) އާއި މޯލްޑިވްސް މީޑީއާ އިންސްޓިޓިއުޓުން އިންތިޒާމުކޮށްގެން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ތަމްރީން ޕްރޮގްރާމެއް ފަށައިފިއެވެ.
މި ތަމްރީން ޕްރޮގްރާމުގެ މަޤްޞަދަކީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ މުވައްޒަފުންނަށް ޚަބަރު ލިޔުމާއި، ފޮޓޯ ނެގުމާއި އަދި ވީޑިއޯ އުފައްދަން ދަސްކޮށްދިނުމެވެ.
މި ޓްރެއިނިންގ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވަޒީރު އާދަމް ޝަރީފު ޢުމަރާއި، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަކީބާއި، އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެންވިއެވެ. މި ތަމްރީނުގެ ތެރެއިން މުވައްޒަފުންނަށް އެވުޒާރާގެ ސޯޝަލް މިޑިއާ ބޭނުންކުރާނެ ގޮތުގެ މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާއިރު، މިއަދު ފެށި މި ތަމްރީން ޕްރޮގްރާމްގައި އެ ވުޒާރާގެ އެކި ޑިޕާޓްމެންޓުތަކުން 25 މުވައްޒަފަކު ވަނީ ބައިވެރިވެފައެވެ.
މި ތަމްރީން ޕްރޮގްރާމު ފަށްޓަވައި ދެއްވައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އާދަމް ޝަރީފް ޢުމަރު ވަނީ، އެ ވުޒާރާގެ މުވައްޒަފުންނަށް މިފަދަ ޕްރޮގްރާމެއް ހިންގުމުގެ މުހިންމުކަން ފާހަގަކުރައްވައި، ޕީއެސްއެމް އަށް ޝުކުރު އަދާކުރައްވާފައެވެ. ހަމަ އެހެންމެ، މީގެ ސަބަބުން މުވައްޒަފުންގެ ޤާބިލުކަން އިތުރުވެގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
މި ތަމްރީނުތައް ކުރިއަށްދާނީ މިއަދު މެންދުރު ފަހު 13:00 އިން ހަވީރު 17:00 އަށެވެ. އަދި މާދަމާ ހެނދުނު 10.00 އިން ހަވީރު 17:00 އަށެވެ.